މުނިފޫހިފިލުވުން

މިނިވަންކަމަކީ އަނެކާގެ ހައްގަށް އަރައިގަތުމެއް ނޫނެވެ.

ކޮންމެ މީހަކީވެސް ތަފާތު ވިސްނުމެއްގެ ވެރި މީހެކެވެ. އެކި ކަންތައްތަކުގައި މާނަ ނަގާ ގޮތް ވެސް ތަފާތެވެ. ކޮންމެ މީހަކީ އެމީހަކު ވިސްނާ ގޮތަކަށް ނުވަތަ އެމީހަކަށް މާނަ ދޭހަ ކުރެވޭ ގޮތަކަން ކަންތައްތައް ގަބޫލު ކޮށްގެން ތިބޭ ބައެކެވެ. ހަމަ އެގޮތައް ތިމާގެ މިނިވަން ކަމަކީ އެހެން މީހުންގެ މިނިވަންކަމަށް އަރައިގަތުމޭ ބުނާ ބުނުންވެސް ބައެއް މީހުނަށް ވަރިހަމައެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. އަދި އެކަން އޮންނަން ޖެހޭ ގޮތެއްވެސް ނޫނެވެ.

ވަކިވަކި ފަރުދުންގެ މިނިވަންކަމުގެ ވާހަކަ ދައްކާއިރަށް އެންމެ ފުރަތަމަ ވެސް ސިކުނޑިއަށް އަންނާނީ ޒާތީ ދިރިއުޅުމުގެ ވާހަކައެވެ. ސަބަބަކީ ހުރިހާ ކޮޅަކުން ވިސްނި ނަމަވެސް އެކަކު އަނެކަކުގެ ދިރިއުޅުމަށް ކަމާ ނުގުޅޭ މީހުން ބަސް ބުނެ ބާރު ފޯރުވާތަން އަބަދުވެސް މުޖުތަމައުން ފެންނާތީއެވެ. ނަމަވެސް އެންމެ ފަހު ވަގުތު ކޮންމެ މީހަކުވެސް ބުނާ ވާހަކަ އަކީ އެއީ އެމީހެއްގެ މިނިވަން ކަން ކަމެވެ. ހަގީގަތަކީ ތިމާ އާއި ނުބެހޭ ކަންކަމާއި ބެހި، އެހެން މީހުންގެ ދިރިއުޅުމަށް ބާރު ފޯރުވައި އަދި އެއްވެސް ހައްގެއް ނެތި އެހެން މީހުންގެ ދިރިއުޅުމުގެ ތެރެއަށް ވަނުމަކީ ތިމާއަށް ލިބިވަފައިވާ މިނިވަންކަމެއް ނޫން ކަމެވެ. އެކަމުގެ ސަބަބުން އަނެކާއަށް އެދެވެނީ ދެރައެކެވެ. އަދި އެ ދެރަ މާދަމާ ތިމާއާއި ބައްދަލު ކުރާނީ ކޮންފަދަ މުސީބާތެއްގެ ގޮތުގައި ކަންވެސް ނޭނގޭނެއެވެ.

މުޖުތަމައުގެ ތެރެއަށް ނަޒަރު ހިންގާލުމުން ވެސް ފެނިގެން ދަނީ ތިމާ އަށް ލިބިފައިވާ މިނިވަންކަމުގެ މާނަ ނާޖާއިޒު ގޮތުގައި ނަގާ މަންޒަރެވެ. އެކި މީސް މީހުން އެމީހުންގެ އެކި އަމަލުތައް ބަހައްޓާ ގޮތެވެ. ކުޑަ މިސާލެއް ނަގާނަމަ، މަގުމަތިން ދާ އެކި އުމުރުފުރާ ތަކުގެ މީހުންނަށް ފުރައްސާރަ ކުރުމަކީ މިހާރު އަޅުގަނޑުމެންގެ ތެރޭގައި އާންމު ކަމެކެވެ. ފިރިހެނުން އަންހެނުންނަށް އަދި ދޮށީ އުމުރުގެ މީހުން ފުރާވަރުގެ ކުދިންނަށެވެ. އަދި ޒުވާނުން ވެސް އުމުރުން ދުވަސްވީ މީހުންނަށް ދޭން ޖެހޭ އިހުތިރާމު ނުދޭ ކަން އެންމެ ބޮޑަށް ހާމަ ވަނީ ބޭރުތެރެއިންނެވެ. ވަރަށް “ސަޅި“ އަދި “ކޫލް“ ކަމެއްގެ ގޮތުގައި ބައެއް މީހުން ކުރާ ކަމަކަށް މިކަންކަން ވިޔަސް، ހަގީގަތުގައި ވެއްޓެނީ ހަމަ އެކަން ކުރާ މީހުންގެ އަގެވެ. އަދި އެކަމަށް ރައްދު ދޭ މީހަކާއި ދިމާލަށް އެއީ ތިމަންނަގެ މިނިވަންކަމޭ ބުނާ ހިސާބުން ޖެހެނީ ފުލުސްޓޮޕެކެވެ. ނަމަވެސް މިނިވަންކަމަކީ ތިމާގެ ގެ ހުރި “ކޫލް“ ކަން ދެއްކުމަށް އެހެން މީހުންނަށް ފުރައްސާ ކުރުމަށް ލިބިގެންވާ ލައިސެންސަކަށް ވެގެން ނުވާނެއެވެ.

އާއިލާއެއްގެ ތެރެއަށް ނަޒަރު ހިންގާލުމުންވެސް ގިނަ ފަހަރަށް ފެނިގެންދާނީ މިނިވަން ކަމުގެ މާނަ އެންމެ ނުރަނގަޅު ގޮތުގައި ނަގައި، އޭގެ އެންމެ ނުރަނގަޅު ބޭނުން ހިފަމުންދާ މަންޒަރެވެ. އެގޮތުން އެކަކު ހިތް ހަމަ ނުޖެހޭ ކަމެއް އަނެކާ ކުރާ ނަމަ، ކޮންމެވެސް ގޮތަކުން އެކަން ހުއްޓުވަން ބޭނުންވެއެވެ. އެކަކު ގަޔާ ނުވާ ގޮތަކަށް އަނެކާ ކަމެއް ކުރުމުން ކޮންމެ ހާލެއްގައިވެސް އެކަން ވިޔަ ނުދޭން މަސައްކަތް ކުރާ މީހުން އުޅޭކަން އެންމެންވެސް ގަބޫލު ކުރާނެއެވެ. ތިމާ ބެހެން ޖެހޭ ކަމެއް ނުވިޔަސް އާއިލާގެ ކަންކަމާ ބެހުމަކީ އަމިއްލަ މިނިވަންކަަމޭ ބުނާ މީހުން ވެސް މަދެއް ނޫނެެވެ. މިކަހަލަ ހައިޖާނުތަކުން އަބަދުވެސް ގެއްލުން ފެނިގެން ދަނީ ހީވެސް ނުކުރާ ވަރުގެ ގެއްލުމާއި ދެރަ ކޮންމެވެސް އެކަކަށް ލިބޭ މަންޒަރެވެ. ހަމަ އެއްކަލަ މިނިވަން ކަމުގެ މާނަ ތިމާގެ އަމިއްލަ ބޭނުމަށް ހިތު ހުރިހާ ގޮތަކަށް ނަގައި، ހަދާނެހާ އެއްޗެއް ހެދުމުގެ ސަބަބުންނެވެ. މިއީ މިއަދު އަޅުގަނޑުމެންގެ މުޖެތަމައުގެ ހާލަތުކަން ބަލަން ބޭނުންވި ކޮންމެ މީހަކަށް ފެނި ހާމަވާނެއެވެ.

މި ހުރިހާ ކަމަކީ ވެސް ލިބިވަފައިވާ ފަރުދީ މިނިވަންކަމުގެ ބޭނުން ނާޖާއިޒު ގޮތުގައި ނެގުމުގެ ސަބަބުން ކުރިމަތިވާ ބައެއް ކުދި ކުދި ކަންތައްތަކާއި ސަބަބުތަކެވެ. ނަމަވެސް އެންމެ ފަހު ވަގުތު ވިސްނަން ބޭނުންވާ މީހަކަށް ހަމަ ޔަގީނުންވެސް ވިސްނޭނެ ކަމަކީ، ތިމާގެ މިނިވަންކަމަކީ އެހެން މީހުންގެ މިނިވަންކަމަށް އަރައިގަތުން ނޫން ކަމެވެ. އަދި ހަމައެހެންމެ އެއީ އެކަން ވާން ޖެހޭނެ ގޮތެއް ވެސް ނޫން ކަމެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button