ޚަބަރުސިޔާސީ

އިސްތިއުނާފް ބަލައިނުގަތްކަން މުހައްމަަދަށްވެސް، ވަކީލުންނަށްވެސް ނާންގާ

ޖޫން 21 ގައި ހިނގައިދިޔަ ޔޯގާ ހަމަނުޖެހުން ރާވާ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދިގު ބަންދުގެ މުއްދަތެއް ޖަހާފައިވާ ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލްގެ އިސްތިއުނާފް ބަލައިނުގަންނަކަން އެބޭފުޅާ އަދި ވަކީލުންނަށްވެސް ހައިކޯޓުން ނާންގާކަން ހާމަވެއްޖެއެވެ.

މުހައްމަދު ހައްޔަރުކޮށް ދިގު ބަންދުގެ މުއްދަތެއް ޖަހާފައިވާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވަނިކޮށް އެ މައްސަލަ ބަލައިނުގަންނަން ނިންމާފައިވާކަމަށް ހައިކޯ ކޯޓާ ހަވާލާދީ ”މިހާރު“ އަދި ”ދައުރު“ ނޫހުގައި ޝާއިއު ކުރުމާ ގުޅިގެން ”ބޮންތި“ އިން ވަނީ މުހައްމަދުގެ ވަކީލުންނާ ސުވާލުކޮށްފައެވެ.

”ބޮންތި“ އާ ވާހަކަ ދައްކަވަމުން މުހައްމަދުގެ ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވީ އެފަދަ އެއްވެސް އެންގުމެއް އަދި މިހާތަނަށް ހައިކޯޓުން އަންގާފައި ނުވާކަމުގައެވެ. އީމެއިލް, މޯބައިލް އަދި އެހެން އެއްވެސް ވަސީލަތެއް މެދުވެރިކޮށްވެސް އެފަދަ އެންގުމެއް އަންގާފައި ނުވާކަން ޝާހު ކަށަވަރުކޮށްދެއްވިއެވެ. އަދި މުހައްމަދުގެ ގާނޫނީ ވަކީލު މުހައްމަދު ސަލީމަށްވެސް ހައިކޯޓުން އެއްވެސް އެންގުމެއް އަންގާފައެއް ނުވެއެވެ.

މުހައްމަދުގެ ގާނޫނީ ވަކީލުން ވިދާޅުވީ އިސްތިއުނާފް ކުރާ ފަރާތަށް އެކަން ނާންގައި ހައިކޯޓުން އެގޮތަށް މީޑިއާތަކަށް އެންގުމަކީ ނިހާޔަތަށް ކަންބޮޑުވުމާ ކަމެއް ކަމާއި, އެއީ ހައިކޯޓުން މިހާތަނަށް އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމުގައެވެ.

”މިއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ މައްސަލައެއް.“ ޝާހު ވިދާޅުވިއެވެ.

މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުން މުހައްމަދުގެ މައްސަލަ އިސްތިއުނާފް ނުކުރަން ނިންމި ސަބަބެއް ނޭނގެއެވެ.

ޔޯގާ ހައްޔަރީންގެ ވަކީލުންގެ ފަރާތުން ރޭ ލެވެންޑާ ރެސްޓޯރެންޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަކިލު އާސިފް ވަނީ މުހައްމަދު އިސްމާއިލް އާއި ދެކޮޅަށް ހެކި އުފައްދަން ފުލުހުން މަސައްކަތް ކުރާ ކަމުގެ ތުހުމަތު ކޮށްފައެވެ. މުހައްމަދު ގަލޮޅު ދަނޑަށް ދިޔަ ކަން ދެއްކުމަށް ވެހިކަލް ޑްރައިވަރުންގެ ސިއްރު ބަޔާންތަކެއް އުފައްދަން ފުލުހުން މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އާސިފް ފާހަގަކުރެއްވިގޮތުގައި މުހައްމަދު އާއި ދެކޮޅަށް ހެއްކެއް ނެތުމުން ފުލުހުން ގެންދަނީ އޭނާ ފްރޭމް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

މުހައްމަދު އިސްމާއިލްގެ ބަންދަށް އެންމެ ފަހުން 30 ދުވަސް ޖަހާފައިވާއިރު، އޭނާ އަކީ އެދުވަހުގެ ހަމަނުޖެހުން ހިނގި ސަރަހައްދަށް ދިޔަ ބޭފުޅެއް ނޫނެވެ. އެހެން ނަމަވެސް އާންމު އުސޫލުން ސަރުކާރާ ދެކޮޅަށް ހިންގާ ސުލްހަވެރި ހަރަކާތްތަކުގައި މުހައްމަދު އަކީ އެހީތެރިކަން ފޯރުކޮށްދޭ ބޭފުޅެކެވެ. އަދި ޔޯގާ ހަރަކާތް އިންތިޒާމް ކުރި މީހުންނަށްވެސް ގާނޫނީ އިމުގެ ތެރެއިން ދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމާއި، އެތަނަށް ދިޔަ ބަޔަކު ދަނޑަށް ވަނުމާއި ގުޅުމެއް ނެތްކަމަށް މުހައްމަދު ވަނީ ކުރިން ވިދާޅުވެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button