ރިޟްވާންގެ މައްސަލައިގައި ހައްޔަރުކުރި މީހުން މަރުކޮމިޝަނަށް ހާޒިރުކޮށްފި
ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާނާއި ޔާމީން ރަޝީދުގެ މައްސަލައިގައި ހައްޔަރުކުރެވުނު މީހުން މަރުކޮމިޝަނަށް ހާޒިރުކޮށްފިއެވެ.
އެގޮތުން މި މައްސަލައިގެ ތަހުގީގަށް މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު އިބްރާހިމް އަބްދުއްރަހީމް (އިސޫ) އާއި، އަހްމަދު އިސްމާއިލް (އަހަނދު) އަދި އަހްމަދު މުއާޒް (ގަޓު މުއާ) ހައްޔަރުކޮށްފައިވަނީ ޖިނާއީ ކުށްތައް ރާވައި ހިންގުމާއި އެކަމަށް މަގުފަހި ކުރުވުމަށް ޓެރަރިޒަމްގެ އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކޮށެވެ. އަދި ކޯޓުން ވަނީ މި ތިން މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމުގެ ހުއްދަ ދީފައެވެ.
މި މައްސަލައިގައި ހިމެނޭ އަހްމަދު މުއާޒު މަރުކޮމިޝަނަށް ހާޒިރުކުރެވުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި އެއަށްފަހު އަހްމަދު އިސްމާއިލާއި، އިބްރާހިމް އަބްދުއްރަހީމް މަރުކޮމިޝަނަށް ހާޒިރުކޮށް ސުވާލުކުރެވުނީ މިދިޔަ ހުކުރު ދުވަހުއެވެ. ވަކީލުންގެ ހާޒިރުގައި އެ މީހުންނާއި ސުވާލު ކުރިއިރު، މައްސަލައިގެ އެއްވެސް ތަފްސީލެއް ކޮމިޝަނުން ހާމަކޮށްފައި ނުވެ އެވެ.
ރިޟްވާން ގެއްލުވާލި މައްސަލައިގައި މަރު ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި ބުނެފައި ވަނީ، ރިޟްވާން ވަގަށް ނަގައި އޭނާގެ ބޯ ބުރިކޮށް ކަނޑު ފައްތާފައިވާކަމަށެވެ. މި މައްސައާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރައްވަމުން މަރު ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ ރިޟްވާން ވަގަށް ނަގައި މަރާލާފައިވާ ކަމަށެވެ. އަދި އެ ހާދިސާ ހިނގުމަށް މެދުވެރިވީ ދީނީ މިނިވަންކަމާއި އެހެން ވެސް އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބަޔަކާއި ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައިވާ ފިކުރު ގެންގުޅޭ ބައެއްގެ ދެމެދުގައި 2010 އަދި 2011 ގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ކަމަށެވެ.
މައްސަލައިގެ ތަހުގީގަށް އެންމެ މުހިންމު އެއް ހެއްކެއްގެ ގޮތުގައި ކޮމިޝަނުން މިއަދާއި ހަމައަށް ވެސް ފާހަގަކުރަމުން އަންނަނީ ރިޟްވާން ރަހީނުކޮށް ގަދަކަމުން ކާރަކަށް އެރުވުމުގެ ތެރޭގައި ގެންގުޅުނު ވަޅި އެވެ.
2018 ވަނަ އަހަރުގެ ރިޔާސީ ކެންޕެއިނުގައި ރައީސް ސާލިޙް ވަނީ އެމަނިކުފާނު ވެެރިކަމަށް އިންތިހާބުވެއްޖެނަމަ 24 ގަޑިއިރުތެރޭ ރިޟްވާނަށް ވީގޮތެއް ހޯއްދަވާނެކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމެން އަހަރަކަށްވެފައިވާއިރު، އިސްވެދިޔަ ރިޕޯޓު ފިޔަވައި މި މައްސަލައިގައި މާބޮޑު ކުރިއެރުމެއް ހޯދިފައެއް ނުވެއެވެ.