
މިއަދަކީ ދިވެހިންގެ އެންމެ ފަހުރުވެރި ދުވަސް ކަމުގައިވާ ގައުމީ ދުވަސް ކަމުގައި ވިޔަސް، މިއަދު ލޮލުން ފާއްދާލަނީ ފުންއަސަރުގެ ކަރުނަ ކަމުގައި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަނަވެ ނާމާން ވަމުންދާ ދުވަސްތަކެއްގެ ހިތްދަތި ކަމާއެކުވެސް ގައުމީ ދުވަހުގެ ހެޔޮއެދުންތައް ލޮބުވެތި ރައްޔިތުންގެ އަރިހަށް ފޮނުއްވާ ކަމުގައެވެ. އަދި މިއަދު އެންމެ ބޮޑަށް އެބޭފުޅެއްގެ ޒިކުރާ އައު ކުރަންޖެހޭ ބޮޑުތަކުރުފާނުގެ މަތިވެރި ޖިހާދުގެ ހަނދާން އެމަނިކުފާނު އައު ކުރެއްވިއެވެ. އެހެން ނަމަވެސް މިއަދު ލޮލުން ފާއްދާލަނީ ފުން އަސަރުގެ ކަރުނަ ކަމުގައި ޔާމީން ވިދާޅުވިއެވެ. ބެލެވޭގޮތުގައި އެމަނިކުފާނު އިޝާރާތް ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި މެދު ގެންގުޅުއްވާ ސިޔާސަތަށެވެ. ހާއްސަގޮތެއްގައި އަަވަށްޓެރި އިންޑިއާ އަށް ބަރޯސާވެފައިވާ މިންވަރެވެ.
ބަނަވެނާމާންވަމުންދާދުވަސްތަކެއްގެހިތްދަތިކަމާއެކުވެސް ޤައުމީދުވަހުގެހެޔޮއެދުންތައްލޮބުވެތިރައްޔިތުންގެއަރިހަށްފޮނުވަމެވެ.ބޮޑުތަކުރުފާނުގެ މަތިވެރި ޖިހާދެވެ.ނަމަވެސް މިއަދުލޮލުން ފާއްދާލަނީފުންއަސަރުގެކަރުނައެވެ😢
— Abdulla Yameen (@prz_ymn) September 27, 2022
ރާއްޖޭގެ ގައުމީ ދުވަހަކީ ގާނޫނުއަސާސީގައި އެ ދުވަހުގެ ވާހަކަ ބަޔާން ކުރާ ހަމައެކަނި ދުވަހެވެ.
މި ދުވަސް ފާހަގަކުރަނީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީއުލްއައްވަލް މަހުގެ އެއް ވަނަ ވިލޭރޭ، ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި ބޮޑު ތަކުރުފާނާއި އެ ތަކުރުފާނުގެ ބޭކަލުން ކުރެއްވި ޖިހާދުގެ ހަނދާން އައު ކުރުމުގެ ގޮތުންނެވެ. ރަސްމީ ސިފައެއްގައި އެ ދުވަސް ފާހަގަ ކުރާތާ މިއީ 80 ވަނަ އަހަރެވެ.
ޕޯޗުގީޒުންގެ އަތް ދަށުގައި ރާއްޖެ އޮތީ 15 އަހަރާއި 6 މަސް ދުވަސް ވާންދެނެވެ. އެއީ ދިވެހިން ދުށް އެންމެ އަނިޔާވެރި ދުވަސްތަކެވެ.