ކޮލަމް

ފަހު ތަޅާލުން ގަނޑަށް ތައްޔާރުވަނީ ހެއްޔެވެ؟

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު، ކިތައްމެ އޮމާންކޮށް ދިޔަނަމަވެސް، ރައީސް ޞާލިޙާއި، މަޖިލިސް ރައީސް މުހައްމަދު ނަޝީދާ ދެމެދު ނުތަނަވަސްކަމެއް އުޅޭކަމުގެ އަޑުތައް ސޯޝަލްމީޑިއާގެ ތެރޭގައި ދައުރުވަމުން ދިޔައެވެ.

މިގޮތަށް ހިނގާ ކަންތައްތަކަކީ ސިޔާސީ ގޮތުން ހިނގާ ކަންތައްތައް ކަމަށްވާތީ، މިކަމުގެ ތެދު، ދޮގު އޮތީ ވަންހަނާވެފައެވެ. ނަމަވެސް ކޮންމެވެސް ކަމެއް އުޅޭކަމަށް ދެކޭބަޔަކުވެސް އުޅުނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައީސް ނަޝީދު ވާދަކުރެއްވުމާއި، މަޖިލީހުގެ ރައީސްގެ ގޮތުގައި އިންތިޚާބުވެގެން ދިޔަގޮތާއި، އޭގެ ފަހުން ކަންތައްތައް ހިނގަމުން ދިޔަގޮތުން، ރައީސް ޞާލިޙާއި ރައީސް ނަޝީދުގެ ފިކުރު ދެކަފިވެއްޖެކަމަށް ގަބޫލުކުރަންޖެހިއްޖެއެވެ.

ރައީސް ނަޝީދަކީ އަބަދުވެސް ކޮރަޕްޝަނާއި ފަސާދައާއި ދެކޮޅަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. އެގޮތުން، ރައީސް ޞާލިޙުގެ ވެރިކަމުގެ ތެރޭގައި ހިންގާ ކޮރަޕްޝަނާއި ފަސާދައިގެ ކަންތައްތަކުގެ ވާހަކަ ރައީސް ނަޝީދު ގެންދެވީ ދައްކަވަމުންނެވެ. ވަޒީރުންގެ ތެރެއިން ވަކި ބޭފުޅަކު މާ ބާރުގަދަވެއްޖެކަމަށް ދެކިވަޑައިގެން، އެ ވަޒީރު މަގާމުން ވަކިކުރެއްވުމަށްވެސް މަސައްކަތްތަކެއް ކުރެއްވިއެވެ. ނަމަވެސް ކާމިޔާބު ނުވެ، އެ މަސައްކަތްވެސް ރައީސް ނަޝީދަށް ޖެހިވަޑައިގަތީ ހުއްޓަވާލައްވާށެވެ.

ސަރުކާރުގެ ތެރެއިން ހިންގާ ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތަކަށް ފިޔަވަޅުނޭޅި، ކަންތައްތައް ހައްދުން ނައްޓާލާތީ، އެފަދަ މައްސަލަތައް، މަޖިލީހުގެ ތެރެއިން ރައީސް ނަޝީދު ބައްލަވަން ފެއްޓެވިއެވެ.  މި މަސައްކަތް ފެއްޓެވުމުން، ރިޔާސީ ނިޒާމެއްގެ ސިފަތައް ގެއްލި ބަރުލަމާނީ ނިޒާމުގެ ތެރެއަށް ގައުމު ސޮއްސާލަމުން ދިޔަވަގުތު، އަޑު އިވުނީ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑު ވަޒީރުގެ މަގާމު ރައީސް ނަޝީދު ބޭނުންފުޅުވާކަމުގެ ވާހަކަތަކެވެ.

ކޯލީޝަނުގެ އިސްވެރިންގެ ބަހަށް، ސަރުކާރު ހިންގުމުގައި ރައީސް ނަޝީދުގެ ހިއްސާ އެއްވެސް މިންވަރަކަށް ބޭނުންނުކުރާތީ، ރައީސް ނަޝީދުގެ އަރިސް ބޭފުޅުން އަބަދުވެސް ޝަކުވާ ކުރައްވައެވެ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، މި ވެރިކަމަކީ ރައީސް ނަޝީދުގެ ވެރިކަމެކެވެ.

ސަރުކާރު ހިންގުމުގައި ހުރި އުނިސިފަތަކުގެ ވާހަކަތަކުގެ އިތުރުން، ސަރުކާރުގެ އިސްވެރިން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުން ވެގެންދިޔައީ، ސަރުކާރު އިސްވެރިން އެހާ ގަޔާވާ ކަމަށްނޫނެވެ.

މިހުރިހާ ކަމަކުންވެސް، ފާހަގަވެގެން ދިޔައީ އެންމެ ކަމެކެވެ. ރައީސް ޞާލިޙާ ރައީސް ނަޝީދާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ބޮޑުވަމުން ދިޔަކަމެވެ.

ރައީސް ނަޝީދަކީ އެމަނިކުފާނުގެ ހިތްޕުޅުގައި އޮންނަ އެއްޗެއް، އެއްވެސް މިންރަކަށް ފޮރުވުމެއް، ހުއްޓުމެއްނެތި ވިދާޅުވާ ބޭފުޅެކެވެ. މިފަދަ ބަސްތަކާމެދު ބައެއް ފަރާތްތަކުން ވަރަށް ހިތްހަމަ ނުޖެހިގެންވެސް ވާހަކަ ދައްކައެވެ. އެކަމަކު، އެފަދަ ވާހަކަތަކުން ރައީސް ނަޝީދަށް މާބޮޑު އަސަރެއް ކުރާތަނެއް ނުފެނެއެވެ.

މީގެ ދުވަސްތަކެއް ކުރިން، ރައީސް ނަޝީދަށް އަމާޒުވި، ނުރައްކާތެރި ޙަމަލާއަކީ، ބިރުވެރި ޙަމަލާއެކެވެ. ރާއްޖޭގެ ކަންކަން އިންތިހާއަށް ނުރައްކާވެއްޖެކަމުގެ ރަނގަބީލެއްގެ އަޑެވެ.

މި ހާދިސާއާއި ގުޅިގެން، ރައީސް ނަޝީދުގެ ވަފާތެރިންގެ ނުތަނަވަސްކަން ސަރުކާރަށް ވަރަށްބޮޑަށް އަމާޒުވެއްޖެކަމަށް ފާހަގަވެއެވެ. މި ހާދިސާގެ ފުރިހަމަ ތަހްގީގެއް ހިންގުމަށާއި، އެކަމަށް ވާގިވެރިވިފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް، ރައީސް ނަޝީދުގެ ވަފާތެރިން އަންނަނީ ކެނޑިނޭޅި ގޮވާލަމުންނެވެ.

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދެވުމަށް ޖަރުމަނުވިލާތަށް ވަޑައިގެންނެވުމަށްފަހު، މިހާރު ހުންނެވީ އިނގިރޭސިވިލާތުގައިކަމަށް މީޑިއާ ރިޕޯޓްތަކުން އެނގެއެވެ.

ކޮންމެގޮތެއްވިޔަސް، ރައީސް ނަޝީދަށް އަމާޒުވި ޙަމަލާއާއި ގުޅިގެން، ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކަކީ، ރައީސް ނަޝީދުގެ ވަފާތެރިން ގަބޫލުކުރާގޮތުގައި އެކަށީގެންވާ ފިޔަވަޅުތަކެއް ނޫނެވެ. އެފަދަ ޙަމަލާއެއް ރައީސް ނަޝީދަށް އަމާޒުވީވެސް، ސަރުކާރުގެ ދޯހަޅިކަމުންނެވެ.

ރައީސް ނަޝީދުގެ ވަފާތެރިން މިހާރު ތިބީ، ކަންކަން ހިނގާގޮތުގެ މަންޒަރު ބަލާށެވެ. އެއްވެސް މިންވަރަކަށް ހިތްހަމަ ޖެހިގެނެއްނޫނެވެ. މި މަންޒަރަށް އިތުރު ކުލަތައް އަންނާނީ، ރައީސް ނަޝީދު ރާއްޖެވަޑައިގަތުމުން ކަމުގައި ގިނަ ބަޔަކު ދެކެއެވެ. އޭރުން ފެށިގެންދާނީ ފަހު ތަޅާލުން ގަނޑުގެ މަންޒަރުތަކެވެ. ހިންދީ ފިލްތައް ނިމޭ ފަދައިން، ފަހު ތަޅާލުންގަނޑުވެސް ނިމޭނީ ކޮންމެވެސް އެކަމަށް ކާމިޔާބު ވެގެންނެވެ. އެއީ ކާކު ކަމެއް އަދި ދަންނަވާކަށް ނޭގެއެވެ. ބަލަން ތިބެމާ ހިންގަވާށެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button