ޚަބަރުސިޔާސީ

ފެނަކައިގެ ނަން މައިފޫނާ އިންޖިނީރިންގް އަށް ބަދަލުކުރަން ވެއްޖެ: މޮސްޓާ

އެޗްޑީސީގެ ނަން އަރބަންކޯއަށް ބަދަލުކުރިހެން ފެނަކައިގެ ނަން މައިފޫނާ (އެމްޑީ ސަޢީދު) އިންޖިނީރިންގް އަށް ބަދަލުކުރަން ޖެހިދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އަބްދުالله (މޮސްޓާ) ވިދާޅުވެއްޖެ އެވެ.

މޮސްޓާ މިފަދައިން ވިދާޅުވެފައިވަނީ ފެނަކައިން ކުދި ވިޔަފާރިތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށާއި، އެކުންފުނީގެ މެނޭޖުމަންޓު އަދި ފައިނޭންސް އޮޑިޓެއް ހެދުމަށް ގޮވާލާ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައަށް މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން ނެވެ.

މޮސްޓާގެ ވާހަކައިގައި ވަނީ ފެނަކަ މެނޭޖިން ޑިރެކްޓަރު ސައީދަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ.

ގދ ވާދޫ ކައުންސިލް ރައީސް ފިޔަވައި، ފެނަކައިން މުސާރަ ނުހިނގާ 15 އަހަރުން މަތީގެ ބޭފުޅެއް އެ ރަށުގައި ނެތް ކަމަށާއި، ބައުންޑްރީ ނެތް ތަން ތަނުގައި ސެކިއުރިޓީ ޕޯސްޓް ހެދުމަށްފަހު ސެކިއުރިޓީ ބަހައްޓާފައި ތިބިކަމާއި، 25 ހާސް ރުފިޔާގެ މުސާރަ ލިބޭ 4 ސުޕަވައިޒަރުން ތިބިއިރު މި ސުޕަވައިޒަރުންނަށް އިތުރު 2 ސީނިއާ ސުޕަވައިޒަރުން ތިބޭ ކަމަށް މޮސްޓާ ވިދާޅުވިއެވެ.

”ގދ. ވާދޫގައި މިއަދު ނެތޭ 15 އަހަރުން މަތީގެ ގދ. ވާދޫގެ ކައުންސިލް ރައީސް ފިޔަވައި އެއްވެސް ބޭފުޅަކު ފެެނަކައިން މުސާރަ ނުހިނގާ. ރަށެއްގެ އާބާދީ އެއްކޮށް ފެނަކަ. މިއީ ފެނަކަ ސައީދުގެ އަމިއްލަ ތަނެއްބާ؟“ މޮސްްޓޯ ވިދާޅުވިއެވެ.

މީގެ އިތުރުން ވާދޫގައި ފެނަކައިގެ އެމްޑީ ސައީދުގެ އަމިއްލަ ގެކޮޅު ގަނޑުވަރެއް ފެންވަރަށް ހަދާފައިވާ ކަމަށާއި، އޭގެ އިތުރުން ސްރީލަންކާގައިވެސް ގެއެއް ހަދާފައިވާކަމަށް މޮސްޓާ ވިދާޅުވި އެވެ. އަދި އެ މަޤާމުގައި ހުންނަވައިގެން މިހާރު އެމްޑީ ސައީދު ގެންދަވަނީ ރިސޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ވެސް ކުރައްވަމުން ކަމަށް މޮސްޓާ ވިދާޅުވި އެވެ.

މި ހުރިހާ ޚަރަދެއް ކުރައްވަމުންދާއިރު، ފެނަކައަށް ފިނޭންސްއިން ފައިސާ ނުލިބޭކަމަށް ބުނެ ވިޔަފާރިވެރިން ލައްވާ މުޒާހަރާ ކުރުވުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫންކަމަށާއި، ވައްކަމާއި ކޮރަޕްޝަނާއި ދެކޮޅުކަމަށް ބުނެ އައި ސަރުކާރު މިއަދު ކޮރަޕްޝަންގެ ހާއްޔަކަށް ބަދަލުވެފައިވާ މިންވަރު ހަމައެކަނި ފެނަކަ ކުންފުންޏަށް ބަލާލުމުން ހާމަވެގެންދާކަމަށް މޮސްޓާ ވަނީ ވިދާޅުވެފަ އެވެ.

ފެނަކަ އެމްޑީ ސަޢީދު އަކީ ރައީސް އިބްރާހިމްގެ ވެރިކަމުގައި އެންމެބޮޑަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ އެއް އެމްޑީއެވެ. މޮސްޓާގެ އިތުރުން ދާދިފަހުން ފެނަކަ ސަޢީދުއާއި ރައީށް އިބްރާހިމަށް ވަގަށްގޮވި މައްސަލާގައި މަޤާމުން ވަކިކުރި އެންވަރމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޣުނީވެސް ވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދުއަށް ފާޑުވިދާޅުވެ، އަމިއްލަ އެކައުންޓުން ޓުވީޓުތަކެއް ކުރައްވާފަ އެވެ. އެ ޓްވީޓުތަކުގައި އޭނާ ވަނީ ސައީދަކީ ކޮރަޕްޓް އެމްޑީއެއް ކަމަށް ތުހުމަތުކުރައްވާފަ އެވެ. އަދި މި ސަރުކާރުން ކޮރަޕްޝަނަށް ’ޒީރޯ ޓޮލެރެންސް‘ ސިޔާސަތުގެ ވާހަކަ ދެއްކުން ހުއްޓާލަން ޖެހުނީ ވެސް ސަޢީދުގެ ސަބަބުން ކަމަށް މުޣުނީ ފަހުން ކުރެއްވި ޓްވީޓްގައި ވަނީ ވިދާޅުވެފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމްޑީޕީގެ ހުރިހާ އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ފެނަކައިން ދަނީ ކޮންމެ އިންތިޚާބަކާއި ދިމާކޮށް އެތައް ސިޔާސީ މަޤާމްތަކެއް އުފައްދާ އުސޫލުން ބޭރުން އެތައް ވަޒީފާތަކަށް މީހުން ނަގަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button