އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް އާއި އެއްވެސް ދެކޮޅުވެރިކަމެއް ނެތްކަމަށާއި، ކޯލިޝަން ހަދަންޖެހޭ ހިސާބަށް ގޮސްފިނަމަ އެކަން ނިންމާނީ ޕީޕީއެމް ޕީއެންސީގެ ސެނެޓަރުން ކަމުގައި އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ރޭ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ”ބޮންތި“ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަނީ އަންނަ ރިޔާސީ އިންތިހުބުގައި އިތުރު ޕާޓީ އަކާ އެކު ކޯލިޝަން ހައްދަވަފާނެ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ.
ޕީޕީއެމްގެ ވެރިކަން ފެށިގެން ނިމެންދެން އެ ޕާޓީއާ އެކު ކޯލިޝަން ގައި ހަމަ އެކެނި ދެމި އޮތް އެމްޑީއޭއާ އެކު ކޯލިޝަން ހައްދަވަފާނަންތޯ ”ބޮންތި“ އިން ސުވާލު ކުރުމުން ޖަވާބުގައި ޔާމީން ވިދާޅުވީ އެމްޑީއޭއާ އެކު ކޯލިޝަން ހަދަންޖެހޭ ހިސާބަށް ގޮސްފިނަމަ އެކަން ނިންމާނީ އެ ޕާޓީގެ ސެނެޓުން ކަމުގައެވެ.
”ސިޔާމަކީ އަޅުގަނޑުގެ ހަމަ ވަރަށް ގާތް ބޭފުޅެއް. ކޯލިޝަން ހަދަން ޖެހޭ ހިސާބަށް ގޮސްފި ކަމަށް ވަންޏާ އެމްޑީއޭ އަޅުގަނޑުމެން ރޫލް އައުޓެއް ނުކުރާނަން. އެމްޑީއޭ އެކީގައި ކޯލިޝަން ހަދަން ޖެހޭ ހިސާބަށް ގޮސްފިކަމަށް ވަންޏާ އެކަން ނިންމާނީ އަޅުގަނޑުމެންގެ ދެ ޕާޓީގެ ސެނެޓުން.“ ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ފާހަގަކުރެއްވިގޮތުގައި 2018ގެ އިންތިހާބުގައި އެމްޑީއޭ އާއިއެކު ކޯލިޝަން ހަދާފައި ނުވަނީ އެޕާޓީ އިން އެގޮތަށް އެދިގެން ކަމުގައެވެ.
”ސިޔާމް އާ މެދު އަޅުގަނޑުގެ ހަމަ އެއްވެސް ކަހަލަ ދެކޮޅުވެރިކަމެއް ނެތް އިނގޭތޯ,“ ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުން ބޮޑަށް ބެލެވެނީ އަންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީއޭ އާއެކު ކޯލިޝަން ހަދާފާނެކަމެވެ. އެކަމަކު އެއީ އަދި ވަރަށް ތަފާތު މަރުހަލާއެއްކަން ޔާމީން ފާހަގަކުރެއްވިއެވެ.