ބޮޑު ކަންނެލީގެ މަސްވެރިކަން ނެތިގެން ހިނގައިދާނެ: މަސްވެރިން

ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ސިނާއަތް އެކީ ނެތިގެން ހިނގައިދާނެކަމުގެ ބިރު އެބައޮތް ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން މިއަދު ބުނެފިއެވެ.
ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޮޑުކަންނެލި މަސް ގަނެވޭނެ އެންމެ ކުޑަ އަގެއް ކަނޑައެޅުމަކީ އެ ޔޫނިއަނުން މިހާރު ކުރަމުން އަންނަ އެންމެ މުހިއްމު މަސައްކަތް ކަމުގައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސްވެރިންނަށް މަހުގެ ހަމައަގު ހޯދައިދިނުމަށް ވެފައިވާ ވައުދު ފުއްދުމުގެ ގޮތުން 2021 ވަނަ އަހަރުގައި މަސްވެރިންނާއި ބޮޑުކަންނެލި ގަންނަ ކުންފުނިތަކާއެކު މަޝްވަރާކުރި ކަމުގައިވީ ނަމަވެސް އެއްވެސް ކުރިއެރުމެއް އައިސްފައިނުވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ތެލުގެ އަގަށް ބައިނަލްއަޤުވާމީ ބާޒާރުގައި އަންނަ ހެޔޮ ބަދަލު ރާއްޖޭގައި ތެޔޮ ވިއްކާ އަގަށް ނައުމާއި، މިފްކޯގެ އައިސް ޕްލާންޓުތައް ދަރަނިން ސަލާމަތްނުވެވިގެން އުޅޭ ފެނަކައިގެ ދަށަށް ބަދަލުކުރުމަކީ އެކަމުގެ ސަބަބުން އައިސް ގަންނަން ލިބޭ އަގު އިތުރަށް އުފުލޭނެ ކަމެއްގެ ގޮތުގައި ޔޫނިއަނުން ފާހަގަކުރެއެވެ. އަދި ކަންނެލި ގަންނަ ކުންފުނިތަކުގެ ހާލަތު ރަނގަޅުވުމަކީ މުހިއްމުކަމެއް ކަމުގައި ދެކޭކަމަށާއި، އެ ކުންފުނިތަކަށް ސަރުކާރުން ލިބެންޖެހޭ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކަންނެލި ކިރޭ މިންވަރު މަދުވެ، ކިއުގައި އެތައް ދުވަހެއް ހޭދަކުރަންޖެހިފައިވާ ކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.