ޚަބަރު

ސަރުކާރުގެ އާމްދަނީ އާއި ނުބައްދަލު ހަރަދު އިންތިހާއަށް ބޮޑުވިއިރު، ފެންނަނީ އިގްތިސާދީ ބަނަކަމެއް: ވޯލްޑު ބޭންކު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުން މަޝްރޫއުތަކަށް ހަރަދު ކުރި ނަމަވެސް، އާމްދަނީ އާއި ނުބައްދަލު ހަރަދު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން އިގްތިސާދީ ކުރިއެރުން ނާންނަ ކަމަށާއި، ފެންނަނީ އިގްތިސާދީ ބަނަކަމަކާ ދިމާލަށް ރާއްޖެ މިސްރާބު ޖަހާފައިވާ މަންޒަރު ކަމުގައި ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑު ބޭންކުން އާންމު ކުރި ”މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު“ ގައި ވާގޮތުން ސިއްހީ ބަލިމަޑުކަމެއް ގެނުވި ކޯވިޑް-19ގެ ހާލަތުގެ ކުރިން ސަރުކާރުގެ ހަރަދުތައް ހުރީ ނޭޝަނަލް ޖީޑީޕީ ނުވަތަ ގައުމީ އުފެއްދުންތެރިކަމުގެ ތިން ބައިކުޅަ އެއްބައިގެ މިންވަރެއްގައި ހިފެހެއްޓިފައެވެ. އެއީ ތަރައްގީވަމުން އަންނަ ޖަޒީރާ ގައުމުތަކުން އެވެރެޖުކޮށް ހަރަދުކުރާ މިންވަރާ އެއެއްވަރުގެ މިންވަރެކެވެ. އަދި 2014 ވަނަ އަހަރާ ހަމައަށް ސަރުކާރުގެ ހޭދަ ގައުމީ އުފެއްދުންތެރިކަމުގެ 30 އިންސައްތާގައި ހުރި ނަމަވެސް 2015 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ދެމެދުގައި އެ އަދަދު %34 އަށް މަތިވެގެން ދިޔަކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެކަމަކު ކޯވިޑާ ގުޅިގެން އެ ނިސްބަތް 50 އިންސައްތައަށް ވަނީ މަތިވެފައެވެ. ކޯވިޑުން އަރައިގަންނަން މަސައްކަތް ކުރި ނަމަވެސް ސަރުކާރުގެ ހަރަދުތައް ގައުމީ އުފެއްދުންތެރިކަމުގެ 43 އިންސައްތާގައި ހުރިކަން އެ ރިޕޯޓުން އެނގެއެވެ.

މި ރިޕޯޓުގައި ވަނީ ދައުލަތުގެ ބަޖެޓު ބޮޑުވަމުން އައި ނިސްބަތްވެސް ހިމަނާފައެވެ. އެގޮތުން 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 11 އިންސައްތައިގެ ބޮޑުވުމެއް ބަޖެޓަށް އައިސްފައިވާކަން ވޯލްޑު ބޭންކުން ފާހަގަކުރިއެވެ. ސަރުކާރުން މިހާތަނަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި މައިގަނޑު ގޮތެއްގައި ފައިސާ ހޯދާފައިވަނީ ލޯނު އެހީ އާއި އާންމުން ދައްކާ ޓެކުހުންނެވެ. ބައެއް ލޯނުތަކަކީ ދަރުމަވަންތަ ހޮސްޕިޓަލާއި، އޮލިމްޕަހާއި، ސްކޫލްތައް މޯގޭޖްކޮށްފައި ނަގާފައިވާ ލޯނުތަކެކެވެ. ވަކިން ހާއްސަކޮށް ދައުލަތް ހިންގުމުގެ ހަރަދު ހޯދަނީ ޖޫރިމަނާ ފައިސާއިންނެވެ.

ސަރުކާރުން މަޝްރޫއުތަކަށް ކުރާ ހަރަދުތަކުގެ ސަބަބުން އިމާރާތްކުރުމުގެ ސިނާއަތް ފުޅާވިޔަސް އެވްރެޖްކޮށް މުޅި އިގްތިސާދަށް އައި ހެޔޮ ބަދަލެއް ފެންނާން ނެތްކަން މި ރިޕޯޓުންވެސް އެނގެން އެބައޮތެވެ. އެގޮތަށް ކަންކަން މެދުވެރިވާން ދިމާވި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ޕީއެސްއައިޕީ މަޝްރޫއުތަކަށް ބޭނުންވާ ތަކެތި ބޭރުން އެތެރެކުރަން ޖެހުމާއި، ދިވެހިންގެ ބަދަލުގައި މަސައްކަތު މީހުންނަށް ބިދޭސީން ބޭނުން ކުރުމެވެ.

ޑޮލަރުގެ ރޭޓް ބޭންކުން އެއް އަގެއްގައި ހިފެހެއްޓި ނަމަވެސް ބޭންކު ރޭޓަށް ޑޮލަރު ނުލިބުމާއި، އަގުބޮޑުކޮށް ޑޮލަރު ގަނެގެން ވިޔަފާރިވެރިން މުދާ ގަނެ، އަގު ބޮޑުކޮށް އާންމުން މުދާ ގަންނަން ޖެހިފައިވާ ދަނޑިވަޅެއްގައި ޓެކްސް އިތުރަށް ބޮޑު ކުރުމުގެ ސަބަބުން އިގްތިސާދަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގައި ސަރުކާރުން ބުނި ނަމަވެސް އެ ބަދަލު ފާހަގަވެގެން ގޮސްފައެއް ނުވެއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button