ޚަބަރުސިޔާސީ

ކާނަލް އާއި ދޮންދިގުވެސް ބަންދުން ދޫކޮށްލައިފި

ބަންގްލަދޭޝްގެ އަލަމްގީރާއެކު ލިވާތު ކުރި މައްސަލައިގެ ތުހުމަތުގައި ބަންދު ކުރި ނޮޅިވަރަން ދާއިރާގެ ކުރީގެ މެންްބަރު އަދި ޑީއާރުޕީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދު އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއު (ދޮންދިގު) ބަންދުން ދޫކޮށްލައިފިއެވެ.

”ބޮންތި“ އަށް މައުލޫމާތު ދެއްވަމުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއު ވަނީ ކާނަލް އާއި ދޮންދިގުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ބަންދުން ދޫކޮށްލިކަން ކަށަވަރުކޮށްދެއްވާފައެވެ. ޝަފީއު ވަނީ އެ މީހުން ބަންދުގައި ނުބޭތިއްބޭނެ ސަބަބުވެސް ހާމަކުރައްވާފައެވެ.

”ގާނޫނު ބުނާގޮތުން ބަންދުގައި ބޭތިއްބޭ ޒާތުގެ ކުށަކަށް ނުވާތީ ޕާސްޕޯޓު ހިފެހެއްޓިފަވާކަން ކަށަވަރު ކުރުމަށްފަހު ޖަލު ބަންދުން ދޫކޮށްލީ.“ ޝަފީއު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ”ބޮންތި“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކާނަލް އާއި ދޮންދިގާއި ނާޒިމް ދޫކޮށްލީ އެމީހުންގެ މައްސަލަތައް ޕީޖީ އޮފީހަށް ފޮނުވުމަށްފަހު އެމީހުން އިތުރަށް ބަންދުގައި ބައިތިއްބަން ޕީޖީ އޮފީހަށް ނުފެންނަ ކަމަށް ނިންމުމާ ގުޅިގެން ކަމުގައެވެ.

އެނގިފައިވާގޮތުގައި އެ ތިން މީހުންވެސް ދޫކޮށްލީ ރޭގެ ވަގުތެއްގައެވެ. އެމައްސަލައިގައި މިހާރު ބަންދުގައި ހުރީ އަލަމްގީރް އެކަންޏެވެ. އޭނާ އާއިއެކު 300 ވަރަކަށް ފިރިހެނުން ލިވާތު ކުރިއިރު، އޭގޭ ތެރެއިން ދެނެގަނެވިފައިވަނީ 38 މީހަކު ކަމަށް ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ”އަވަސް“ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައެވެ. އަދި އެ މައްސަލައިގައި ޖުމްލަ 18 މީހެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button