ޚަބަރު

ސަލްމާން މިސްކިތު ގޯތިތެރޭގައި މޮޑެލް ކުރަނީ، އިސްލާމިކް މިނިސްޓްރީ ހަނު

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ބިނާކުރެއްވި ކިންގް ސަލްމާން މިސްކިތުގައި މޮޑެލް ކުރަމުންދާއިރު އިސްލާމިކް މިނިސްޓްރީއިން މިކަމާއި އަޅާނުލާތީ ޝައިޚް ފަޟްލޫން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޝައިޚް ފަޟްލޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީގެ ދުވަސްކޮޅެއް ކުރިން ސަލްމާން މިސްކިތުގެ ގޯތި ތެރޭގައި ދީނީ ނަޞޭހަތުގެ ބަސްކޮޅެއް ރިކޯޑުކުރަން އުޅުމުން އެތަނުގައި މަސަކަތްކުރާ މިނިސްޓްރީގެ މުވައްޒަފުން އެތަނުގައި ވީޑިއޯ ކުރެވޭނީ އިސްލާމިކް މިނިސްޓްރީއިން ހުއްދަ ނަގައިގެންކަމަށް އަންގާފައިވާކަމަށެވެ.

އެހެން ނަމަވެސް މި ފަހަކަށް އައިސް ސަލްމާން މިސްކިތުގެ ގޯތިތެރޭގައި ހެދުން ވިއްކާ ޕޭޖްތަކުން މޮޑެލް ކުރާތަތަން ފެންނަމުންދާކަމަށް ވިދާޅުވެ އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ޓެގް ކުރައްވާ ޝައިޚް ފަޟްލޫންވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މި ކަންބޮޑުވުމާއިއެކު ޝައިޚް ފަޟްލޫން ވަނީ ސަލްމާން މިސްކިތަކީ މޮޑެލްކުރާ މީހުންގެ ފޮޓޯ ޝޫޓް ނަގަން ޚާއްޞަ ތަނެއްތޯ ނުވަތަ މިސްކިތްތަކުގެ އަޞްލު ބޭނުމަކީ އެއީތޯ ސުވާލު ކުރައްވާފައެވެ.

މިކަމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އާއި ސުވާލުކުރުމުން އެއްވެސް ތަފްސީލެއް ދެއްވާފައެއްނުވެއެވެ.

މިސަރުކާރުން ކިންގް ސަލްމާން މިސްކިތުގައި ޓީޗަރުންގެ ދުވަސް ފާހަގަކުރަން ޕާޓީ ބޭއްވި މައްސަލަވެސް ވަނީ ފެންމަތިވެފައެވެ. މީގެ އިތުރުންވެސް ސަލްމާން މިސްކިތަށް ރައީސް ސޯލިހުގެ ސަރުކާރުން އިހުމާލު ވަމުންދާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ސަލްމާން މިސްކިތުގެ އޭސީ ހަލާކުވެފައި ހުންނަތާ އެތައް ދުވަހެއްވީ އިރުވެސް ސަރުކާރުން އާ އޭސީ ހަރުނުކުރާތީ ވަރަށްގިނަ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސަލްމާން މިސްކިތް އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓޭއިރު އެ މިސްކިތް މި ސަރުކާރުން ހުޅުވީވެސް ވެރިކަމާ ހަވާލުވިތާ އެތައް ދުވަހެއް ފަހުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button