ޚަބަރުސިޔާސީ

ރައީސް ވިދާޅުވަނީ އަމިއްލަ ނޫން ވެރިކަމެއްގައި ދެމިތިބެން ދިވެހިން ނުރުހޭ ކަމަށް

މިނިވަން މުސްތަޤިއްލު، އަމިއްލަ ވެރިކަމެއްގައި ދެމިތިބުން ނޫން ގޮތަކީ، ދިވެހިން ރުހޭ ގޮތެއްނޫން ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަން ކަމަށް 57 އަހަރު ފުރޭ، 58 ވަނަ މިނިވަންދުވަހުގެ މުނާޞަބާގައި ދިވެހިޤައުމާއި މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިވަން ދުވަހުގެ ތަޙުނިޔާ ދިވެހި އެންމެހައި ރައްޔިތުންނަށް ފޮނުއްވަވައި، ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމާ، ސިޔާދަތާ، އިސްތިޤްލާލް އެކީ-އެއްމާރަކުން ބަނދެވިގެންވާ، ހަޤީޤީ ސިއްރަކީ މާތްވެގެންވާ އިސްލާމްދީން ކަމަށާއި އެދީނުގެ ރިސާލަތާ، ޙިދާޔަތުން ދިވެހި އުންމަތް އެކުއެކީ ، އަލިވެ އުޖާލާވެގެން ދިއުމަކީ ދެދުނިޔޭގައިވެސް ، ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ނަޞީބާ ރަޙްމަތް ކަމަށެވެ. އަދި ދިވެހިރާއްޖެ، މި ރާއްޖޭގެ ގޮތުގައި ފުރާފުރިހަމަވި ސަބަބަކީ މުސްލިމް ދިވެހި ރައްޔިތުންކަމުގައިވެސް އެމަނިކުފާނުވިދާޅުވިއެވެ.

މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވައި ވިދާޅުވީ، ދުނިޔޭގައި ހިނގާ ތަފާތު ފިކުރީ އޮއިވަރުން ނެއްޓި، މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުން އަބަދުވެސް ލާޒިމް ކަމަށެވެ. އަދި އެކަމަށްޓަކާ އެންމެ ފުރަތަމަ ރައްކާތެރިވެ ޙިމާޔަތްކުރަން ޖެހެނީ، އަޅުގަނޑުމެންގެ އީމާނާ ޢަޤީދާ އަދި މާތްވެގެންވާ އިސްލާމްދީން ކަމުގައި ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ މިނިވަންކަމުގެ ތާރީޚަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، ދިވެހިންނަކީ ފެށުނީއްސުރެ، މިނިވަންކަމަށް ލޯބިކުރާ ބައެއްކަމަށާއި، އެކީ އެކަތިގަނޑެއްގެ ގޮތުގައި، މިނިވަންކަމަށްޓަކާ ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ދިވެހިން ވަނީ ވެފައި ކަމަށެވެ. މިގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މިނިވަންކަމަށްޓަކައި ޖިހާދު ކުރެއްވި ބަޠަލުންގެ ޒިކުރާ އައުކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button