ރިޕޯޓް

އިންސާފު ނުލިބި މިފަހަރުވެސް ބަޔާނަކުން ނިންމާލާނީތޯ؟

އުމުރުން އެންމެ 13 އަހަރުގެ ކުއްޖެކެވެ. ތައުލީމާއި ދިރިއުޅުމާއި ބެހޭގޮތުން ގިނަ ކަންކަން ދަސް ކުރާ އުމުރެވެ. މަޖަލާއި ސަކަރާތުގައި ދުވަސްތައް ކަޑައްތު ކުރަން ޖެހޭ އުމުރެވެ. ހެލިފެލިވެ، ހިނިތުންވުމާއި އެކު އެކި ކަންކަމުގައި މަޝްއޫލުވެ އުޅެން ޖެހޭ ދުވަސްވަރެވެ. ވީހާވެސް ބޮޑަކަށް އަހުލާގީ މިންގަނޑުތަކުން ބޭރުވާ ކަންކަމުން ދުރުހެލިކޮށް އެންމެ ރިވެތި އާދަތަށް ދަސްކުރަން ޖެހޭ އުމުރެވެ. އުފާވެރި ހަޔާތެއްގެ ދަންމަރު ރޯކުރަން ޖެހޭ އުމުރެވެ. އާއިލާއި، ގާތް ތިމާގެ މީހުނާއި މުޖުތަމައުގެ އަޅާލުން ބޭނުންވާ ދުވަސްވަރެވެ. އެކަމަކު ރަހީނުކޮށް އަނިޔާވެރި ގޮތަކަށް މަރާލީއެވެ. ދެން އޮތީ އިންސާފުގެ ވާހަކައެވެ.

މި މަހުގެ 20 ވަނަ ދުވަހު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރެވުނު 13 އަހަރުގެ ކުއްޖާ، ރަހުމުކުޑަ ގޮތަކަށް މަރާލާފައި އޮއްވައި ފެނިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދުގެ ސަރަހައްދުންނެވެ. ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ މޫދުގައި އޮތް ފޮއްޓެއްގެ ތެރެއިން ކަމުގައި ވާއިރު، އޭނާގެ ހަށިގަނޑު ވަކި ކުރަންވެސް ނޭނގެއެވެ. ފުލުހުންނަށް ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ 02:38 ހާއިރުއެވެ. މި މައްސަލަ އާއި ގުޅިގެން 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ދުލުން ބުނުމުން އަޑު އަހަން އެހާ އުނދަގޫ އިރު، އެ ކުޑަ ކުއްޖާ ތަހައްމަލު ކުރި ވޭން އަދި ކިހާ ބޮޑުވާނެ ހެއްޔެވެ.

މިފަދަ ކޮންމެ ލާ އިންސާނީ އަމަލެއް ހިނގައިފިނަމަ އަބަދުވެސް އަޑު އިވޭ ވާހަކައަކީ ކަމާ ބެހޭ މުއަސަސާތަކުން އެކަން ކުށްވެރި ކުރި ވާހަކައެވެ. އަދި އެކަމާއި މެދު ހިތާމަ ކުރާ ކަމަށް ބުނެ އެ ހަބަރު ލިބުމުން ކުރެވެނީ ކޮން އިހުސާސެއް ކަން ބަޔާންކޮށްދޭ ވާހަކައެވެ. އަދި ހިތާމައިގައިވާ އާއިލާ އަށް ތައުޒިޔާ ފޮނުވި ވާހަކައެވެ. ނަމަވެސް އެވަރުން ފުދޭނެ ހެއްޔެވެ. މިފަދަ ހާދިސާއެއް ހިނގާ ކޮންމެ ފަހަރަކު އަނގައިން ބުނެލާ އެއްޗަކުން އެކަމަށް ހައްލު ހޯދޭނެ ހެއްޔެވެ. ވާހާވެސް ކަމަކީ ދޭތެރެއަކުން މިފަދަ ހަބަރުތަށް އިތުރުވުމެވެ. މިފަދަ ލާއިންސާނީ އަމަލުތައް ހިންގާ މީހުންވެސް ގިނަ ވުމެވެ. އަދި އިންސާފު ހޯދައިދޭން ޖެހޭ ފަރާތްތައް ދުވަހަަކަށްވުރެ ދުވަހެއް ގިނަވެ އިތުރުވުމެވެ. 13 އަހަރުގެ ކުއްޖާގެ މަރަކީ ވެސް ހިތް ދަތި މަރެކެވެ. މިއަދު ގައުމުގެ ހާލަތު ސިފަކޮށްދޭ ކަމެކެވެ. ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދި ހަބަރެކެވެ. އަދި ކުޑަ ކުދިންގެ މޫނުތަކަށް މާޔޫސްކަން ގެނުވި މަރެކެވެ. ހުރިހާ ގޮތަކުން ބެލިޔަސް ލިބުނީ ފޫނުބެއްދޭ ފަދަ ގެއްލުމެކެވެ. ކޮންމެ ފުރާނައަކީ ވެސް އަގު ނުކުރެވޭ ފަދަ އަގު ބޮޑު މާތް ނިއުމަތެކެވެ. އެހެން ކަމުން ރާއިފްގެ މަރާއި އެކު ފުލުހުން ރައްޔިތުންނަށް ޖަވާބުދާރީ ވާން ޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.  ސަބަބަކީ މިފަދަ އެތައް މައްސަލަތަކެއް ފެންމަތިވެގެން ދާއިރުވެސް، ހޯދައިދެވޭ އިންސާފެއް އަދި ކުރެވޭ މާބޮޑު ކަމެއްވެސް ފެންނަން ނޯންނާތީއެވެ.

މިފަދަ މައްސަލަތަކާއި ބެހޭ ގޮތުން ރައްޔިތުންނަށް ޖަވާބުދާރީ ވާން ޖެހޭ ފަރާތްތަކުގެ ޒިންމާދާރުކަން އެންމެ ރަނގަޅު ގޮތުގައި ފެންނަން ވާނެއެވެ. ސަބަބަކީ މިފަދަ މައްސަލަތަކަށް ޒިންމާދާރު ވާން ޖެހެނީ އެންމެ ފަރާތެއް ނޫނެވެ. އެއީ ތައުލީމު އުނގެނެމުން ދިޔަ އަދި ކުރިއަށް ދިއުމުގެ ގާބީލުކަން ހުރި ކުއްޖެއްކަން އެކި ގޮތް ގޮތަށް ފާހަގަކުރެވިގެން ދިޔައެވެ. ޅަ އުމުރެއްގައި، އެ ކުޑަ ކުއްޖާ އަށް އެފަދަ ހާލެއް ޖައްސައި، އެހާ ލާއިންސާނީ ގޮތަކަށް މަރާލިއިރު، ހަމަ އެއްވެސް އެއްޗެއް އެކަން ކުރި ބައެއްގެ ހިތަށް ނާރަނީ ހެއްޔެވެ. ހިތަކަށް އުނދަގުލެއް ނުވޭ ހެއްޔެވެ. ފަސް ނުޖެހޭ ހެއްޔެވެ. އެކުއްޖާއަށްޓަކައި ހަމްދަރުދީ ނުވަނީ ހެއްޔެވެ. ކުލުނެއް ނުއުފެދޭ ހެއްޔެވެ. ހިތުގައި އިންސާނިއްޔަތު ކަމުގެ ކުޑަ މިންވަރެއްވެސް ނެތީ ތޯއެވެ.

އަޅުގަނޑުމެންގެ ތެރޭގައި މިކަހަލަ އެތައް ކަމެއް ފެނިގެންދާއިރު، ހުރިހާ ފަރާތްތަކެއް ވެސް މިކަމާއި ދެކޮޅަށް ނިކުންނަން ޖެހެއެވެ. މިވާހަކަތަށް ދައްކަން ޖެހޭނީ މިއަދަކު އަދި މާދަމާ އެކަންޏެއް ނޫނެވެ. ދެތިން ދުވަސް ވަންދެން މިފަދަ ވާހަކަ ދައްކާފައި ހުއްޓާލެވޭކަން މިއަދަކު ނެތެވެ. މިކަންކަމާއި މެދު ފިޔަވަޅުތަކެއް ނޭޅި، އިންސާފު ގާއިމުނުކުރެވޭ ނަމަ، ތަކުރާރުވެގެން ދަނީ މިފަދަ އަދި އެތައް ކަމަކެވެ. އަޅުގަނޑުމެންނާއި ވަކިވެދާނީ މިކަހަލަ ކިތައް ކުދިން ހެއްޔެވެ. ގެއްލުވާލާފައި ވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ އިންސާފު ކޮބައި ހެއްޔެވެ. ނޫސްވެރިޔާ ރިޟްވާނުގެ އާއިލާއަށް އިންސާފު ލިބިއްޖެ ހެއްޔެވެ. ބޮލޮގަރ ޔާމީން ރަޝީދުގެ އާއިލާއަށް އިންސާފު ލިބިއްޖެ ހެއްޔެވެ. ޑރ.އަފްރާޝިމް އަލީގެ އާއިލާއަށް އިންސާފު ލިބިއްޖެ ހެއްޔެވެ. މިކަހަލަ ކިތައް މަރެކެވެ.

މިހާރު ބޭނުންވަނީ މިފަދަ މައްސަލަތަކާއި ބެހޭ ގޮތުން އިތުރު ސުވާލުތަކެއް ނޫނެވެ. ޒިންމާދާރު ޖަވާބެކެވެ. މުއަސަސާތައް ވާން ޖެހޭނީ އިންސާފު ގާއިމުކޮށްދޭ ބަޔަކަށެވެ. ތައުޒިޔާ ފޮނުވާ ހިސާބުން މައްސަލަ ނިންމާލާ ބަޔަކަށް ނޫނެވެ. އެވާހަކަ ދައްކާ މީޑީއާތައް ޖޫރިމަނާ ކުރިޔަސް އިންސާފެއް ނުލިބޭނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button