ޚަބަރުސިޔާސީ

ވިއަވަތި ރާއްޖެ ކޮންފަރެންސުން ރައްޔިތުންގެ ހިޔާލާ މަޝްވަރާއާއެކު ލާމަރުކަޒީ ނިޒާމު އިތުރަށް ފުރިހަމަ ކުރެވޭނެ: ރައީސް

ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ބޭނުމަކީ ލާމަރުކަޒީ ނިޒާމަށް ގެންނެވި ބަދަލުތައް ތަންފީޒު ކުރެވެމުންދަނީ ރައްޔިތުން އެދޭގޮތަށްތޯ ދެނެގަނެ، ރައްޔިތުންގެ މަޝްވަރާއާ ޚިޔާލު ހޯއްދަވައިގެން މުޅި ނިޒާމު ފުރިހަމަ ކުރެއްވުން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން އިންތިޒާމުކޮށް މިއަދު ލ. އަތޮޅުގައި ފެށި ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖޭގެ ތަރައްޤީގެ ކަންކަން ވިލަރެސް ކުރުމުގައި، މި ކޮންފަރެންސްގައި ކުރެވޭ މަޝްވަރާތަކުން ނިންމާ ނިންމުންތަކަށް ރިޢާޔަތްކުރެވި އެކަންކަމަށް އަމަލީ ސިފަ ގެނެވޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ރައީސް ވަނީ އއ. އުކުޅަހުގައި ބޭއްވި ވިއަވަތި ކޮންފަރެންސުން ފެށިގެން މި ކޮންފަރެންސްއާ ހަމައަށް އައިއިރު ލާމަރުކަޒީ ނިޒާމު ހިންގުމުގައި އެކަށީގެންވާ ރަނގަޅު ނަތީޖާތަކަކާއި ކުރި އެރުންތަކެއް ޙާޞިލުކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.

ލާމަރުކަޒީ ނިޒާމު އިތުރަށް ފުރިހަމަ ކުރުމަށް ކުރަންހުރި ކަންކަމާމެދު މި ކޮންފަރެންސްގައި މަޝްވަރާކުރެވޭ އިރު، ރާއްޖޭގެ އިޖުތިމާޢީ އުފާފާގަތި ކަމަށް އެންމެ ބޮޑަށް ހުރަސް އެޅިފައިވާ، އިޖުތިމާޢީ 3 މައްސަލަކަމުގައިވާ ހަރުކަށި ފިކުރާ، ގޭންގް ކުށްތަކާ، މަސްތުވާތަކެތީގެ މައްސަލަ ތަކާމެދު ކޮންފަރެންސްގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ކޮންފަރެންސްގެ ބައިވެރިންގެ ކިބައިން ރައީސް އެދިވަޑައިގެންނެވިއެވެ.

ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ މަޤްޞަދުގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ތައްޔާރުކޮށްފައިވާ 7 ފޮތެއް ނެރެދެއްވާފައެވެ.

ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް މިފަހަރު ލ.ގަމުގައި ބޭއްވޭއިރު، މިކޮންފަރެންސްގައި، ދެކުނުގެ އަތޮޅުތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ބައިވެރިވެއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މިކޮންފަރެންސްގެ، ސެޝަންތައް ހަތަރު ތީމަކަށް ކުރިޔަން ގެންދާއިރު، ކައުންސިލްތަކުގެ ޚިޔާލާއި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާއި، ސަރުކާރުގެ އިސްބޭފުޅުންނާއި ހިއްސާކޮށް މަޝްވަރާކުރެއްވުމަށް ފުރުޞަތު ލިބޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button