ޚަބަރު

އަނބިކަނބަލުނަށް ސަރުކާރުން އެއްވެސް ފައިސާއެއް ނުދޭކަމަށް ވިދާޅުވެ އިމްރާން އިތުރުފުޅު ހެއްދެވިކަން ހާމަވެއްޖެ

ހޯމް މިނިސްޓަރު އިމްރާންގެ އަނބިކަނބަލުން، ފާތިމަތު ޔުމްނާ ކިޔަވައިވިދާޅުވުމަށްފަހު ވަޑައިގެންނެވި ފަހުން އެއްވެސް އިނާޔަތެއް ނުވަތަ މުސާރައެއްވެސް ނުލިބޭކަމަށް ވިދާޅުވެ އިމްރާން ހެއްދެވީ އިތުރުފުޅެއްކަން ހާމަވެއްޖެއެވެ.

ފާތިމަތު ޔުމްނާ ކިޔަވައިވިދާޅުވާން ތައިލެންޑަށް ވަޑައިގެންނެވިއިރު ހުންނެވީ މިނިސްޓްރީ އޮފް ޖެންޑަރ ގެ ނައިބުވަޒީރެއްގެ މަގާމުގައެވެ. ތައުލީމު ހާސިލުކުރުމަށް ޔުމްނާ ތައިލެންޑަށް ވަޑައިގަތީ ޖެންޑާ މިނިސްޓްރީގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި އެފަދައިން ކަންކުރެއްވީ ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތައް ކިޔަވައިވިދާޅުވާން ރާއްޖެއިން ބޭރަށް ވަޑައިގަންނަވާއިރު، ވަޒީފާ ދޫކޮށްލަންޖެހޭތީ ކަމަށް މިނިސްޓަރ އިމްރާން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް ވަޒީފާއިން އިސްތިއުފާ ދެއްވުމަށްފަހު ކިޔަވައިވިދާޅުވުމަށް ޔުމްނާ ތައިލެންޑަށް ވަޑައިގަތުމުން ޖެންޑާ މިނިސްޓްރީއިން ވަނީ އެ މިނިސްޓްރީގެ ދަށުން ހިންގާ ދެ ޕްރޮޖެކްޓެއްގެ ކޮންސަލްޓޭންޓުކަން ޔުމްނާއަށް ހަމަޖައްސައިދީފައެވެ.

މައުލޫމާތުލިބޭ ގޮތުގައި އެ ޕްރޮޖެކްޓުތަކަކީ ޖެންޑާ މިނިސްޓްރީގެ ޖެންޑާ ޓްރެއިނިންގ މެނުއަލް އަދާހަމަކުރުމުގެ މަސައްކަތާއި، އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ސަ ޕެސިފިކް (އެސްކެޕް) އިން ހިންގާ ޕްރޮޖެކްޓެކެވެ. ޖެންޑާ މިނިސްޓްރީގެ ޖެންޑާ ޓްރެއިނިންގ މެނުއަލް އަދާހަމަ ކުރާ މަޝްރޫއަކީ 3 ފަހަރު މަތިން ކޮންސަލްޓޭންޓެއް ހޯދަން އިއުލާންކޮށްގެން، އެ މަގާމަށް ސީދާ ޔުމްނާ އައްޔަންކުރުމަށްޓަކައި ކުރި މަސައްކަތެއްކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން 21 ސެޕްޓެންބަރުގައި ކުރި އިއުލާނުގެ މައުލޫޟާތު ޝީޓު ބަދަލުކޮށްގެން ދެވަނަ ފަހަރަށް އެ އިއުލާން ކޮށްފައިވަނީ 22 ސެޕްޓެންބަރުގައި ކަމަށްވާއިރު، 2 ވަނަ އިއުލާނަށް އެކަށީގެންވާވަރަށް ތަރުހީބު ނުލިބޭކަމަށް ނިންމައި އެ އިއުލާން ބާތިލްކޮށްފައިވެއެވެ. އަދި 3 ވަނަ ފަހަރަށް އެ މަގާމަށް މީހަކު އައްޔަންކުރުމަށްޓަކައި 18 އޮކްޓޫބަރުގައި އަލުން އިއުލާންކުރުމުން އެކަމަށް 3 ފަރާތަކުން ޝައުގުވެރިކަން ފައުޅުކުރި ކަމަށް މައުލޫމާތު ލިބެއެވެ.

އެ 3 ފަރާތުގެ ތައުލީމާއި، ތަޖުރިބާއަށް ބަލާއިރު އެންމެ މަތިން މާކްސް ލިބުނު ފަރާތަށް ލިބުނު މާކްސް ދަށްކޮށް، އެ ފަރާތާ އެ މަސައްކަތް ހަވާލުނުކުރާކަމަށާއި، ޔުމްނާއަށް ލިބުނު މާކްސް އިތުރުކޮށް އެ މަގާމު ޔުމްނާއަށް ދީފައިވާކަމަށް، ޖެންޑާ މިނިސްޓްރީގައި މަސައްކަތްކުރާ މީހަކާ ހަވާލާދީ ”ދިޔަރެސް“ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

އަދި މިކަން މިގޮތަށް ކޮށްފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް އިމްރާންގެ ސަޕޯޓު އޮތްކަން ކަށަވަރުކޮށް، އިމްރާނު ރުއްސުގެ ބޭނުމުގައިކަމަށް ރައީސް އޮފީހުގެ މުވައްޒަފެއްވެސް ވިދާޅުވިކަމަށް ”ދިޔަރެސް“ ނޫހުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، ޔުމްނާ ދެން މަސައްކަތްކުރާ އެސްކެޕް ޕްރޮޖެކްޓުގެ މުސާރަޔާ އިނާޔަތް އެސްކެޕް އިން ޔުމްނާއަށް ދޭކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އެ ޕްރޮޖެކްޓުގައި ޔުމްނާއ މަސައްކަތްކުއްވަނީ ޖެންޑާ މިނިސްޓްރީގެ އުމުރުން ދުވަސްވީ މީހުންނަށް ހިދުމަތް ފޯރުކޮށްދޭ ސެކްޝަނާއެކުގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button