ޒިނޭގެ ތުހުމަތު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ކުރެއްވުމުން އެމައްސަލަ ބަލައިދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމްގެ ކިބައިން ގާނުނީ ވަކީލު އަހުމަދު ތޯލިބު އެދިއްޖެއެވެ.
ޕީޖީ ޝަމީމަށް އެޑްރެސްކޮށް ތޯލިބު ފޮނުއްވެވި ސިޓީގައިވާގޮތުން ގާނޫނުލް އުގޫބާތުގެ 612 ވަނަ މާއްދާގެ ހ ގެ 1 ވަނަ ނަންބަރުގެ ދަށުން މީހަކު ޒިނޭ ކުރިކަމަށް ދޮގު ތުހުމަތެއް ކުރުމަކީ ގަޒުފުގެ ކުށެއް ކަމަށް ކަނޑައަޅާފައިވެއެވެ.
ދައުލަތުގެ އިސް ވެރިއާ އާއި ދެކޮޅަށް ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވައި ތޯލިބު ވިދާޅުވީ ދިވެހި ދައުލަތާއި ރައްޔިތުންގެ ސަލާމަތާއި، މަސްލަހަތު ރައްކާތެރި ކުރުމަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ ގާނޫނާ ހިލާފް އެފަދަ އަމަލުތައް ތަހުގީގު ކުރުމަށް ތަންފީޒީ އިދާރާތަކަށް ޕީޖީ އޮފީހުން އަމުރު ކުރަން ޖެހޭ ކަމުގައެވެ.
ރައީސް ސޯލިހު ޒިނޭ ކުރާ މަންޒަރު ފެންނަ 4 ގަނޑު ފޮޓޯ ފޯނުގައި ހުރި ކަމަށް ވިދާޅުވުމަށްފަހު ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ފޯނު އިނގިރޭސި ވިލާތުގެ ރެސްޓޯރެންޓެއްގައި ފަރިއްކުޅުއްވަން އިންނަވަނިކޮށް ފޭރިގެންފައިވާކަމަށް ވިދާޅުވެފައެވެ. އޭގެ ފަހުން މާލެ ވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވައި ނަޝީދު ވިދާޅުވީ އެމަނިކުފާނާއި ރައީސް ސޯލިހުގެ ފޮޓޯ ހުންނާނީ އަލްބަމެއްގައި ކަމަށް ވިދާޅުވެފައެވެ.
އޭގޭ ފަހުންވެސް ނޫސްވެރިން ވަނީ އެ ސުވާލު އެކި ގޮތްގޮތަށް ކޮށްފައެވެ. އެހެން ނަމަވެސް މައުޟޫއިން ބޭރުން ތަފާތު އެކި ވާހަކަފުޅުތައް ދައްކަވައި އެމަނިކުފާނު ވަނީ އެ ސުވާލުން ރެކިވަޑައިގެންފައެވެ.