މިއަހަރު އާސަންދަޔަށް ކަނޑައެޅި ބަޖެޓު ހުސްވެއްޖެ

ސަރުކާރުން މިއަހަރު އާސަންދަޔަށް ކަނޑައެޅި ބަޖެޓު ހުސްވެއްޖެ އިތުރަށް 371 މިލިއަން ރުފިޔާ ހަރަދުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުން 1 ސެޕްޓެމްބަރުގެ ނިޔަލަށް އާސަންދައަށް 1.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މި އަހަރު އާސަންދައަށް ބަޖެޓުކޮށްފައިވަނީ 730 މިލިއަން ރުފިޔާއެވެ. ނަމަވެސް ބަޖެޓުގެ ބޭރުން މިހާރު 371 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.
ފާއިތުވި އަހަރުވެސް އާސަންދަށް އަށް ކަނޑައެޅި ބަޖެޓުގެ ދެ ގުނަ ވަނީ ހޭދަ ކުރެވިފައެވެ. މިގޮތުން މިދިޔަ އަހަރު އާސަންދައަށް 717 މިލިއަން ރުފިޔާ ބަޖެޓު ކުރިއިރު އަހަރު ނިމުނު އިރު 1.5 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
އާސަންދަ ސްކީމަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އިޤްތިސާދީ މާހިރުން ދަނީ ބުނަމުންނެވެ. އެސްކީމް އެކުލަވާލާފައި އޮތް ގޮތުން، ބޭކާރު ގޮތުގައި ދައުލަތުން ބޮޑެތި ހަރަދުތައް ކުރަންޖެހެއެވެ. އާސަންދައަށް ކުރާ ހަރަދުގެ ބޮޑުބައި ދަނީ ޕްރައިވެޓް ހޮސްޕިޓަލް ކްލިނިކް އަދި ބޭސް ފިހާރަތަކަށެވެ.