ވ.ފެލިދޫ ދާއިރާގެ ތަރައްޤީ އާއި ގުޅޭ މަޝްރޫޢުތައް ހުއްޓިފައި އޮތީ ކޮވިޑް 19 އާއި ރަޝިޔާ ޔޫކްރެެއިން ހަނގުރާމަ އާއި ގުޅިގެން ކަމަށް ސަރުކާރުން ބުނެފިއެވެ.
ސަރުކާރުން މިކަން އަންގާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު އަށް ފޮނުއްވި ސިޓީ އެއްގައެވެ. މެންބަރު ފަޒުލް ވަނީ ސަރުކާރުން ފޮނުއްވި ސިޓީ ސޯޝަލް މީޑިއާގައި އާންމު ކުރައްވާފައެވެ.
— Mp Fazul Rashyd (@FaZuLRaShYd) August 23, 2022
ފެލިދޫ ދާއިރާގެ 3 ރަށުގެ ބައެއް މަޝްރޫޢުތައް 2023 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިދެއްވުމަށްއެދި 30 ޖޫން 2022 ގައި ފަޒުލް ވަނީ ރައީސް އޮފީހަށް ހުށަހަޅުއްވާފައެވެ.
2023 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިދެއްވުމަށް އެދި ފަޒުލް ހުށަހަޅުއްވާފައިވާ ސިޓީގައި ހިމަނުއްވާފައިވާ މަޝްރޫޢު ތަކުގެ ތެރޭގައި ވ.ފުލިދޫގެ ބަނދަރުހެދުމާއި ވ.ފެލިދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ އިތުރުން ވ.ތިނަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ތިނަދޫ ކައުންސިލްގެ އައު އިމާރާތް ތަރައްޤީ ކުރުމުގެ މަޝްރޫޢު ހިމެނެއެވެ.
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކޮށްފައި ފަޒުލްގެ ސިޓީ އަށް ފޮނުއްވި ޖަވާބުގައި ވިދާޅުވެފައިވަނީ 2023 ވަނަ އަހަރުގެ ބަޖެޓް ތައްޔާރުކުރުމުގެ މަރުހަލާގައި އެ މަޝްރޫޢުތަކަށް ރިއާޔަތް ކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް ކޮވިޑް19 އާއި ރަޝިޔާ ޔޫކްރެެއިން ހަނގުރާމަ އާއި ގުޅިގެން ދުނިޔޭގެ އިޤްތިޞާދު ހީނަރުވެ، ތެލާއި ތަކެތީގެ އަގު ބޮޑުވެފައިވާތީ ދަޢުލަތުގެ ޚަރަދުތައް ކުރިން އަންދާޒާ ކުރިވަރަށްވުރެ އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓް އެކުލަވާލުމުގައި ދަޢުލަތުގެ ޚަރަދުތައް ވީހާވެސް ކުޑަކުރެވޭނެގޮތަށް، މަޝްރޫޢުތައް ހިމެނުމަށް އިސްކަންދޭނެ ކަމަށް ރައީސް އޮފީހުގެ ސިޓީގައި ބުނެފައި ވެއެވެ.
އަތޮޅު ތެރޭގެ ތަރައްޤީ އަށް ރައީސް ސޯލިހުގެ ސަރުކާރުން އިންޤިލާބީ ބަދަލެއް ގެނައިކަމަށް ސަރުކާރުގެ ވެރީން ސޯޝަލް މީޑިއާގައި ބުނަމުންދިޔަ ނަމަވެސް ސަރުކާރުގެ ދަރަނި އިންތިހާއަށް އިތުރުވެ ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ވަނީ ހުއްޓިފައެވެ.
ދަޢުލަތުގެ ޚަރަދުތައް ކުޑަކުރަން ފެލިދޫ ދާއިރާގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓިފައިވާކަމަށް ސަރުކާރުން ބުނެފައިވާއިރު، ރައީސް ސޯލިހްގެ ސަރުކާރު ފާހަގަކުރެވެނީ ފަހުގެތާރީޚެއްގައި ރާއްޖޭގައި އުފެދުނު އެންމެ ޚަރަދުބޮޑު ސަރުކާރުގެ ގޮތުގައެވެ.
ސިޔާސީ މަޤާމުތަކުގައިވެސް 1000 އަށްވުރެ ގިނަ މީހުން ތިބިއިރު މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ ބައެއް ވަޒީރުންގެ އާއިލީ މެންބަރުން ބޭރުގެ އެމްބަސީތަކުގައި ބައިތިއްބައިގެން މިލިއަނުން ދަނީ ޚަރަދުކުރަމުންނެވެ. މީގެއިތުރުން ރައީސް ސޯލިހު އާއި ސަރުކާރުގެ އިސްވެރިން ދުނިޔޭގެ އެކި ޤަައުމުތަކަށް ކުރާ ދަތުރުތަކުގެ ޚަރަދުތައް ވަނީ އަތްނުފޯރާ ހިސާބަށްގޮސްފައެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބު ދައްކާގޮތުން މި ހިނގާ އޯގަސްޓް މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް 116.1 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދަތުރުތަކަށް ޚަރަދުކޮށްފަ އެވެ.
މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދަތުރުތަކަށް ޚަރަދުކުރި ވަރަށް ވުރެ 50.4 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.