މުނިފޫހިފިލުވުން

ސަންރައިޒް ބަލަން ދިޔުމުގެ ޕްލޭން އަދިވެސް ޕްލޭނެއްގެ ގޮތުގައި

ކޮންމެ ކަމަކީ ވެސް އެކަކު ކުރަން ފަށައިފި ނަމަ އަނެކަކު ކުރާ ހިތްވާނެ ކަމެކެވެ. އަދި ގްރޫޕު ހަދާފައި ތިމާ އެންމެ ގަޔާވާ ބަޔަކާއި އެކު އެކަމެއް ކުރެވެމުން އިތުރަށް ހިތްހަމަ ޖެހޭ ކަންކަން ވެސް ހުރެއެވެ. މިކަހަލަ ކަންކަމަކީ އާންމުކޮށް ކުރަން ކިޔާފައި އެކަން ނުވެ އެތައް ދުވަހަކަށް ދިގު ދެމިގެންދާ ކަންކަމެވެ. ސަންރައިޒް ބަލަން ދިޔުމަކީވެސް މިކަހަލަ ކަމެކެވެ.

މިހާރަކަށް އައިސް އެންމެ ގިނައިން ދެކެވޭ އެއްވާހަކަ އަކީ ސަންރައިޒް ބަލަން ދިއުމުގެ ވާހަކައެވެ. އެފަދަ ޖާދުވީ މަންޒަރުތައް ބަލާލުމަކީ ކޮންމެ ކޮންމެ ދުވަހަކު ކުރަން ފަސޭހަ ކަމަކަށް ނުވާތީ ކަމަށް ވެސް ވެދާނެއެވެ. ނަމަވެސް ސަންރައިޒް ބަލަން ދިޔުމަށްޓަކައި ހަދާ އެކި އެކި ޕްލޭންތައް އެ ޕްލޭން ކުރި ގޮތާއި އެއްގޮތަށް ދާތަނެއް ނުފެނެއެވެ. އަބަދުވެސް އައުމެއް ނެތް މާދަމައަކަށް ލަސްކުރެވެމުން ދެއެވެ. އެކި ފަހަރު އެކި ސަބަބަތަކާއި ހެދިއެވެ. ގިނަ ފަހަރަކަށް އެކަމުގެ އެންމެ ބޮޑު ސަބަބަކަށް ވެގެން ދަނީ ނުހޭލެވުމުގެ މައްސަލައެވެ. އިރު އަރާ މަންޒަރަށް ވުރެ ނިދި މުހިންމު ކުރެވޭ ފަހަރުތައް ގިނަ ކަމުންނެވެ. އެއީ ދުވާލު ހަތަރުދަމު އެކި ކަންކަމުގައި އުޅެން ޖެހޭ ގޮތުން ކަމަށްވެސް ބައެއް ފަރާރަތްތައް ބުނެއެވެ.

މިކަހަލަ ކަންކަމަކީ ގިނަ މީހުން އެކަނި ކުރަން ބޭނުންވާ ކަންކަމެއް ނޫނެވެ. އަމިއްލަ އަށް މިކަހަލަ ކަމަކާއި އުޅުމަށްވުރެ އެހެން މީހުންނާއި އެކު ކުރަން މަޖާ ކަމަކަށް ދެކޭ މީހުންވެސް މަދެއް ނޫނެވެ. ގުރޫޕު ހަދާފައި ގިނަ ބަޔަކު އިރު އަރާ މަންޒަރު ބަލަން ދާން ޕްލޭނު ކުރުމަކީ އެކަން ކުރުމަށް ދަތިވާ ސަބަބަކަށް ގިނަ ފަހަރުވެއެވެ. ގުރޫޕުން އެންމެ މީހަކަށް ނުދެވުނަސް ދެން ތިބި އެކަކުވެސް އެކަން ކުރަން ބޭނުން ނުވާތީއެވެ. މުސްކުޅިން ބުނެ އުޅޭހެން އިރު އަރާ މަންޒަރު ބަލަން ދިޔުމަކީ ވާގަނޑަށް ދިގުވާ ކަމެކެވެ. އަބަދުވެސް ވަގުތުން އައިސް ޖެހުމުން އެހެން ދުވަހަކަށް ބަދަލު ކޮށްލަން ޖެހެއެވެ. އެކި މީހުންގެ އެކި ސަބަބުތަކާއި ހުރެއެވެ.

މަދުން ނަމަވެސް އަނެއްބައި މީހުންނަކީ އެހެން މީހުން ކަމެއް ކުރަން ކިޔާތީ އެވާހަކަ ދައްކާ ބައެކެވެ. މާވަރަކުން އެކަން ކުރަން ބޭނުންވާތީއެއް ނޫނެވެ. ނުވަތަ އިރުއަރާ މަންޒަރު ބަލަން ގަޔާވާތީއެއްވެސް ނޫނެވެ. ގިނަ ބަޔަކު އެއްވާހަކައެއް ދައްކާތީ އެވާހަކައިގައި ބައިވެރިވެލަން އިރު އަރާ މަންޒަރު ބަލަން ދާން ޕްލޭނު ކުރާ މީސްމީހުންވެސް އުޅެއެވެ. އެކަމުން ބާކިވެ ނުހުންނަން ވެގެނެވެ. އަދި އެންމެ ކުރާތީ ނުވަތަ ގިނަ ބަޔަކު ކަމެއް ކުރާތީ އެކަމުގައި ބައިވެރިވެލުމުގެ އުސޫލުން މިކަން ކުރާ ފަރާތްތައްވެސް އުޅެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button