ޚަބަރުސިޔާސީ

އަދުގެ ސިޔާސީ މަސްރަހު ޖަމީލު ސިފަކުރެއްވީ އިންދިރާސްވެފައިވާ ދައުލަތެއްގެ ގޮތުގައި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިންސާފުން ޝަރީއަތް ނުގެންދެވޭ ކަމަށާއި ހަމަހަމަކަން ނެތްކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ފޭސްބުކްގައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޑރ.ޖަމީލު ވިދާޅުވީ މިއަދު އެއްވެ އުޅުމަކީވެސް ކުށެއްކަމަށާއި، އަސްލު ކުށް ކުރި 270 އަށްވުރެ ގިނަ މީހުންގެ ލިސްޓް ކޮބައިތޯ އާއި ހޯދަން ބުނި މަރުތަކުގެ ހަގީގަތާއި، ލިވާތުގެ ބޮޑު ކުށަށް  ގާއިމްކުރެވުނު އަދަބަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ.

ވެންޓިލޭޓަރުގެ ވައްކަމުގެ ކުށް ހިންގި މީހުންނާއި އެއީ ނުހިނގާ ކަމެއްތޯ އާއި، ހިޔާނާތުގެ ދައުވާ ކުރެވުނު ވަޒީރުންގެ ޝަރީއަތުގެ މަޖިލިސް ނުބޭއްވިގެން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އުޅުއްވާތޯ ޖަމީލު ސުވާލު ކުރެއްވިއެވެ. އަދި ދާދި ފަހުން ހުޅުމާލޭގައި މަރުވެފައި އޮއްވާ ފެނުނު ޒުވާނާ އަކީ އަގެއް ނެތް ފުރާނައެއްތޯ ސުވާލު އުފައްދަވައި އެއީ ބަލަންވެސް ނުޖެހޭ ކަމެއްކަމަށް އެމްޑީޕީ އިން ރައްޔިތުންގެ މަޖިލީހުގައި ވޯޓު ދިންކަމަށް ޖަމީލު ވިދާޅުވިއެވެ.

”ފެނިގެންދަނީ މުޅިދައުލަތް އެކީ ރައީސް ޔާމީނުގެ މައްޗަށް ނުހައްގުން ދައުވާ އުފުލުމުގައި އަވަދިނެތި އުޅޭ މަންޒަރު.“ ޖަމީލު ވިދާޅުވިއެވެ.

އިންސާނީ ހައްގުތަކުގެ އަސާސަކީ ކޮންމެ މީހަކާއި މެދުވެސް ހަމަހަމަކޮށް ކަންތައްކުރުން ކަން ޖަމީލު ފާހަގަކުރެއްވިއެވެ. އިންސާފުން ޝަރީއަތް ކުރުމަކީ ގާނޫނު އަސާސީ އާއި ބައިނަލްއަގްވާމީ މުއާހަދާތަކުން ލިބިފައިވާ ހައްގެއްކަންވެސް ޖަމީލު ފާހަގަކުރެއްވިއެވެ.

”ޕާޓީ ބޮޑުން، ވަޒީރުން، މަޖިލިސް މެންބަރުން އަދި އާންމު ރައްޔިތުން މިކަމުގައި އިސްތިސްނާ ނުވޭ. ވަކި ފާޓީގެ ފިކުރަކަށް ތާއީދު ކުރުންވެސް ނުހިމެނޭ.“ ޖަމީލު ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު ޝެއިހު އިމްރާނަށް ފާޑުވިދާޅުވަމުން ޑރ.ޖަމީލު ފާހަގަކުރެއްވިގޮތުގައި ވަނީ ހުރިހާކަމެއް ހިނގާއިރު ޖިނާއީ އަދުލުގެ ނިޒާމުގެ އެންމެ މަތީގައި ހުންނެވީ އިމްރާން ކަމަށް ޖަމީލު ވިދާޅުވިއެވެ. އަދި ހުރިހާކަމެއް މިވެރިކަމުގައި ކުރަމުން ދަނީ ކީރިތި ރަސޫލާ ވެރިކަން ކުރެއްވި ފަދައިންކަމަށް އިމްރާން ވިދާޅުވެ، ދީނީ ތާކިހާ އަޅުއްވާފައި ތިއްބެވި އިމްރާނު ފަދަ ބޭފުޅުންވެސް ހައްގު ގޮތް ދޫކޮށްލައްވައި، ހަސަދަވެރިކަމުގެ ވަބާއިން އަރައިނުގަނެވި އުޅުއްވާތީ މީސްތަކުންނަށް އެބޭފުޅުންގެ އަސްލު އޮޅިއްޖެ ކަމަށް ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވިގޮތުފައި މިއަދުގެ ހާލަތު ހުރި ގޮތަކީ، ގާނޫނު ވަކި މީހަކާ އަރާ ހަމަވުމުން އިންސާފުން ޝަރީއަތް ކުރުމަށް ރައީސް ސޯލިހްގެ ވެރިކަމުގައި ފެއިލްވެފައިވާ ކަމެވެ. ވެރިކަމަށް އަންނަނީ އެތައް ރައްޔިތުންގެ އުންމީދުތަކެއް ފުއްދައިދޭނެކަމަށް ހުވާކޮށް އަހުދު ވުމަށްފަހުގައި ކަމަށާއި، އަދުލުވެރިކަމާއި އިންސާފުން ރައްޔިތުންނަށް ވެރިކަމެއް ކޮށްދިނުމަށް ކަމަށް ވާއިރު، މި ސަރުކާރުގައި ޕާޓީގެ ބޮޑުންނާއި، ވަޒީރުންނާއި، މަޖިލިސް މެންބަރުން އަދި ސަރުކާރަށް ތާއީދު ކުރާ މީހަކު ނަމަ ދައުވާއެއް، ޝަރީއަތެއް ނުވަތަ އެއަރޕޯޓަކުން ސެކިއުރިޓީ ޗެކުކުރުމެއްވެސް ނުވާކަން ޖަމީލު ފާހަގަކުރެއްވިއެވެ.

އިންސާފުވެރި ޝަރީއަތެއް ކޮންމެ މީހަކަވެސް ލިބެންޖެހޭކަން ފާހަގަކުރައްވައި ޖަމީލު ވިދާޅުވީ އިދިކޮޅު ލީޑަރު ރައީސް ޔާމީނަށްވެސް އިންސާފު ލިބެން ޖެހޭ ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button