
މާލޭގެ ބޮޑުތަކުރުފާނުމަގަށް ސްޓެލްކޯގެ ލޮނުފެން ހޮޅިއެއްފަޅައިގެންގޮސް އެކަން ހައްލުކޮށްދިނުމަށް މާލެ ސިޓީކައުންސިލުން އެދިފައިވާކަމަށްބުނެ އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް ކައުންސިލުން ސޯޝަލް މީޑިއާގައި ހިއްސާކުރި މަޢުލޫމާތާއި ގުޅިގެން ސްޓެލްކޯއިން މާލެ ސިޓީ ކައުންސިލް ބަދުނާމުވާގޮތަށް އެކުންފުނިން ރަސްމީކޮށް ސޯޝަލްމީޑިއާގައި ދޮގު މަޢުލޫމާތު ފަތުރާފައިވާތީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
”ވަރަށް ހިތާމަކުރާ ކަމެއްމީ ސްޓެލްކޯއިން ކައުންސިލް ބަދުނާމުވާގޮތަށް ރަސްމީ ސޯސްތަކުން، އެބޭފުޅުންގެ ރަސްމީ ޓްވިޓާއިންނާ،ރަސްމީގޮތުން އަޅުގަނޑުމެން ބަދުނާމުވާގޮތަށް،އިއްޔެގަ ވާހަކަތަކެއް މިވަނީ ދައްކަވާފަ. ޙަޤީޤަތާ އެއްކޮށް ޚިލާފް. ކަންފުޅެއްވެސް ޙަޤީޤަތެއްނެތް“
މިކަން ހިނގާ ދިޔަގޮތް ތަފްޞީލްކޮށްދެއްވަމުން މޭޔަރު ވިދާޅުވީ ބޮޑުތަކުރުފާނު މަގަށް ފެން ލީކުވާ މައްސަލަ 17 އޮކްޓޯބަރުގައި ކައުންސިލްގެ ސަމާލުކަމަށް އައި ހިސާބުން އެމް ޑަބްލިޔު އެސް ސީ އާއި ގުޅުންހުރި ކަމެއްތޯ ބެލުމަށް އެ ކުންފުންޏަށް ކައުންސިލްގެ ފަރާތުން އެންގިފައިވާކަމަށާއި، އެއާއިއެކު އެކުންފުންޏާއި ގުޅޭ މައްސަލައެއްކަމުގައި ޤަބޫލުކުރެވިގެން އެމް ޑަބްލިޔު އެސްސީއިން ވަގުތުން އެކަމުގެ މަސައްކަތްވެސް ފެއްޓެވިކަމަށެވެ. އެހެން ނަމަވެސް އެމްޑަބްލިޔު އެސް ސީ އިން ބެލިބެލުމުން އެ މައްސަލައަކީ ސްޓެލްކޯ އާއި ގުޅުންހުރި މައްސަލައެއްކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެވަގުތުން ފެށިގެން މާލެ ސިޓީ ކައުންސިލްގެ ޓީމަކުން އެސަރަޙައްދަށްގޮސް ބެލުމަށްފަހު، ސްޓެލްކޯގެ މުވައްޒަފުންގެ ސަމާލުކަމަށް މިކަންގެނެސްފައިވާކަމަށެވެ. މިއާއިއެކު ސްޓެލްކޯގެ މުވައްޒަފުންވެސް ވަނީ އެސަރަޙައްދަށް ވަޑައިގެން އެކަން ބައްލަވާފައެވެ.
މޭޔަރު ވިދާޅުވީ މިކަން ސްޓެލްކޯގެ ސަމާލުކަމަށް ގެނެސްދީފައިވަނީވެސް އިސްވެ މާލެ ސިޓީކައުންސިލުންކަމަށެވެ. އަދި ކައުންސިލްގެ ސުޕަވައިޒަރުން ސްޓެލްކޯގެ މުވައްޒަފުންގެ ފަރާތުން މިކަން ހައްލުކޮށްދެއްވުމަށް 17 އޮކްޓޯބަރުގައި އެދިފައިވާކަމަށާއި، އެހެންނަމަވެސް 18 އޮކްޓޯބަރުގައި ކައުންސިލްގެ ޓީމުން އެސަރަޙައްދަށްގޮސް ބެލިއިރުވެސް ސްޓެލްކޯއިން އެއްވެސް މަސައްކަތެއް އެތަނުގައި ކުރިއަށް ނުގެންދާކަމަށާއި އެއްވެސް ހުއްދައަކަށްވެސް އެދިފައިނުވާކަން ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމުގައި މޭޔަރު ވިދާޅުވިއެވެ. މީގެއިތުރުން މޭޔަރު ވަނީ ސްޓެލްކޯގެ ފަރާތުން މިކަމުގައި އުޅުއްވި އެކުންފުނީގެ ޕަވަރ ޖެނެރޭޝަންގެ މުވައްޒަފުންގެ ނަންތައްވެސް ހާމަކުރައްވާފައެވެ.
ސްޓެލްކޯގެ ޕަވަރ ޖެނެރޭޝަންގެ މުވައްޒަފުންގެ ތެރެއިން މި މައްސަލައާއި ގުޅިގެން ކައުންސިލާއިއެކު މުޢާމަލާތްކޮށްފައިވަނީ ޣަފޫރު ކިޔާ ބޭފުޅަކާއި،އިސްމާއިލްގެ އިތުރުން މުޙައްމަދު އާދަމް ކިޔާ ބޭފުޅެކެވެ. މި މައްސަލަ ކައުންސިލްގެ ސަމާލުކަމަށް އައި ފުރަތަމަ ދުވަހުންފެށިގެން މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާއިބެހޭ ބައިގެ އިސްވެރިޔާ ކައުންސިލް އެގްޒެކެޓިވް ޝަމްހޫޒާ އަހުމަދު ވަނީ މިކަން ހައްލުކުރުމަށް ސްޓެލްކޯ އާއިއެކު ކުރަންޖެހޭ އެންމެހާ މަޝްވަރާތައްކޮށްފައި ކަމުގައި މޭޔަރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ފޯނުން މުޢާމަލާތު ކޮށްގެންވެސް މި މައްސަލަ ހައްލުކުރުމުގެ އެއްވެސް މަސައްކަތެއް ދެދުވަސް ވީއިރުވެސް ސްޓެލްކޯގެ ފަރާތުންކޮށްފައި ނުވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.
މޭޔަރު ވިދާޅުވީ ކައުންސިލްގެ ރަސްމީ ޓްވިޓާއިން ރައްޔިތުންގެ ސަމާލުކަމަށްޓަކައި މިމައްސަލަ ހައްލުކޮށްދެއްވުމަށް ސްޓެލްކޯއަށް ދެންނެވިފައިވާކަން ހާމަކޮށްފައިވަނީ އެއްވެސްގޮތަކަށް ނުރަނގަޅު ވިސްނުމެއްގައި ނޫންކަމަށެވެ. އެހެންނަމަވެސް ސްޓެލްކޯގެ ފަރާތުން ފެނިގެންދިޔައީ ކައުންސިލް ބަދުނާމުކުރުމަށް އެކުންފުނީގެ ރަސްމީ އެކައުންޓްތަކުން ދޮގު މަޢުލޫމާތުތަކެއް އާންމުކުރެވިގެން ދިޔަ މަންޒަރުކަމަށާއި، މިއީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.
މިފަދަ ބުހުތާނު ދޮގު ޓްވީޓްތަކެއް ކުރުމާއި ގުޅިގެން ސްޓެލްކޯގެ މުވައްޒަފުން ބުނެފައިވަނީ މިކަންކޮށްފައިވަނީ ކައުންސިލުން ޓްވީޓްކުރުމާއި ގުޅިގެން އެކަމަށް ރައްދުދިނުމުގެ ގޮތުންކަމަށެވެ. މޭޔަރު ވަނީ މިއީ ރަސްމީ މުއައްސަސާއަކުން ކަންތައްކުރައްވަންޖެހޭ ގޮތްތޯ ސުވާލުއުފައްދަވާފައެވެ.
ބޮޑުތަކުރުފާނުމަގުގެ ތާރުގަނޑު އަޑިން ސްޓެލްކޯއަށް ލޮނުފެން ނެގުމަށް އަޅާފައިވާ ހޮޅިއެއް ފަޅައިގެންގޮސް މަގަށް ލޮނުފެން ލީކުވަމުންދާތީ މިކަމުގެ ސަބަބުން އާންމު ރައްޔިތުންގެ އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކަށްޓަކައި މިކަން ހައްލުކޮށްދިނުމަށް @STELCOMALDIVES އަށް ވަނީ އެންގިފައި. pic.twitter.com/UXsqtWAlSS
— Male' City Council (@MaleCitymv) October 19, 2022
ސްޓެލްކޯ އަކީ މަގުތަކުގެ މަސައްކަތްތައް ކުރުމަށް ކައުންސިލަށް އެންމެ ގިނައިން އީމެއިލްކުރާ ކުންފުނިކަމަށާއި، މިކަމުގައި މެއިލްވެސް ކޮށްފައިވަނީ 19 އޮކްޓޯބަރުގެ މެންދުރުފަހު 13:10 ގައި އާންމުކޮށް މިފަދަ ޚިދުމަތްތަކަށްއެދި މެއިލްކުރާ އެޑްރެސްއަށްނޫންކަމުގައި މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ.
މިކަމުގައި ބައެއް މީޑިއާތަކުން ކައުންސިލްގެ ބަހެއްހޯދުމަކާއި ނުލާ އެއްފަރާތަށްބުރަވެ ކައުންސިލް ބަދުނާމުވާގޮތަށް ޚަބަރު ފަތުރާފައިވުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއްނޫންކަމަށް މޭޔަރާއި ކައުންސިލަރުން ފާހަގަކުރެއްވިއެވެ.
މޭޔަރު އިތުރަށް ވިދާޅުވީ މާލެ ސިޓީކައުންސިލުން ސަރުކާރުގެ ކޮންމެ މުއައްސަސާއަކު ކަމަކުއެދުނު ކަމުގައިވިޔަސް އެކަމަކަށް ފުރިހަމަ އެއްބާރުލުން އަބަދުވެސް ދެމުންދާކަމަށާއި، މިކަމުގައިވެސް ކައުންސިލްގެ އިސްނެންގެވުމުގެމަތިން ފުރިހަމަ އެއްބާރުލުން ދީފައިވާކަމަށެވެ. އަދި މިކަމާއިގުޅިގެން ސްޓެލްކޯގެ ޗެއަރމަން ރިޓަޔާޑް ބްރިގޭޑިއަރ އިބްރާހިމް މުޙައްމަދު ދީދީވެސް ވަނީ މިކަން ހިނގާދިޔަގޮތް އޮޅުން ފިލުއްވާ ސްޓެލްކޯގެ ފަރާތުން މަޢާފަށްވެސް އެދިވަޑައިގަންނަވާފައި ކަމުގައި މޭޔަރު ވިދާޅުވިއެވެ. މީގެ އިތުރުން އެލްޖީއޭގެ ސީއީއޯ ފާތިމަތު އަފްޝަން ލަތީފް އާއިވެސް މިކަން ހިނގާދިޔަގޮތް ހިއްސާ ކުރެވިފައިވާކަމަށް މޭޔަރު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި މިކަމާއިގުޅިގެން ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ އިތުރުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއުވެސް އާއި އިތުރު ކައުންސިލަރުންވެސް ވަނީ ކަންބޮޑުވުންފާޅުކުރައްވާފައެވެ.
ސްޓެލްކޯއިން ސޯޝަލްމީޑިއާގައި ފަތުރާފައިވާ ދޮގު މަޢުލޫމާތު ކުށްވެރިކޮށް މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ މިކަން ހިނގާދިޔަގޮތުގެ ތަފްޞީލާއިއެކު ނޫސް ބަޔާނެއްވެސް ނެރެފައެވެ. އެބަޔާނުގައި ބުނެފައިވަނީ މާލޭ ސިޓީ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ މާލޭ ސިޓީގައި ދިމާވާ މިފަދަ އެކިއެކި މައްސަލަތަކަށް ކަމާއި ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން މިކައުންސިލުން ދެވެން އޮތް އެހީތެރިކަމާއި އެއްބާރުލުން އެންމެ ހަލުވިމިނެއްގައި ދީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ގެއްލުންތަކުން ސަލާމަތް ކުރުމަށްކަމަށެވެ.
މިއާއިއެކު މިފަދަ މައްސަލަތައް ހައްލުކުރެވޭނީ ކަމާއި ގުޅުންހުރި މުއައްސަސާތައް ވީހާވެސް ޒިންމާދާރުކަމާއެކު މަސައްކަތް ކޮށްގެންކަމުގައި ދެކޭތީ މިފަދަ ކަންކަމުގައި ޝާމިލްވާ ހުރިހާ މުއްސަސާތަކުން ދޭންޖެހޭ އެއްބާރުލުން ދިނުމަށް ވެސް ކައުންސިލުންވަނީ ގޮވާލާފައެވެ.
Council thee konbaye
Badunaamu vaahaka dakaane kameney
Gas vikee huda nagaigen tho
Javaab