
ދިވެހިރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން، އެ ރަށުގެ މަސްވެރިންނާ މިރޭ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ 2023 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި، މަސްވެރިންގެ ޝަކުވާތަކާއި ގޮންޖެހުންތަކަށް ހައްލު ހޯދޭނެ ކަމުގައެވެ. އެ ބައްދަލުވުމުގައި މަސްވެރިންގެ ކަންބޮޑުވަންތަކާއި ޝަކުވާތައް އަޑުއައްސަވައި އެކަމާ ގުޅޭ ގޮތުން ރައީސް މަޝްވަރާ ކުރައްވާފައިވެއެވެ.
މި ބައްދަލުވުމުގައި، މަސްވެރިން ކިރާ މަހަށްވާ ރުފިޔާ ލަހުން ލިބޭކަމުގެ ޝަކުވާއާއި، އައިސް އަދި ތެޔޮލިބުން ދަތިވާހަކައާއި، އެމީހުން ބާނާ މަސް ކިރުމުގައި ދިމާވާ ދަތިތަކުގެ ވާހަކަ ރައީސްއާ ހިއްސާކޮށްފައިވެއެވެ. އަދި ބޭންކު ލިމިޓްގެ ސަބަބުން ދަތިތަކަކާ ކުރިމަތިވާއިރު، މަސްވެރިންގެ ކަނޑު އުޅަނދުފަހަރުގައި ސެޓަލައިޓު ފޯނު ބޭނުންކުރުމުގައި އުދަނގޫވާކަމާއި، އެމީހުންގެ މެދުގައި ފައިސާ ބެހުމުގައި ދިމާވާ މައްސަލަތަކުގެ ވާހަކަތައްވެސް ދައްކާފައިވެއެވެ.
އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި އެ މައްސަލަތަކަށް ހައްލު ހޯދޭނެ ކަމަށާއި، އެ މައްސަލަތައް މިހާތަނަށް ހައްލުނުކުރެވި ހުރީ މަސްވެރިކަމުގައި ބޭނުންކުރާ އުޅަނދުތައް ތަރައްގީ ވަމުން އައި ވަރަށް، ސަރުކާރުތަކުން މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރަން މަސައްކަތް ކުރަންޖެހޭވަރަށް، އެ ބާރުމިނުގައި އެކަން ކޮށްފައިނުވާތީ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފާއިތުވި 12 ވަރަކަށް އަހަރު ތެރޭގައިވެސް އެ ބީދައިން މަސްވެރިކަމުގެ ސިނާއަތަށްޓަކައި މަސައްކަތެއް ކުރެވިފައިނުވާކަމަށް ރައީސް ފާހަގަކޮށްފައިވެއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުފައި، މިހާރުގެ ސަރުކާރުން، މަސްވެރިކަމުގެ ސިނާއަތް ކުރިއަށް ގެންގޮސް، މަސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި މަސްކުންފުނިތަކުގެ ކެޕޭސިޓީވެސް އިތުރުކުރުމަށް މަސައްކަތްކުރެވެމުންދާކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
މަސްވެރިކަމުގެ ސިނާއަތުގައި ފަރެސްމާތޮޑާއަކީ މުހިންމު ސަރަހައްދެއްކަމަށް ފާހަގަކުރަމުން ރައީސް ވަނީ، މަސްވެރިންގެ ފަރާތުން، އެމަނިކުފާނަށް ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.
މަސްވެރިންގެ ދުވަސް ފަރެސްމާތޮޑާގައި ފާހަގަކޮށްފައިވާއިރު، މަސްވެރިންނާއެކު ބޭއްވުނު މަޝްވަރާ ބައްދަލުވުމުގެ އިތުރުން، އެރަށުގައި މަސްވެރިންގެ ފޯރަމަކާއި، މަސްވެރިކަމާއި ގުޅުވައިގެން ކެރިއަރ ގައިޑެންސް ޕްރޮގްރާމެއް ހިންގާފައިވާއިރު، ފަރުމަސްވެރިކަމުގެ ވާދަވެރި މުބާރާތަކާއި ފިޝަރީޒް އެކްސްޕޯއެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ރައީސް ސޯލިހުގެ ވެރިކަން ނިމެން އަހަރެއް ވެފައިވާއިރު، މަސްވެރިންނަށް އެމަނިކުފާނު ވެވަޑައިގެންނެވި އެއްވެސް ވައުދެއް އަދި މިހާތަނަށް ފުއްދަވައެއް ނުދެއްވައެވެ.