
ވ.އަތޮޅުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ސަރުކާރުން ވަމުންދާ އިހުމާލާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވ. ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދުގެ ނުރުހުން ސަރުކާރަށް އަމާޒު ކުރައްވައިފިއެވެ.
މިއަދު ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ ވ. އަތޮޅު ފެލިދޫ ދާއިރާގައި ހިމެނޭ ތިން ރަށް ކަމުގައިވާ ފުލިދޫ، ފެލިދޫ، އަދި ތިނަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް 2019 ވަނަ އަހަރު އިއުލާނު ކުރެވި މިހާރު އިންޑިއާގެ ކުންފުންޏަކާއި ހަވާލުކުރެވިފައިވީ ނަމަވެސް މިއަދާއި ހަމަޔަށް އައި އިރުވެސްއެދެވޭ ސްޕީޑެއްގައި މަސައްކަތްތަކެއް ނުހިނގާ ކަމަށެވެ.
ފެލިދޫ ދާއިރާގެ ތިން ރަށަށް ކަނޑައަޅާފައިވާ މަޝްރޫޢުތައް ނުހިންގޭނަމަ، ބޭރު ޤައުމުތަކުން ނަގާފައިވާ ލޯނުތަައް އަދާކުރާއިރުވެސް ޚިދުމަތުގެ ފުރިހަމަބޭނުން ނުލިބިދާނެކަން ޔަޤީންވާކަމަށްވެސް ފަޒުލްގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.
އަދި އެހެން ރަށްރަށެކޭ އެއްފަދައިން ވ. އަތޮޅުގައިވެސް ތިބީ ރައްޔިތުން ކަމަށާއި، ވ. އަތޮޅުގެ އާބާދީ ކުޑަވިޔަސް ދަޢުލަތަށް ދައްކާ އުޖޫރަ ކުޑައެއްނުވާނެކަމަށް ފަޒުލް ވިދާޅުވިއެވެ. އެގޮތުން އެ އަތޮޅުގައި 6 ރިސޯޓް އެބައޮތް ކަމަށާއި ރިސޯޓްތަކުން ޓެކްސްގެ ގޮތުގައި ސަރުކާރަށް ފައިސާ ދައްކަމުންދާކަން ފަޒުލް ފާހަގަކުރެއްވިއެވެ.
”ވ.އަތޮޅުގެ އާބާދީ ކުޑަވެދާނެ، އެހެންނަމަވެސް ވ. އަތޮޅުން އަޅުގަނޑުމެން ވަކި ދަޢުލަތަށްދައްކާ އުޖޫރަ ކުޑައެއްނުވާނެ. އެހެންވީމާ ވ. އަތޮޅުގެ ރައްޔިތުންނަށް ކީއްވެތޯ އަސާސީ ޚިދުމަތްތައް ނުލިބިގެން މިއުޅެނީ“ ފަޒުލް ވިދާޅުވިއެވެ.
ވ. އަތޮޅުގެ ހުއްޓިފައިވާ އަސާސީ ޚިދުމަތްތަކާއި ގުޅިގެން ފަޒުލް އިތުރަށް ވިދާޅުވީ ވ. ފެލިދޫގެ ނަރުދަމާގެ މަސައްކަތް ސްޓެލްކޯ އާއި ހަވާލުވުމަށްޓަކައި ކުރެވުނު މަސައްކަތް އަދިވެސް ނުނިމޭކަމަށެވެ.
”ފެނާއި ނަރުދަމާގެ މައްސަލަ އަކީ އަސާސީ ހައްގެއްކަމަށް ގާނޫނު އަސާސީގައި ލިޔެވިފައި އޮތްއިރު، މި އަސާސީ ހައްގު ދެވުނީ ކޮންހިސާބަކުންކަންވެސް އަޅުގަނޑުމެން ބަލާލަން އެބަޖެހޭ.“ ފަޒުލް ވިދާޅުވިއެވެ.
ލަފާފުރުމުގެ ދަތިކަން ހުރި ރަށްރަށުގެ މައްސަލަތަކަށް ހައްލެއް އަންނަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެ ފަޒުލް ވަނީ ސަރުކާރުން މިކަންކަމަށް އެއްބާރުލުން ނުދެއްވާކަން ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.
އަދި އަސާސީ ޚިދުމަތްތައް ދިނުމުގައި ސަރުކާރުން ވަމުންދާ އިހުމާލަށް ނިމުމެއް ގެންނަންޖެހޭކަމުގައި ފަޒުލް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ފަޒުލްގެ ވާހަކައިގައި ފެލިދޫ ދާއިރާގެ ތަރައްގީގެ މަޝްރޫއުތަކާއި ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުއަށް ފޮނުއްވި ސިޓީގެ ޖަވާބާއިމެދުވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ފަޒުލްގެ ސިޓީއަށް ސަރުކާރުން ދެއްވި ޖަވާބުގައި ބުނެފައިވަނީ ވ.ފެލިދޫ ދާއިރާގެ ތަރައްޤީ އާއި ގުޅޭ މަޝްރޫއުތައް ހުއްޓިފައި އޮތީ ކޮވިޑް 19 އާއި ރަޝިޔާ ޔޫކްރެެއިން ހަނގުރާމަ އާއި ގުޅިގެން ކަމަށެވެ. ފަޒުލް ވިދާޅުވީ ސަރުކާރުން ދެއްވި ޖަވާބާއިމެދު ހިތާމަކުރައްވާ ކަމަށެވެ.
ސަރުކާރުގެ މި ޖަވާބާއި ގުޅިގެން ފެލިދޫ ދާއިރާގެ ގިނަ ރައްޔިތުންގެ އިތުރުން އެތައް ރައްޔިތުންގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.