
އެމެރިކާއިން ސީރިއާ އާއި އިރާގަށް ވައިގެ ހަމަލާތަކެއް ދީފިއެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާއިން ދިން މި ހަމަލާ ތަކަކީ އިރާނުގެ އެހީތެރިކަމާއި އެކު ހަރަކާތްތެރިވާ ހަނގުރާމަވެރިންތަކަކަށް ދިން ހަމަލާތަކެކެވެ. އަދި މި ހަމަލާ ތަކަކީ ހަނގުރާމަވެރި ޖަމާއަތްތަކުން އިރާގުގައި ހަރަކާތްތެރިވާ އެމެރިކާގެ ސިފައިންނަށް ޑްރޯން ހަމަލާތަކެއް ދިނުމުން އެކަމުގެ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެއްކަމަށްވެސް އެ ބަޔާނުގައިވެއެވެ.
މި ހަމަލާތައް އަމާޒުކޮށްފައިވަނީ ހަނގުރާމަވެރިން ހަތިޔާރު ރައްކާކުރަން ބޭނުންކުރާ ގުދަންތަކަކަށެވެ. އެގޮތުން، ސީރިޔާގެ ދެ ގުދަނަކާއި އިރާގުގެ ގުދަނަކަށް ހަަމަލާ ދީފައިވެއެވެ. މިހަމަލާގައި އެއްވެސް މީހަކު މަރުވެފައިވާކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.
އެމެރިކާގެ މި ހަމަލާތަކާއި ގުޅިގެން އިރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ސައީދް ހާތިބްޒަދީހު މިއަދު ވިދާޅުވީ، އެމެރިކާއިން ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން ގެއްލެނީ ސަރަހައްދީ ހަމަޖެހުން ކަމަށެވެ.
މިއީ އެމެރިކާގެ ރައީސް ކަމާއި ޖޯ ބައިޑެން ހަވާލުވެވަޑައިގެންނެވި ފަހުން، އިރާނުގެ އެހީތެރިކަމާއި އެކު ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރި ޖަމާއަތަކަށް ހަމަލާދިން ދެެވަނަ ފަހަރެެވެ. މީގެ ކުރިންވެސް މިދިޔަ ފެބްރުއަރީ މަހު ބައިޑެންގެ އަމުރަށް ސީރިއާގެ ބައެއް ސަރަހައްދުތަކަށް ހަމަލާދީފައިވާ ކަން ފާހަގަކޮށްލެވެއެވެ.