ޚަބަރުސިޔާސީ

ބަރުލަމާނީއަކަށް ފުރޮޅައިލުމަށް ރައީސް ނަޝީދުގެ ހާއްސަ ގަރާރެެއް

ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ކަމުގައިވާ ރިޔާސީ ނިޒާމް ބަދަލުކުރަން ފެންނަ، ނުފެންނަ ވޯޓަކަށް ދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، އެޕާޓީގެ ކޮންގްރެސް އަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

މި މަހުގެ 19 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ކޮންގްރެސް އަށް ނަޝީދު ހުށަހެޅުއްވި ގަރާރުގައި ވާގޮތުން ރިޔާސީ އިންތިހާބެއްގައި އެއް ޕާޓީން އިންތިހާބު ކާމިޔާބުކޮށް، ބާރުތަކާ އެކުގައި ސަރުކާރު ހިންގުމަށް އެއް  އާދެވުމަކީ ނާދިރު ކަމެކެވެ. ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެމްޑީޕީން އެހެން ޕާޓީތަކާ އިއްތިހާދުވުމުން ސަރުކާރުގެ ހިންގުން ގަޑުބަޑުވެ، ޕާޓީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދި އާންމު މެމްބަރުންގެ އިތުބާރު ނެތިގެންދާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. ހާއްސަކޮށް ގާނޫނުއަސާސީ އަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ސަރުކާރުގެ އެންމެ އިސް ވެރިޔާއަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތެރެއިން އިންތިހާބު ކުރާ އެ މަޖިލިހުގެ އަޣުލަބިއްޔަތު ލިބިފައިވާ ބޮޑުވަޒީރު ކަމުގައި ކަނޑައެޅުމަށް ނަޝީދު ވަނީ ގަރާރުގައި ބަޔާންކުރައްވާފައެވެ.

އެއާއެކު ރައީސަކު ހޮވުމަށް ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ވޯޓު ލިބޭ ބޭފުޅަކީ ރައީސް ކަމުގައި ކަނޑައެޅުމަށާއި، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ބާރުތަކާއި ބޮޑުވަޒީރުގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅުމަށް ރައީސް ނަޝީދު ވަނީ ގަރާރުގައި އެދިވަޑައިގެންފައެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުތަކުގައި ސިޔާސީ ޕާޓީތަކުން ހޯދާ ވޯޓުގެ ނިސްބަތަށް ބެލުމަށްފަހު ޕާޓީ އަށް ހާއްސަ ކުރެވިފައިވާ ނެޝަނަލް ލިސްޓް، ގެ މެމްބަރުން ހިމެނޭ އުސޫލު ކަނޑައެޅުމަށް ވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.

ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދުވެސް ހަތަކުން ފަހަކަށް ބަދަލު ކުރުމާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގެންނަ ބަދަލުތައް ކަނޑައަޅަން ޖެހޭ ކަމުގައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button