މިއަހަރުގެ ފުރަތަމަ ކުއާޓާގައި ފެނެކައަށް 9 މިލިއަން ގެއްލުން

ރާއްޖޭގައި ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ސަރުކާރު ހިއްސާވާ ކުންފުނި ފެނެކަ ކޯޕަރޭޝަން ލިމިޓެޑަށް މިއަހަރުގެ ފުރަތަމަ ކުއާޓާގައި 9 މިލިއަން ރުފިޔާ ގެއްލުން ވެއްޖެއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން އާންމުކުރާ ކުއާޓަލީ ރިވިއުއިން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓާގައި ފެނަކައަށް އާމްދަނީގެ ގޮތުގައި ލިބުނީ 503 މިލިއަން ރުފިޔާއެވެ. އަދި ހުރިހާ ހަރަދެއް ކަނޑާފައި އެ ކުންފުނި 9 މިލިއަން ރުފިޔާގެ ގެއްލުމެއްގައި އޮތްކަން ރިވިއުއިން އެނގެއެވެ.
މިދިޔަ އަހަރުގެ ކުއާޓާތަކަށް ބަލާއިރު ފެނަކައަކީ ފައިދާ ވަމުން އައި ކުންފުންޏެކެވެ. އެކަމަކު މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުނީގައި 1.3 ބިލިއަން ރުފިޔާގެ ދަރަނި އޮތެވެ. ސަބަބެއްގެ ގޮތުގައި ތަފާސްހިސާބުން ފެންނަނީ ކުންފުނި ހިންގުމަށް ބޭނުންވާ ފައިސާ އެކި ފަރާތްތަކުން ހޯދާފައިވުމެވެ.