ޚަބަރުސިޔާސީ

އަހަރު ނިމޭއިރު ބަޖެޓު ޕްލޭނާ އެއްގޮތަށް ދައުލަތުގެ ރިޒާވް ހުންނާނެ: އަމީރު

އަހަރު ނިމޭއިރު މަޖިލީހުން ފާސްކުރި ބަޖެޓު ޕްލޭނާ އެއްގޮތަށް ދައުލަތުގެ ރިޒާވް ހުންނާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ފިނޭސް މިނސްޓަރ އިބުރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވެފައިވަނީ ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އިލްޔާސް އައްސަވާފައިވަނީ ސެޕްޓެންބަރާއި އޮކްޓޯބަރާއި ނޮވެންބަރު އަދި ޑިސެންބަރުގައި ދައުލަތުން ދަރަނި އަދާކުރުމަށް ޚަރަދުކުރާނެ މިންވަރަކީ ކޮބައިތޯއެވެ؟ އަދި، އަހަރު ނިމޭއިރު ދައުލަތުގެ ރިޒާވަށް އިތުރުވާނީ ކިހައި ފައިސާއެއްތޯއާއި އެ ފައިސާއަކީ ކިހިނެއް ލިބޭ ފައިސާއެއްތޯވެސް ސުވާލުކުރެއްވިއެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން އަމީރު ވިދާޅުވީ، އަހަރު ނިމޭއިރު މަޖިލީހުން ފާސްކުރި ބަޖެޓު ޕްލޭނާ އެއްގޮތަށް ދައުލަތުގެ ރިޒާވް ހުންނާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށާއި, އަދި ފާސްކުރި ބަޖެޓު ޕްލޭނުގައި ރިޒާވް ރަނގަޅުކުރުމަށް 200 މިލިއަން ޑޮލަރު ބޭރުގެ މާކެޓުން ހޯދަން ހިމަނާފައިވާކަން އަމީރު ފާހަގަކުރެއްވިއެވެ.

އަމީރު ވިދާޅުވި ގޮތުގައި އެ ފައިސާގެ ތެރެއިން މިހާތަނަށް 100 މިލިއަން ޑޮލަރު (1.5 މިލިއަން) ރުފިޔާ ހޯއްދަވާފައިވާކަމަށެވެ. އަދި އިތުރު 100 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުންގެންދަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިއަހަރުގެ ބާކީ އޮތް 4 މަހު ބޭރުގެ ދަރަނި އަދާކުރުމަށް ހޭދަވާ އަދަދު ހިއްސާކޮށްފައެއް ނުވެއެވެ. އަމީރު ވިދާޅުވެފައިވަނީ އެ އަދަދު ވަކިން މެމްބަރ އިލިޔާސް އާއި ހިއްސާ ކުރައްވާނެ ކަމަށެވެ.

ރިޒާވް ހުސްވެ، ދައުލަތުގެ ދަރަނި އަދާނުކުރެވިދާނެފަދަ ހާލަތެއް ކުރިމަތިވެދާނެކަމުގެ އިންޒާރު ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ރާއްޖެއަށް އަންނަނީ ދެމުންނެވެ. އެކަމަކު ސަރުކާރުން ބުނަނީ ދަރަނީ އަދާ ކުރުމަށް ހުރަހެއް ނެތް ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button