އިހުތިރާމަކީ ހައިސިއްޔަތު ބަލާ އެއްޗެއް ނޫނެވެ
ބޮޑެތި މަގާމުތަކުގައި ތިބޭ މީހުންނަށް އިހުތިރާމަކީ ކުރަން ޖެހޭ އެއްޗެކެވެ. ފައިސާގެ ގޮތުން މުއްސަނދި މީހުންނަށް އިހުތިރާމަކީ ކުރަން ޖެހޭ އެއްޗެކެވެ. ބޮޑެތި އާއިލާތަކުގެ މީހުންނަށް އިހުތިރާމަކީ ކުރަން ޖެހޭ އެއްޗެކެވެ. މިއީ ދުނިޔެ ގަބޫލު ކުރާ ގޮތެވެ. ނޫނީ އެންމެ ކުޑަ ދުވަހުން ފެށިގެން ވިސްނައިދޭ ގޮތެވެ. މި ހުރިހާ ކަމެއްގެ ތެރެއިން އެ ޝަރުތުތަށް ފުރިހަމަ ނުވާ މީހުންނަށް އިހުތިރާމަކީ ކުރުން ލާޒިމު އެއްޗަކަށް ނުވެއެވެ. ހިތާމަވެރިކަމެއް ނަމަވެސް މިއީ ދުނިޔެ ހިނގާ ގޮތެވެ. އިންސާނިއްޔަތްތެރިކަން ވެސް އަންނަނީ މިފަދަ ބޮޑެތި މަގާމުތަކަށް ފަހުގައޭ ހީވާ ކަހަލައެވެ. ނަމަވެސް ހަގީގަތަކީ އިހުތިރާމަކީ ކޮންމެ މީހެއްގެ ވެސް ހައްގެއްކަމެވެ.
ޒަމާނަކީ ކިތަންމެހާ ވެސް ކުރިއަރާފައިވާ ޒަމާނެކެވެ. ބަވަނަވެފައިވާ ޒަމާނެކެވެ. ނަމަވެސް ބައެއް މީހުންގެ ނުވަތަ ގިނަ މީހުންގެ ވިސްނުން އަދިވެސް ހުރީ ހަމަ އެންމެ ބޯދާ ގޮތަށެވެ. އެކަން އެންމެ ބޮޑަށް ހާމަކޮށްދޭ އެއްޗަކީ އިހުތިރާމު ކުރުމާއި ގުޅިގެން އެކި މީސްމީހުންގެ ވިސްނުން ހުންނަ ގޮތެވެ. އެގޮތުން ޒަމާނުންސުރެ ފައިސާ ވެރިންނަކީ ވަރަށް ވެސް މަތީ ބައެކެވެ. އެންމެންގެވެސް އިހުތިރާމު ދޭން ޖެހޭ ބައެކެވެ. އެހެން މީހުން އެމީހުންގެ ކުރިމަތީގައި އެއްވެސް އަގެއް ނެތް ބަޔަކަށްވެއެވެ. ހައިސިއްޔަތުގެ ގޮތުން ކިތަންމެ ކުޑަ ނަމަވެސް އެންމެ ކުޑަ މިންވަރަކަށް ހަމަ ހަމަ ކަމާއި އިހުތިރާމު ކޮންމެ މީހަކަށް ވެސް ދޭން ޖެހޭނެއެވެ. ނަމަވެސް އެކަން ވެސް ނުވެދާކަން އަދުގެ މުޖުތަމައުން ހާމަވެގެންދެއެވެ. އަބަދުވެސް ފައިސާގެ ގޮތުން ދެރަ ނިކަމެތި މީހުންނަށް މަލާމާތްކޮށް ބާކީ ކޮށްލެވެއެވެ. އަދި ފައިސާވެރިންގެ އަޅުންގެ ގޮތުގައި ގެންގުޅޭތަން ފެނިގެންދެއެވެ. ނަމަވެސް ހަގީގަތަކީ ފައިސާގެ ގޮތުން ކިތަންމެ ދެރަ ނިކަމެތި މީހަކީވެސް އެމީހެއްގެ ޒާތުގައި މުހިންމު މީހެކެވެ. މުއްސަނދިކަމާއި ފައިސާ އަކީ ހެއްދެވި ފަރާތްދެއްވާ އެއްޗަކަށްވާއިރު، އެކަމާއި ބޮޑާވެގަތުމަކީ ހިނދުކޮޅެއްގެ ތެރޭގައި އެހުރިހާ މުއްސަނދިކަމެއް އަނބުރާ ގެންދެވުމުގެ ސަބަބަކަށްވެސް ވެދާނެއެވެ. އަދި އޭގެ އިތުރަށް އެހެން މީހުންނަކީ އެއްވެސް އަގެއް ނެތް ބައެއްގެ ގޮތުގައި ދެކިގެން އެމީހުންނާއި މެދު ދެރަކޮށް ކަންތަށް ކުރުމަކީ ވެސް ހަމަ އެކަހަލައިގެ ކަމެކެވެ. ހަގީގަތަކީ މިއީކަމަށް ވީނަމަވެސް، މިކަމާއި ވިސްނާ ފިކުރު ކުރާ މީހުން މަދެވެ. އެހެންކަމުން މިއަދުވެސް ދެވޭ އިހުތިރާމު ވެސް ވެގެން ދަނީ ވަކި ބަޔަކަށް ދެވޭ އެއްޗަކަށެވެ.
ކޮންމެ ކޮންމެ މީހަކީ ބޮޑެތި މަގާމުތަކެއްގައި ތިބޭނެ މީހެއް ނޫނެވެ. ކޮންމެ ކޮންމެ މީހަކީ އެންމެންގެ ތެރޭގައި އެނގި މަޝްހޫރުވެފައިވާ މީހަކަށް ވެސް ނުވާނެއެވެ. ކޮންމެ މީހަކީވެސް އެމީހެއްގެ ޒާތުގައި ތަފާތު މޮޅު މީހެކެވެ. ކޮންމެ ކޮންމެ މީހެއްގެ ދިރިއުޅުމުގެ މިސްރާބެއްވެސް އެއްގޮތެއް ނުވާނެއެވެ. އެހެން ކަމުން ކޮންމެ މީހަކީ ބޮޑެތި މަގާމުތަކުގައި ނެތް މީހުންނަށް ވިނަމަވެސް، އެމީހެއްގެ މަސައްކަތުގައި އެމީހަކީ މޮޅު މީހެކެވެ. އަދި ބޮޑެތި މަގާމުތަކުގައި ތިބޭ މީހުންނަށް އެއްވެސް އެއްޗެއް ނޭނގޭ ކަންކަމުން ދެންތިބޭ މީހުންނަކީ މާ މޮޅު ބަޔަކަށް ވެސް ވެދާނެއެވެ. އަދި ބޮޑެތި މަގާމުތަކުގައި ނުތިބޭތީ ނޭނގޭ މީހުންނަކީ ވެސް އެއީއެވެ. ނަމަވެސް އިހުތރާމުގެ ގޮތުން ބަލާނަމަ މަގާމުތަކުގައި ނުތިބޭ މީހުންނަކީ އެއްވެސް އެއްޗެއް ލިބެން ޖެހޭ ބައެއް ނޫނެވެ. އިހުތިރާމާއި ހުރިހާ އެއްޗެއްވެސް ލިބެންޖެހޭ ފަރާތްތަކަކީ ބޮޑެތި މަގާމުތައް ފުރަމުންދާ މީހުންނެވެ. އަދި އެމީހުންގެ ކުރިމަތީގައި އެހެން މީހުން ކުޑަކަކޫ ޖަހަން ޖެހޭ ބަޔަކަށްވެދެއެވެ. ނަމަވެސް ކަން އޮންނަން ޖެހޭ ގޮތަކީ މިއެއް ނޫނެވެ. އިހުތިރާމަކީ މަގާމަށް ބަލާ އެއްޗެއް ނޫނެވެ. އަދި އެމީހެއްގެ ދިރިއުޅުމުގެ ހާލަތަކަށް ވެސް ބަލާ އެއްޗެއް ނޫނެވެ. އިހުތިރާމަކީ ކޮންމެ މީހެއްގެ ވެސް ހައްގެކެވެ. އަދި ކޮންމެ މީހަކަށް ވެސް ލިބިދޭންޖެހޭ ހައްގެކެވެ.
ކިތަންމެ ނުރަނގަޅު ގޮތަކަށް މީހުންގެ ވިސްނުން ހުރި ނަމަވެސް ހަގީގަތެއް ބަދަލެއް ނުކުރެވޭނެއެވެ. ހަގީގަތަކީ ދިރިއުޅުމަށްޓަކައި އިހުތިރާމަކީ ކުރަންޖެހޭ އެއްޗެއްކަމެވެ. އަދި އިހުތިރާމު ކުރުމަށްޓަކައި ޝަރުތެއް އޮވެގެނެއް ނުވާނެއެވެ. ހަމައެކަނި ތަފާތަކީ އިހުތިރާމު ލިބޭނީ އިހުތިރާމު ދީގެން ކަމެވެ. އަދި އެއީ ކޮންމެ މީހަކު ކަމުގައި ވީނަމަވެސްއެވެ. ނަމަވެސް ވަކި ހައިސިއްޔަތަކަށް ބަލައިގެން އިހުތިރާމު ދޭންޖެހޭނެ ކަމުގެ ވިސްނުން ބަދަލުކުރަން ޖެހެއެވެ. ސަބަބަކީ ހަމަ އެކަނި އިންސާނިއްޔަތަށް ބެލި ނަމަވެސް ކޮންމެ މީހަކަށް ވެސް އިހުތިރާމުކުރަން ޖެހޭނެކަން ވިސްނަން ބޭނުންވާ ކޮންމެ މީހަކަށް ވެސް އިނގޭނެއެވެ. އަދި މީހެއްގެ ހައިސިއްޔަތަކީ އިހުތިރާމު ކުރުމަށްޓަކައި އެއްވެސް ޝަރުތެއްނޫން ކަންވެސް އެނގެން ޖެހޭނެއެވެ.