ޚަބަރު

އެކަކު ފިޔަވައި އިދިކޮޅު މުޒާހަރާއިން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި

މަސްވެރިންގެ ހައްގުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއްޔެ ހަވީރު މަސް މާރުކޭޓު ސަރަހައްދުގައި ކުރި މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން ދޫކޮށްލައިފިއެވެ.

އެނގިފައިވާގޮތުގައި އިއްޔެ ހައްޔަރު ކުރި 7 އަންހެނުން ބަންދު މުއްދަތު މަޖިލީހަށް ކޯޓަށް ނުގެންގޮސް ދޫކޮށްލަން ފުލުހުން ވަނީ ނިންމާފައެވެ. ހައްޔަރު ކުރި 3 ފިރިހެނުންގެ ތެރެއިން އެކަކު ކޯޓަށް ނުގެންގޮސް ދޫކޮށްލަން ނިންމާފައިވާއިރު، ކްރިމިނަލް ކޯޓުން އެކަކު ޝަރުތުތަކަކާއެކު ދޫކޮށްލަން ވަނީ ނިންމާފައެވެ. އަދި 3 ވަނަ މީހާގެ ބަންދަށް ކޯޓުން 3 ދުވަސް ދީފައިވެއެވެ.

3 ދުވަހަށް ބަންދު ކުރީ ޕީޕީއެމްގެ ޒުވާނުންގެ ހަރަކާތުގައި އުޅޭ އަލީ އިޒުހާން އެވެ.

އިޒުހާން ހައްޔަރުކޮށްގެން ގެންދަނީ

ކިރާ މަހަށް ހަމަ އަގު ނުލިބޭ މައްސަލާގައި އިދިކޮޅުން ކުރި މުޒާހަރާއިން 10 މީހަކު ހައްޔަރު ކުރީ، މުޒާހަރާގެ ބައިވެރިން މަރުކަޒީ ބޭންކު ހުންނަ އިމާރާތް ކައިރިއަށް ގޮސް ޖުމްހޫރީ މައިދާނާ ދިމާލަށް ހިނގައިގަނެ، އެ ސަރަހައްދުގައި ފުލުހުން ޖަހާފައިވާ ބެރިކޭޑާ ހަމައަށް އައުމުގެ ސަބަބުންނެވެ. އެ ސަރަހައްދުން 2 މީހަކު ހައްޔަރު ކުރުމަށްފަހު އިތުރު މީހުން ހައްޔަރު ކުރީ އެސްއޯ ފުލުހުން ނިކުމެ އާންމުން ފަހަތަށް ޖައްސަމުން ގޮސް މަސް މާރުކޭޓާ ވީ ހިސާބުންނެވެ.

2 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button