ޚަބަރުސިޔާސީ

މި ސަރުކާރުގެ އެންމެ ކާމިޔާބު މަސައްކަތްތަކުގެ ތެރޭގައި ތަކެތީގެ އަގުބޮޑުކޮށް ޓެކްސް ބޮޑުކުރުން ހިމެނޭ: ޑރ.ޖަމީލް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެންމެ ކާމިޔާބު ޕްރޮޖެކްޓްތަކުގެ ތެރޭގައި، ޓެކްސް ބޮޑުކުރުމާއި، ތަކެތީގެ އަގުބޮޑުކުމާއި، ރިކޯޑު އަދަދަކަށް ސިޔާސީ މަގާމް އުފެއްދުން ހިމެނޭކަމަށް، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ފާޑުވިދާޅުވަމުން އެމަނިކުފާނު ކުރެއްވި ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ ”މިއީ އެންމެ ހުތުރު، އެންމެ ހަރާންކޯރު 5 އަހަރު“ ކަމަށެވެ.

2023 ވަނަ އަހަރުން ފެށިގެން ޖީއެސްޓީ އަދި ޓީޖީއެސްޓީ ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލަށް އަމަލުކުރަން ފެށުމާއެކު، އާންމު ރައްޔިތުންނަށްވެސް އެއިން ވަރަށް ބޮޑު ތަކުލީފުތަކަކާ ކުރިމަތިވާނެ ކަމަށް ފަންނީ މާހިރުން ދެކެއެވެ. މިހާރުވެސް ތަކެތީގެ އަގުތައް އުފުލެމުންދާއިރު، އަންނަ އަހަރު މި އަގުތަށް އެތައް ގުނައެއް މަތިވެގެންދާނެއެވެ. އަދި ޓީޖީއެސްޓީގެ ގޮތުގައި ނަގާ އަދަދު ބޮޑުވުމުން، އަންނަ އަހަރުން ފެށިގެން ޓޫރިސްޓުންނަށް ދެވޭ ހިދުމަތްތަކާ ގުޅިގެން، އެފަދަ ޚިދުމަތްތައް ދޭ ތަންތަނަށް 50-100 މިލިއަން ޑޮލަރުގެ ގެއްލުން ކުރިމަތިވާނެކަމަށް ލަފާކުރާކަމަށް، ރިސޯޓުތަކުގެ ވެރިންގެ ޖަމިއްޔާއިންވެސް ވަނީ ބުނެފައެވެ.

ސަރުކާރުގެ ވެރިންނާއި، ރައީސްގެ ދަތުރުފުޅުތަކުގެ ވާހަކަ ޑރ.ޖަމީލް ޓްވީޓްކުރައްވާފައިވާއިރު، މިއަހަރު ދައުލަތުގެ ބަޖެޓު ފާސްކުރިއިރު، އެ ބަޖެޓުގައި ދަތުރުތަކަށްވަނީ 203 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ. ސަރުކާރުން ދަތުރުތަކަށް ކުރަމުން އަންނަ ހަރަދަކީ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ހަރަދެކެވެ.

ހަމައެއާއެކު، 2022 ވަނަ އަހަރަކީ ރެކޯޑު އަދަދަކަށް ސިޔާސީ މަގާމުވެސް އުފައްދާފައިވާ އަހަރެއްކަން ފާހަގަކުރެވެއެވެ. އޭގެ ތެރޭގައި 1039 ސިޔާސީ ވަޒީފާ ހިމެނޭކަމަށް ލަފާކުރެވޭއިރު، އެ މަގާމުތައް އަދާކުރާނެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 402 މިލިއަން ރުފިޔާ، 2022 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމެނުމަށް ނިންމިއެވެ. މި އަދަދަކީ ކުރީގެ އަހަރުތަކާއި ބަލާއިރު 20 މިލިއަން ރުފިޔާގެ އިތުރުވުމެއްކަމަށްވެސް މައުލޫމާތު ލިބެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button