ޚަބަރު

ވެންޓިލޭޓަރު ޚިޔާނާތުގައި ޝާމިލްވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލައިފި

ވެންޓިލޭޓަރ ހޯދުމަށް ކުރި މުޢާމަލާތުގެ ޚިޔާނާތާ ގުޅޭ މައްސަލައިގައި ޝާމިލްވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލައި، ޓޮރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ބަޔާނެއް ނެރެފިއެވެ.

މިބަޔާނުގައިވާގޮތުން، ރައްޔިތުންގެ ފައިސާއިން 30 މިލިއަން އަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށް، ދިވެހި ދަޢުލަތުން އެގްޒެކިއުޓާރސް ޖެނެރަލް ޓުރޭޑިންގ މެދުވެރިކޮށް ގަނެފައިވާ 75 ވެންޓިލޭޓަރަށް ވެފައިވާ ގޮތުގެ ޙަޤީޤަތެއް މިއަދަ ހަމަޔަށްވެސް ސާފުނުވެ، މިކަމުގައި ޖަވާބު ދާރީވާނެ ފަރާތެއެއް ހޯދިފައިނުވާއިރު، މިމައްސަލައިގައި ތުހުމަތު ކުރެވޭ 8 ފަރާތެއްގެ މައްސަލަ ޕޮރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން އަނބުރާ ފޮނުވާލައިފައިވާތީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި 8 ފަރާތުގެ މައްސަލަ ފައިލްކުރުމަކީ އެޖަމިއްޔާއިން ކަންބޮޑުވާ ކަމެކެވެ.

އިތުރަށް މިބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުރީގެ ހެލްތު މިނިސްޓަަރ ޢަމީން އާއި އެކު 11 މީހެއްގެ މައްޗަށް ދަޢުވަކުރުމަށް 3 ފަހަރެއްގެ މަތިން ޕީޖީ އޮފިހަށް ފޮނުވާލުމުން އަނބުރާ މައްސަލަ ފޮނުވާލަފައިވާއިރު، މިމައްސަލަ 4 ވަނަ ފަހަރަށް ޕީޖީ އޮފީހަށް ފޮނުވުމުން، ޕީޖީ އޮފީހުން މީގެ ތެރެއިން 8 ފަރާތެއްގެ މައްސަލަ ދަޢުވާނުކޮށް އަނބުރާ ފޮނުވުމާއި، އޭސީސީން އެ ފަރާތްތަކުގެ މައްސަލަ ފައިލްކުރުމަކީ މިމައްސަލަ ބަލާ ފިޔަވަޅުއެޅުމުގެ ސިޔާސީ ނިޔަތާއި ތަހުޤީގުގެ ފެންވަރާއި މެދު ސުވާލު އުފެދޭ ކަމެކެވެ.  އަދި މިމައްސަލައިގައި ހާމަކަން ކުޑަވުމުގެ ސަބަބުން ވަކި ފަރާތެއްގެ މައްޗަށް ޢަދުލު އިންސާފުގެ ބާރު ނުފޯރުވުމާއި، މަޤާމުގައި ތިބި ބާރުގަދަ މީހުން ކުށުން ބަރީއަވެގަނެވެނީތޯވެސް ސުވާލު އުފައްދާފައިވެއެވެ.

ހަމަ އެއާއެކު ހިންގުމުގެ ނިޒާމަށް އޮންނަން ޖެހޭ ޢާންމުންގެ އިތުބާރަށް ނެދެވޭ އަސަރުކުރާނެ ކަމަށްވެސް ވަނީ މިބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ. އެގް ޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ މެދުވެރިކޮށް ސިންގަލް ސޯސް ޕްރޮކިއުމެންޓުގެ އުޞޫލުން ވެންޓިލޭޓަރ ގަތުމަށް، ހަޤީޤަތާ ޚިލާފު މަޢުލޫމާތު ބެނުންކޮށްގެން ޕާރފޯމެންސް އަދި އެޑުވާންސް ޕޭމަންޓު ގެރެންޓީ ބެހެއްޓުމެއްނެތި ބިޑު ކޮމިޓިީއިން ގަތުމަށް ނިންމި ބުރޭންޑު ނޫން އެހެން ބުރޭންޑެއްގެ ވެންޓިލޭޓަރ ފޯރުކޮށް ދިނުމަށް އެއްބަސްވުމުގެ ޖުމްލަ އަގުގެ 90 އިންސައްތައަށްވާ ފައިސާ ދައްކާފައިވުމަކީ، ވަކިފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަންކަން ކަމުގައި ބެލެވޭކަމަށް ވެސް މިބަޔާނުގައި ބުނެފައިވެއެވެ.

މިފަދަ މައްސަލަތައް ބަލާ ތަހުޤީގުކުރުމުގެ ޒިންމާ އުފުލަމުންދާ މުޢައްސަސާތަކުން އަމިއްލަ މަސްލަހަތާއި ދެބަސްވުންތައް އެއްފަރާތްކޮށް، އާއްމު މަސްލަހަތު އިސްކުރުމާއި، ނަޒާހަތްތެރި ކަމާއި އެކު މަސައްކަތްކުރުމަށް ޓްރާންސްޕޭރެންސީން ވަނީ ގޮވާލާފައެވެ. އަދި ވެންޓިލޭޓަރގެ ކޮރަޕްޝަންގެ ސަބަބުން ސީދާގޮތުންނާއި ނުސީދާގޮތުން ފައިދާ ވެފައިވާ ފަރާތްތަކަށް ފިޔަވަޅުއެޅުމަކީ ކޮރަޕްޝަން ހުލުވިފައިވާ ދޮރު ބަންދުވުމަށް އެޅޭ މުހިއްމު ދޮރެއްކަމުގައި ވެސް މިބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ސަރުކާރަށާއި ދަޢުލަތުގެ ކަމާގުޅޭ އެއްމެހާ މުޢައްސަސާތަކަސް ކޮރަޕްޝަން ނައްތާލަން ގޮވާލާ ކަންކަން ކުރަންވީ ގޮތްތަކެއްވެސް ވަނީ މިބަޔާނުގައި ވަނީ އަޅުވާލައިފައެވެ. މީގެތެރެއިން އަލި އަޅުވާލައިފައިވަނީ:

  • ރައްޔިތުންގެ މަސްލަހަތު ހިމެނޭ މިފަދަ މައްސަލަތަކުގައި، ހާމަކުރެވެންހުންނަ މައުލޫމާތު އަމިއްލަ އިސްނެގުމުގެ މަތިން ރައްޔިތުންނާ ހިއްސާކޮށް، ރައްޔިތުންގެ އިތުބާރު އިތުރުކުރުން
  •  ސަރުކާރުގެ ޒީރޯ ޓޮލަރަންސް ޓު ކޮރަޕްޝަން ޕޮލިސީއާ އެއްގޮތަށް، ކޮރަޕްޝަނަށް މަގުފަހިނުވާނެގޮތަށް އެންމެހާ ޕޮލިސީތަކާއި އުސޫލުތައް ބަދަލުކޮށް ތަންފީޒުކުރުން.
  • ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ މުއައްސަސާތަކަށް އެކަށީގެންވާ މާލީ ގާބިލުކަން، ތަމްރީން އަދި
    ވަސީލަތްތައް ފޯރުކޮށްދީފައިވާކަން ރައްޔިތުންގެ މަޖިލީހުން ކަށަވަރުކުރުން
  • މިނިވަން މުއައްސަސާތަކަކީ އެފަރާތްތަކުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ފުރިހަމަ މިނިވަންކަން ލިބިފައިވާ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މުއައްސަސާތަކެއްކަން ކަށަވަރުކުރުން.
  • ދައުލަތުގެ މުއައްސަސާތަކުން މާލިއްޔަތު ގާނޫނާއި ގަވާއިދުތަކާ އުސޫލުތައް ތަންފީޒުކުރާކަން މިނިސްޓްރީ އޮފް ފިނޭންސްއިން ކަށަވަރުކުރުމާއެކު، މާލިއްޔަތު ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް އަމަލު ކުރާ ފަރާތްތަކާއި މުއައްސަސާތަށް ޖަވާބުދާރީ ކުރުވާ ފިޔަވަޅުއެޅުން،

ފަދަކަންތައްތަކަަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button