އަމިއްލަފުޅު ސަރުކާރުގައިވެސް ގޯސްތަކެއް ހިނގާފައި ހުރެދާނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ހއ.ކެލާގައި މިރޭ ބޭއްވި މަވެސް ޕީޕީއެމް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ޕާޓީ ތެރޭގައި ތިބި ބައެއް މީހުންގެ އަމިއްލަ މުހުތާދުތައް ނުފުދިގެން ހިތްހަމަނުޖެހޭ ކަންކަންވެސް ހުރެދާނެ ކަމުގައެވެ.
”އެއީ ހިޔާލު ތަފާތުވުން. އެއްވެސް މީހަކަށް މުޅި ހުރިހާ ރައްޔިތުން މުޅި ޕާޓީގެ އެންމެން ރުހޭ ގޮތަކަށެއް ނުހުރެވޭނެ. އެއީ ވާނެކަމެއް ނޫން.
ޔާމީން ވިދާޅުވީ މުޅިތަނުގެ ނުވަތަ ޕާޓީގެ މަސްލަހަތަށް ބަލާފައި ކުރާ ކަންކަން ކުރައްވާނެ ކަމުގައެވެ. ޔާމީން ވަނީ އެމަނިކުފާނަށްވެސް ކުށެއް ކުރެވިދާނެކަން ފާހަގަކުރައްވާފައެވެ.
”އަޅުގަނޑަކީ އިންސާނެއް. އަޅުގަނޑުވެސް ކުށް ކުރާނެ. ކުށް ކުރެވިފަ ހުންނާނެ. އަދިވެސް ކުށް ކުރެވޭނެ. އެކަމަކު އަޅުގަނޑު ދަންނަވާނީ މި ހިޔާލު ތަފާތުވުންތައް ދޫކޮށްލާށޭ.“ ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ފާހަގަކުރެއްވިގޮތުގައި ކުރިޔަށް އޮތް ރިޔާސީ އިންތިހާބަކީ ޕާޓީ ތެރޭގައި ހުރި ހިޔާލު ތަފާތުވުން އެއް ފަރާތެއްގައި ބޭއްވުމަށްފަހު ގައުމަށްޓަކައި މަސައްކަތް ކުރަން ޖެހޭ އިންތިހާބެކެވެ.