
ކުރީގެ ރައީސް އަދި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރާ ދައުވާގެ އަޑުއެހުމެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އެދުމުގެމަތިން އަންނަ ހޮނިހިރު ދުވަހު ބާއްވަން ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.
ރައީސް ޔާމީންގެ މައްޗަށް ވ.އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަގައި މަނީ ލޯންޑަރިން ހިންގި ކަމަށްބުނެ ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލް ކުރުމުން ޕީޖީ އޮފީހުން މިއަދު ވަނީ އެ ޝަރީއަތް އަވަހަށް ބާއްވައިދޭން އެދިފަ އެވެ. ސަބަބެއް ކަމުގައި ޕީޖީ އޮފީހުން ބުނެފައިވަނީ މިއީ މި މައްސަލައާއި ގުޅިގެން ހެކިންނަށް ނުފޫޒު ފޯރުވަން ލިބޭ ފުރުސަތަކަށް ވެދާނެކަމަށެވެ.
މީގެ އިތުރުން މި މައްސަލައިގައި މިހާރު ކުރިއަށް ދަނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ ކަމަށްވުމުން ހެކި އުފެއްދުމުގެ ފުރުސަތު ފަހިވެގެންދާތީ ކަމަށާއި، މީގެ އިތުރުން ދައުލަތުގެ ބައެއް ހެކިންގެ ހެކިބަސް ވެސް ނަގާފައިވަނީ އެއް ދުވަހެއްގައި ކަމަށްވާތީ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ. މި މައްސަލަ އާއި ގުޅިގެން ކްރިމިނަލް ކޯޓުން ބުނީ މައްސަލައިގެ އަޑުއެހުމެއް ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ.
އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަގައި މަނީ ލޯންޑަރިން ހިންގިކަމަށް ބުނާ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ބުދަ ދުވަހު ވަނީ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ ހެކިބަސް ނަގާފައެވެ.
ރައީސް ޔާމީން އާލާސްކަންފުޅާ އުޅުއްވާތީ އެމަނިކުފާނުގެ އެދިވަޑައިގަތުމުގެ މަތިން މި މައްސަލައިގައި އިއްޔެ ހެކިބަސް ނަގަން ތާވަލްކުރި އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.