މުނިފޫހިފިލުވުން

ގަސްތުގައި ހަލާކު ކޮށްލެވެނީ އެތައް ދިރިއުޅުމެއް!

ޒަމާނަކީ ކިތަންމެހާވެސް ކުރިއަރައިފައިވާ ޒަމާނެކެވެ. ބަލައިލި ކޮންމެ ދިމާލަކުން ވެސް ފެނިގެން ދަނީ ބަވަނަވެފައިވާ މުޖުތަމައެއްގައި ފެނިގެންދާނެ ކަންކަމެވެ. ނަމަވެސް ބައެއް މީހުންގެ ވިސްނުމާއި އަމަލު ވެސް މަގު ދައްކަނީ މާޒީ މުޖުތަމައު އާއި އިންސާނިއްޔަތު ވެސް ގަބޫލު ނުކުރާ ކަންކަމަށެވެ. ގަސްތުގައި ބަޔަކު ހާލުގައި ޖައްސައި ނިކަމެތި ކޮށްލަނީ އިތުރު ދެން ކޮންކަމަކާއި ހުރެތޯއެވެ. ދިވެހިރާއްޖޭގައި ވެސް މިހާރު އާންމު ކަމެއްގެ ގޮތުގައި ފެންނަމުންދާ ސިހުރުގެ އަމަލުތަކަކީ ކުށަކައި ނުލައި އެތައް ދިރިއުޅުމެއްގެ އުފާވެރިކަން އަބަދަށްޓަކައި ގެއްލުވައިލާ ފަދަ ފިނޑި ކަމެކެވެ.

ގައުމުގައި ސިހުރު އާންމު ވަމުން ދިޔަ ނަމަވެސް މާތް ވެގެންވާ އިސްލާމް ދީނަކީ ސިހުރުގެ ނުބައިކަން އެންމެ ޞަރީހަކޮށް ބަޔާން ކޮށްފައިވާ ދީނެވެ. އެކަމަށް ހެކިދެނީ އިސްލާމްދީނުގައި ސިހުރަކީ ޝިރުކުގެ އަމަލެއްގެ ގޮތުގައި އަންގައިވައިފައި އޮތް އޮތުމެވެ. މި ނޫނަސް އިސްލާމްދީނަކީ މީހަކަށް ކިތަންމެ ކުޑަ ނަމަވެސް ނިކަމެތިކަމެއް ދިނުމަށް ނަހީ ކޮށްފައިވާ ދީނެކެވެ. މިފަދަ މަތިވެރި ދީނެއްގައި ސިހުރު ފަދަ ބޮޑު އަނިޔާއެއް މީހަކަށް ދިނުމަށް ހުއްދަ ކުރާނެ ހެއްޔެވެ. އަދި ސިހުރު ހަދާ މީހުންނަށް މިކަމަކީ ކިހާ ވަރެއްގެ ނުބައި އަމަލެއްކަން ހަމަ ނޭނގެނީބާއެވެ. ނުވަތަ އިސްލާމް ދީނުގައި ކަނޑައެޅިގެން ނަހީ ކުރައްވާފައިވާ ކަމެއް ކުރުމަށް ފަސްނުޖެހޭ އިރު، އެކަލާނގެ ހަޒްރަތަށް ކުޑަކޮށް ވެސް ބިރުވެތިވުން ނެތީބާއެވެ.

ކޮންމެ ކަމެއްގެ ވެސް ހުރި ވޭން އެނގޭނީ އެކަން ތަހައްމަލު ކުރަން ޖެހުމުންނޭ މީހުން ބުނެއުޅެއެވެ. ހަމަ އެގޮތަށް ސިހުރުގެ ވޭން އިނގޭ ކަމަށް ކިތަންމެ ދައުވާއެއް ކުރި ނަމަވެސް އެކަމުގެ ހުރި ވޭން އިނގޭނީ އެ ވޭން ތަހައްމަލު ކޮށްފައިވާ ފަރާތްތަކަށެވެ. މި ވޭނުގެ ކުޑަ ކުޑަ މިންވަރެއް ވެސް އަންދާޒާކޮށްލެވޭނީ މިކަހަލަ ކަމެއް ކައިރިން ފެނިފައި ހުރި މީހަކަށްކަން ގައިމެވެ. އެތަކެއް ދުވަހެއް ވަންދެން ގެއިން ބޭރަށް ނުނިކުމެ އެކަނިމާއެކަނި ހޭދަކުރަންޖެހޭ އެކަނިވެރި ވަގުތުތަކަކީ ކިތަންމެހައިވެސް ދަތި ވަގުތުތަކެއްކަން ކަށަވަރެވެ. މީ އަދި ކުޑަ މިންވަރެކެވެ. ވަކި ވަގުތުތަކެއް ބުނަން ނޭނގޭ ގޮތަށް އިންސާނީ ބާރުގެ ބޭރުން ސިހުރު ޖެހިފައިވާ މީހާ ތަހަންމަލުކުރާ ވަގުތުތަކަކީ ލަފުޒުތަކުން ބަޔާން ނުކޮށްދެވޭނެ ކަންކަމެވެ. ތިމާގެ ހަށިގަނޑުގައި އަމިއްލަ ބާރު ނުހިނގާކަން ތާއަބަދު ހަނދާނަށް އައުމަކީ އެމީހެއްގެ ހިތުގައި އުފެދޭނެ ކިހާ ބޮޑު ބިރުވެރިކަމެއްކަން ވެސް އެނގޭނެ އިތުރު ދެވަނަ މީހަކު ނުވާނެއެވެ. ސިހުރުގެ ޝިކާރައަކަށް ވެފައިވާ މީހެއްގެ ދިރިއުޅުން ކައިރިން ފެންނަ މީހަކުވެސް ލޮލުން ކަރުނަ ހިލޭ ހިނދު މިކަމަކީ ކިހާ ބޮޑު އަނިޔާއެއްކަން ހިތުގައި އިހުސާސް ހިނގާ މީހަކަށް ވާނެކަން ގައިމެވެ.

”އުޅޭ ގޮތް ފެނުމުން ދެރަވޭ. ހިތަށް ތަދުވޭ. ބައެއް ފަހަރަކަށް އެ ހާލުގައި އުޅޭތަން ބަލާކަށް ކެތެއް ވެސް ނުވޭ. ބަޔަކަށް ބޮޑު ކަމަކަށް ނުވިޔަސް މިކަމަކީ ދިރިއުޅުން އެފުށްމިފުށަށް ޖަހާ ކަމެއް. އެއްވެސް ކުށެއް އަދި މައްސަލައެއް ވެސް ނެތި. ދުރުގަ ބަލަން ހުރެގެން މިވަރު ވާއިރު ވިސްނާލަ މިކަމުން ސަލާމަތް ނުވެވިގެން އުޅޭނެ ހާލު.“ ސިހުރުގެ ޝިކާރައަކަށް ވެފައިވާ ކުއްޖެއްގެ އާއިލާގެ މީހަކު ކިޔައިދިނެވެ.

މިކަމަކީ ސަލަމާތްވުމަށް އެހާ އުނދަގޫ ކަމަކަށް ވާއިރު، މިކަމުން ސަލާމަތްވާ ފަހަރުތަކުގައި ވެސް ދިރިއުޅުމައިގެން ކުރިއަށް ދިއުމަކީ އުނދަގޫ ކަމަކަށް ވެގެންދެއެވެ. އެތައް މަސް ދުވަހެއް ނުވަތަ އަހަރުތަކަކަށް ފަހު ރަނގަޅުވެގެން ވެސް މިކަމުގެ ހަނދާންތައް އެމީހަކާ ވަކިނުވެ ހުންނަކަން މީ މިއަދު ހާމަވާ ހަގީގަތެވެ. އެތައް ގޮތަކުން ލިބިފައި ހުރި އަނިޔާތަކާއެކު ނަފުސާނީ ގޮތުން މީހާ ބަލިކަށިކޮށްލާ ކަމަކަށް ވެސް މިކަން ވެގެންދެއެވެ. ދިރިއުޅުމައިގެން ކުރިއަށް ދާން ފިޔަވަޅެއް ނަގާ ކޮންމެ ފަހަރަކު ފަހަތަށް ދެ ފިޔަވަޅު އަޅަން މަޖުބޫރު ކުރަނީ ސިހުރުގެ ސަބަބުން ހިތުގައި އުމުރަށް ބިންވަޅު ނެގިފައިވާ ވޭނީ ހަނދާންތަކެވެ. އުޅެން މަޖުބޫރުވި ކަޅު އަދި އަނދިރި ދުވަސްތަކެވެ. ބައެއް މީހުންނަށް މިކަމުގެ ސަބަބުން ނަފުސާނީ އެކި ކަހަލަ މައްސަލަތަކާ ކުރިމަތިވަމުން ދާއިރު އެކަމުން ސަލާމަތްވުމަށް ވެސް ނަގަނީ ދިގު މުއްދަތެކެވެ. ސިހުރުގެ ސަބަބުން އިތުރު އަދި އެހެން ދަތިތަކަކާއި ކުރިމަތިލާން ޖެހި ބައެއް މީހުން ދިރިއުޅުމާއި ދޭތެރޭގައި ކުރި ފޮނި އުންމީދުތަށް ނައްތާލުމަށްވުރެ ބޮޑު އަނިޔާއެއް މީހަކަށް ދެވޭނެބާއެވެ.

”އަހަރެންނަށް އުޅެވުނު ގޮތެއް ހުދު އަހަރެންނަކަށް ވެސް ނޭނގެ. މާޒީވެ ދިޔައީ ދުވަހަކުވެސް އަނބުރާ ގެންނަން ބޭނުން ނުވާ ދުވަސް ގަނޑެއް. ބައެއް ފަހަރު ހިތަށް އަރާ އަހަންނަށް ހެދުނު މިސްޓޭކަކީ ކޮބާތޯއޭވެސް. އަދި ވެސް ބިރު ގަނޭ. ވިސްނޭ. ދެރަވޭ. އަހަރެން އުޅުނު ގޮތަށް އިތުރު އެކަކު ވެސް އުޅޭކަން އަހަރެން ބޭނުމެއް ނޫން.“ ސިހުރުގައި ވޭނީ ދުވަސްތަކެއް ހޭދަކޮށް އެކަމުން ސަލާމަތްވެފައިވާ މީހަކު ކިޔައިދިނެވެ.

ސިހުރަކީ މީހެއްގެ މުޅި ދިރިއުޅުން މުޅިން ބަނަކޮށްލާ އަދި ބިކަކޮށްލާ ކަމަކަށް ވާއިރު މިއަށްވުރެ ބޮޑު އެހެން އަނިޔާއެއް މީހަކަށް ދެވޭނެ ހެއްޔެވެ. އެހެންކަމުން މީހަކަށް މިވަރު ބޮޑު އަނިޔާއެއް ދޭއިރު ފަސްނުޖެހެނީ ފަހެ ކީއްވެބާއެވެ. މީ މިއަދު ޖަވާބު ބޭނުންވާ މުހިންމު ސުވާލުތަކެވެ. އަދި މިކަމާއި ގުޅިގެން އިންސާނިއްޔަތާއި މެދު ވެސް މިއަދު މިވަނީ ސުވާލު އުފެދިފައެވެ. ވުމާއި އެކު މިކަން ރަނގަޅުވޭތޯއާއި އަދި މިކަމުގައި ދިރިއުޅެމުންދާ އެންމެނަށް ހެޔޮދުޢާ ކޮށްދިނުމަކީ މިއަދު ސާފު ހިތެއްގެ ވެރި ކޮންމެ މީހެއްގެވެސް  ޒިންމާއެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button