ޚަބަރުސިޔާސީ

ރައީސް ސޯލިހު އިންސާފު ހޯއްދަވައި ދެއްވަނީ އެކި މީހުނަށް އެކި ވަރަށް: ޑރ.ޖަމީލް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންސާފު ހޯއްދަވައި ދެއްވަނީ އެކި މީހުނަށް އެކި ވަރަށް ކަމުގައި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުޑަކުއްޖަކާ ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށުގައި 10 އަހަރަށް ޖަލަށް ލާފައިވާ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ، އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) ރައީސް ސޯލިހު މިނިވަން ކުރެއްވި ކަމަށް ވިދާޅުވެފައެވެ.

ކުޑަކުދިންނާ ޖިންސީ ގޯނާ ކުރުމުގެ ކުށަކީ ރައީސުލްޖުމްހޫރިއްޔާއަށް މަފް ދެވޭ ކުށަކަށް ނުވާއިރު، ރައީސް ސޯލިހު ހޯރަ އިއްބެގެ އަދަބު ލުއިކޮށްދެއްވީ ޖަލު ހުކުމުގެ މުއްދަތުގެ ފަސް އަހަރު ބާކީ އޮއްވަ އެވެ. އަދި އަދަބު ލުއި ކޮށްދިނީ ހުކުމުގެ ބާކީ އޮތް މުއްދަތުން ތިން ދުވަސް ނޫން އެހެން ހުރިހާ ދުވަހެއް މަފްވާ ގޮތަށެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ޖަމީލު އަލިއަޅުވައިލެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަހުމަދު ނާޒިމް އަބްދުއްސައްތާރު، ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އެމްޑީ އަލަމްގީރު އާއި އެއްކޮށް ލިވާތު ކުރި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ލުއި ދައުވާއެއް ކުރި ކުރުމުގެ މައްޗަށެވެ. ލިވާތުގެ ދައުވާގެ ބަދަލުގައި ނާޒިމްގެ މައްޗަށް އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ދައުވާ އުފުލުމުން އޭނާ ކުށަށް އިއުތިރާފް ވުމުގެ ސަބަބުން ކްރިމިނަލް ކޯޓުން ނިންމީ އޭނާ 3 މަހާއި 26 ދުވަސް ވާންދެން ގޭ ބަންދު ކުރާށެވެ. އެކަމަކު އަލަމްގީރަށް ކުރީ 7 މަސް ދުވަހުގެ ޖަލު ހުކުމެކެވެ.

ޖަމީލް ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ އެމްޑީޕީ ވެރިންގެ މައްސަލަ ސަރުކާރުން ނުބަލާތީ އެކަންވެސް ފާހަގަކުރައްވާފައެވެ. އަދި އެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ ޝަރީއަތް ނުފެށި ލަސްވާ މައްސަލަވެސް ޖަމީލް ފާހަގަކުރެއްވިއެވެ.

ޖުމްލަ ގޮތެއްގައި މި ސަރުކާރުގެ އިންސާފު ޖަމީލު ސިފަކުރެއްވީ ރައީސް ސޯލިހުގެ ”ސިލެކްޓިވް ޖަސްޓިސް“ ނުވަތަ ވަކި ބަޔަކަށް އަމާޒުކޮށްގެން ހޯދައިދެވޭ އިންސާފުގެ މައްޗަށެވެ. އަދި ވަކި ބަޔަކު ތާ އަބަދު ނާއިންސާފުގެ މަގުގައި ތިބެންޖެހޭ ތިބުމެވެ.

 

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button