ޚަބަރު

ނޮޅިވަރަމްގައި ފުލުހުންގެ ޓީމެއް ހަރަކާތްތެރިވާން ފަށައިފި

މިދިޔަ ހޮނިހިރު ދުވަހު، ހދ. ނޮޅިވަރަމްގައި މަރާލާފައި އޮއްވާ ފެނުނު، އުމުރުން 28 އަހަރުގެ ނިޝާމާގެ މަރުގެ މައްސަލަ ތަހުގީގްކުރުމުގެ މަސައްކަތް ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ޓީމަކުން ފަށައިފިއެވެ.

ފުލުހުން އެ ރަށުގައި ހަރަކާތްތެރިވާން ފަށާފައިވަނީ އިއްޔެގެ މެންދުރުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ޖެންޑަރ މިނިސްޓްރީގެ ޓީމުން ވަނީ އިއްޔެގެ ވަގުތެއްގައި ނިޝާމާގެ ކުދިންނަށް ޒިޔާރަތްކޮށް އެކުދިންގެ ހާލަތުވެސް ބަލާފައެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރުވަގުތުގައި ނިޝާމާގެ ހަށިގަނޑު، އޭނާ އުޅޭ ގޭގެ ތެރެއިން ފެނިފައިވާއިރު، ނިޝާމާގެ އާއިލާއިން އެމަރުގެ ތުހުމަތު ކުރަނީ ނިޝާމާގެ ފިރިމީހާ، އދ. ފެންފުށި، އަބޫބަކުރު ފައިސަލްއަށެވެ. މިހާރު ފައިސަލްވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރީ، ނިޝާމާ މަރާލުމަށްފަހު ފިލާފައިވާކަމަށް ހަބަރުތައް ފެތުރުނުފަހުން، އަމިއްލައަށް އައިސް ފުލުސް ސްޓޭޝަނަށް ދިއުމުންނެވެ.

މިމައްސަލައާ ގުޅިގެން ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓުމޯޓަމް ހެދުމަށް ފުލުހުން ނިންމާފައިވެއެވެ. މައުލޫމާތު ލިބޭގޮތުގައި، ނިޝާމާގެ ފިރިމީހާ، ފައިސަލްއަކީ މަސްތުވާތަކެތިވެސް ބޭނުންކުރާ މީހެކެވެ. އަދި އޭނާގެ ކުރީގެ އަނބިމީހާއަށްވެސް އެތައް ފަހަރެއްގެ މަތިން އަނިޔާކޮށް، ވަޅިން ބިރުދައްކާފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މި މައްސަލާގައި ނިޝާމާގެ ފިރިމީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button