ޚަބަރު

އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުން އަންނަ ހަމަލާތައް ސަރުކާރުން ކުށްވެރިކޮށްފި

އިޒްރޭލުން މިފަހުން އަނެއްކާވެސް ފަލަސްތީނު ގާޒާއަށް ބޮން އަޅަން ފެށުމުން އެކަން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ވިދާޅުވީ އިސްރާއީލުން ވެރިވެގެން އުޅޭ ފަލަސްތީނުގެ ގާޒާއަށް އިސްރާއިލުން ހަމަލާދީ، ކުށެއް ނެތް އާންމުންގެ ބަޔަކު ޝަހީދުކޮށްލި އަނިޔާވެރި އަމަލު ކުށްވެރިކުރާކަމަށެވެ. އަދި މި ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ އާއިލާތަކަށް އިހްލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވާކަމަށް ދިވެހި ސަރުކާރުގެ ބަޔާނުގައިވެއެވެ.

ދިވެހި ސަރުކާރުގެ ބަޔާނުގައި ވިދާޅުވީ ފަލަސްތީނުގެ ހަތިޔާރެއް ނެތް އަންހެނުންނާއި ކުޑަކުދިންނާއި ދެކޮޅަށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްގެން ހިނގާ އަމަލުތަކާއިމެދު ވަރަށް ބޮޑަށް ކަންބޮޑުވާކަމަށެވެ. އަދި އިސްރާއިލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގެން އުޅެނީ ބައިނަލްއަޤްވާމީ މުއާހަދާތަކާއި ޤާނޫނުތަކާއި ހިލާފަށްކަމަށް ދިވެހި ސަރުކާރުން ބުނާ ބުނުން ވަނީ މި ބަޔާނުގައި ތަކުރާރުކުރައްވާފައެވެ.

ސަރުކާރުގެ ބަޔާނުގައި ވިދާޅުވީ އިސްރާއީލާއި ފަލަސްތީނުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ލިބިގެންދާނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރެވިގެން ކަަމަށެވެ. އަދި ރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކުކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ދެއްވާފައިވެއެވެ.

ޔަހޫދީ އިސްރާޢީލުން ޢައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާންތަކުގައި މިހާތަނަށް 30 މީހަކު، ކުޑަކުދިންނާއި، އަންހެނުން ހިމެނޭހެން ވަނީ ޝަހީދު ކޮށްލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button