އަމިއްލަ ނަފްސު ދެކެ ތިމާ ނުވި ލޯތްބެއް ވާނެ އިތުރު ފަރާތެއް ނުހުންނާނެ
ހަޔާތަކީ އިމްތިހާނެކޭ ބުނާ އަޑު އެންމެން ވެސް އަހާނެއެވެ. އަދި ދިރިއުޅުމުގައި ގިރާކުރަން ޖެހޭ ކޮންމެ ހަރުފަތަކީ ހިތަށް ފަސޭހަ ކަމަކަށް ނުވެ ހިނގައިދާނެއެވެ. ހަޔާތަކީ މިފަދަ އެއްޗަކަށް ވާއިރު މި ހުރިހާ ކަމެއްގެ ތެރެއިން އެންމެ ބޮޑަށް އަޅާނުލައި ދޫކޮށްލެވެނީ އަމިއްލަ ނަފްސަށެވެ. އަމިއްލަ ނަފްސަށް ކުރާ އިތުބާރާއި، ވާ ލޯތްބަށްވުރެ ބޮޑު ލޯތްބެއް ގިނަ ފަހަރަށް ކުރެވެނީ ކައިރި އެހެން މީހުންނަށެވެ. ނަމަވެސް ގިނަ ފަހަރަށް ދިރިއުޅުމުގެ އެންމެ ހިތްދަތި އަދި ދަތި ވަގުތު ތަކުގައި ދަސްކޮށްދޭ ފިލާވަޅަކީ ތިމާގެ ނަފްސާއި މެދު ނުބެހެއްޓި ގާތްކަމެއް ބަހައްޓާނެ އިތުރު ފަރާތެއް ނުވާނެކަމެވެ.
ގިނަ މީހުން ދިރިއުޅުމުގެ ކޮންމެ ދުވަހެއް ގުނަމުން ދާއިރުވެސް އަބަދުވެސް ވިސްނަނީ އެހެން މީހުންނާއި މެދުގައެވެ. އެހެން މީހުންނަށް ވާނެ ގޮތަކާއި މެދުއެވެ. އެހެން މީހުން ހިތަށް އަރާނެ އެއްޗަކަށެވެ. އެންމެ ފަހުން ހަޔާތުގެ އުފާތައް ގުރުބާން ކުރަން ޖެހޭ ސަބަބަކަށް ވެސް އެހެން މީހުން އެބަވެގެންދެއެވެ. ނުވަތަ މިގޮތަށް ވިސްނެއެވެ. ނަމަވެސް އެންމެ ފަހު ވަގުތު ތިމާ އާއި މެދު ވިސްނާ އެއްވެސް މީހަކު ހުރި ކަމަށް ގިނަ ފަހަރަށް ސުވާލު އުފައްދަން ޖެހެއެވެ. ސަބަބަކީ ތިމާ އެހެން މީހުންނާއި މެދު ވިސްނާފައި ގުރުބާން ކުރި ތިމާގެ އުފާތަކަށް ވެސް އެހެން މީހުން ގަދަރު ނުކުރާތީއެވެ. އަދި ތިމާ އަށް އެހެން މީހުންނާއި އެމީހުންގެ ވިސްނުން މުހިންމު ވީއިރު، އެމީހުންގެ ކުރިމަތީގައި ތިމާ އެއްވެސް އެއްޗަކަށް ނުވާތީއެވެ. އެންމެ ފަހު ވަގުތު އަބަދުވެސް ހޯދަން ޖެހޭނީ އަދި އެދެން ވެސް ޖެހެނީ އަމިއްލަ ނަފްސުގެ އެހީއަށެވެ.
ކޮންމެ މީހެއްގެ ދިރިއުޅުމުގައި ވެސް އެމީހަކަށް މުހިންމު ފަރާތްތަކެއް ވާނެއެވެ. އަދި އެމީހުންނަށްޓަކައި ނުކުރާނެ ކަމެއްވެސް ނޯންނާނެއެވެ. އެހީއެއް ބޭނުންވެއްޖެ ނަމަ އަބަދުވެސް އެންމެ ކުރީގައި ހުންނާނެއެވެ. އަމިއްލަ ނަފްސަށް ނުދޭ އަހައްމިއްޔަތުކަން އެބަޔަކަށް ދޭނެއެވެ. އަދި އަމިއްލަ ނަފްސުގެ ހިތްހަމަ ޖެހުމާއި އުފާތައްވެސް ބަރޯސާވަނީ އެމީހުންގެ މައްޗަށެވެ. ނުވަތަ އެމީހުން ތިމާ އާއި މެދު ކަންތައް ކުރާ ގޮތަށެވެ. މިކަމަކީ ކޮންމެ މީހެއްގެ ދިރިއުޅުމަށް ނަޒަރު ހިންގާލިޔަސް ހާމާވާނެ ކަންތައްތަކެވެ. މިގޮތަށް ކަންއޮތްއިރު އެމީހުން ތިމާ އާއި ވަކިވެ ދާއިރު، ވަކިވެގެން ދިޔައީ ތިމާގެ ގައިން ބައެއްހެން ހީވާނެއެވެ. އަދި ގެއްލިގެން ދިޔައީ ތިމާގެ އުފާތައް ހެން ވެސް ހީވާނެއެވެ. އެންމެ ފަހު ވަގުތު ތިމާ އަށްޓަކައި ހުންނާނެ ހަމަ އެކަނި މީހަކަށް ވަނީ ހަމަ ތިމާގެ އަމިއްލަ ނަފްސެވެ. ހުރިހާ ވެސް ސަބަބަކީ ތިމާގެ ނަފްސަށް ދޭން ޖެހޭ އަހައްމިއްޔަތު ކަމާއި ލޯތްބާއި އަޅާލުން އެހެން މީހުންނަށް ދިނުމެވެ.
ދިރިއުޅުމަކީ ފަސޭހަ ދަތުރަކަށް ނުވާއިރު އެންމެންވެސް ގަބޫލު ކުރަން ޖެހޭ ކަމަކީ އެހެން މީހުންނަށް ދޭ ލޯތްބަކީ ކޮންމެ މީހެއްގެ ވެސް އަމިއްލަ ނަފްސު ބޭނުންވާނެ އެއްޗެއްކަމެވެ. އަދި އެހެން މީހުންނަށް ދޭ އަޅާލުމާއި ގަދަރާއި އިއްޒަތް އެންމެ ފުރަތަމަ ހައްގުވާ މީހަކީ ވެސް ތިމާގެ އަމިއްލަ ނަފްސުކަމެވެ. އެއްވެސް މީހަކީ އެނެކާގެ ދަތުރުގެ ބައެއް ލައިގެން ހައްދަވާފައި ވާ މީހަކަށް ނުވާއިރު، އަމިއްލަ ނަފްސު ދެކެ ލޯބިވާން ކޮންމެ މީހަކުވެސް ދަސްކުރަން ޖެހޭނެއެވެ. ސަބަބަކީ އެންމެ ބޭނުންވާ ވަގުތު ޔަގީނުންވެސް އެންމެ ކައިރީގައިވާ ފަރާތަކަށް ވާނީ ތިމާގެ އަމިއްލަ ނަފުސަށްވުމެވެ. އަދި ހަޔާތުގައި ދިމާވާ ކޮންމެ އަނދިރި ކަމެއް ދަސްކޮށްދޭ އެއް ފިލާވަޅަކީ ވެސް އަމިއްލަ ނަފުސު ދެކެ ލޯބިވުމަކީ ކިހާ މުހިންމު ކަމެއް ކަމެވެ. ނަފްސީ ނަފްސީއެވެ.