ޚަބަރު

ފީވަކު ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް މަގާމުން ވަކިކުރާނެ ކަމަށްބުނެ އިންޒާރުދީ ބިރުދައްކައިފި

ށ. ފީވަކު ކައުންސިލުގެ ރައީސް އަލީ ރަޝީދު ހަސަން، އެއިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އަލީ ޔާސިރު މަގާމުން ވަކި ކުރާނެކަމުގެ އިންޒާރުދީ، ބިރުދައްކައިފިއެވެ.

އެގޮތުން ޔާސިރަށް ވަނީ އޭނާގެ މަގާމުގެ މަސްއޫލިއްޔަތުގެ ތެރެއިން ނުކުރެވޭ ކަމެއްގައި އަޅުވައި، މަސައްކަތް ނުނިންމާ ކަމަށާއި، ސިވިލް ސާރވިސްގެ ގަވާއިދާ ހިލާފުވެފައިވާ ކަމަށްބުނެ ލިޔުމުން ނަސޭހަތްތެރިވެފައެވެ.

މިކަމާ ގުޅޭގޮތުން ”ބޮންތި“ އާއި މައުލޫމާތު ހިއްސާކުރަމުން ޔާސިރު ބުނީ، ހިނގާދިޔަ މައްސަލަ ފެންމަތިވެގެން ދިޔައީ، ފީވަކު ފުޓުބޯޅަ ދަނޑުގެ ވަށާ ފާރު ރޭނުމާއި، ފެންސުޖެހުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރުމަށް ހެދުނު ކޮންޓްރެކްޓުގެ މަސައްކަތުގެ ތެރެއިން ކަމަށެވެ.

އެގޮތުން ޔާސިރު މި މަސައްކަތާ ހަވާލުވީ އެކަައުންސިލުގެ ކޯޕަރޭޓް އެފެއަރސް ޔުނިޓުގެ އިސްވެރިޔާގެ ހައިސިއްޔަތުން މި މަހުގެ 6 ވަނަ ދުވަހުއެވެ. އަދި އޭނާއާ ހަވާލުކުރެވުނީ އެ މަސައްކަތުގެ ބިޑު މަރުހަލާއަށްފަހު ހެދުނު ކޮންޓްރެކްޓު އަޅާކިޔައި، ފައިނަލައިޒް ކުރުން ކަމަށް ބުންޏެވެ.

ޔާސިރު ބުނިގޮތުގައި އެ ކޮންޓްރެކްޓުގައި، މަސައްކަތް ފެށުމުގެ ކުރިން ކޮންޓްރެކްޓަރަށް އެޑްވާންސްގެ ގޮތުގައި ކޮންޓްރެކްޓުގެ ޖުމްލަ އަގުގެ 50% ދޭންޖެހޭކަމަށް ހިމެނުމަށް ކައުންސިލުގެ ރައީސް އިރުޝާދު ދެއްވިއެވެ. އެހެން ނަމަވެސް މިއީ މާލިއްޔަތު ގާނޫނާ ހިލާފު ކަމަކަށް ވުމުން، އެކަން ކައުންސިލުގެ ރައީސަށް ދެންނެވި ކަމަށް ޔާސިރު ވިދާޅުވިއެވެ.

މިކަން އެންގުމާއެކު ކައުންސިލުގެ ރައީސް އެކަމާ ހިއްޕުޅާ ނުވެ، ދެން އެދުނީ ށ. މިލަންދޫގައި އެރަށު ފުޓުބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި، ފެންސުޖެހުމަށް ހަދާފައިވާ އެއްބަސްވުން އޮތް ގޮތަށް ނަކަލް ކުރުމަށް ކަމަށް ޔާސިރު ބުންޏެވެ. އަދި އެ މަސައްކަތް ކަނޑައެޅިފައިވާ މުވައްޒަފުންނަށް ހަވާލުކޮށް، ނިންމުމަށްފަހު، ކައުންސިލް އިދާރާގެ ސެކްރިޓަރީ ޖެނެރަލާއި މިމަހުގެ 8 ވަނަ ދުވަހު ހަވާލުކުރި ކަމަށް ބުންޏެވެ.

އެހެން ނަމަވެސް ޖެހިގެން އައި ދުވަހު އޭނާއަށް މަސައްކަތް ނުނިންމާކަމަށާއި، ގަވާއިދާ ހިލާފުވެފައިވާ ކަމަށްބުނެ ނަސޭހަތްތުގެ ލިޔުން ހަވާލުކުރިކަމަށް ޔާސިރު ބުންޏެވެ. ލިޔުން ހަވާލުކުރެވުނު އިރު ޔާސިރާއި ހަވާލުކުރި މަސައްކަތުގައި ނުނިމިއޮތީ ކޮންޓްރެކްޓު ފައިނަލައިޒް ކުރުމުގެ މަރުހަލާއެވެ. މިއީ ހަމައެކަނި ކައުންސިލް މެންބަރުންނަށް ލިބިގެންވާ ބާރެކެވެ.

ޔާސިރު ބުނީ، އޭނާ މަގާމުން ވަކި ކުރުމަކީ ކައުންސިލުގެ ރައީސް އެރަށުގެ ގިނަ ބައެއް ކައިރީގައި ވަމުން އަންނަ ވައުދެއް ކަމަށެވެ. އަދި ހިނގައިދިޔަ ކަންކަމަކީ އެކަން ހާސިލް ކުރުމަށް ކޮށްފައިވާ ކަމެއް ކަމަށް ޔާސިރު ބުންޏެވެ. އަދި މީގެ ކުރިން ސަރުކާރުގެ އެހެން މަގާމުތައްވެސް ފުރުއްވާފައުވާ ބޭފުޅަކު، މާލިއްޔަތު ގާނުނާ ހިލާފަށް، ކޮންޓްރެކްޓަރަށް 50% އެޑްވާންސް ދިނުމަށް ކޮންޓްރެކްޓުގައި ހިމެނުމަށް އެދުމުން ހައިރާންވި ކަމަށް ޔާސިރު ބުންޏެވެ.

އެހެން ނަމަވެސް މިފަދަ ކަންކަމުގެ ސަބަބުން ބިރު ނުގަންނާނެ ކަމަށާއި، އޭނާއަކީ އަބަދުވެސް އުސޫލުތަކުގެ ތެރެއިން ކަންކުރާ މީހެއް ކަމަށް ޔާސިރު ބުންޏެވެ. އަދި ޔާސިރާމެދު ކަންތައްތައް ވަމުން ދާގޮތަށް އެހެން މުވައްޒަފަކަށް ވުމަށް ނޭދޭ ކަމަށާއި، މުވައްޒަފުންގެ ދިފާއުގައި މި މައްސަލަ ސިވިލް ސާރވިސް ކޮމިޝަނަށް ހުށައަޅާނެ ކަމަށް އޭނާ ބުންޏެވެ.

ޔާސިރުވަނީ ލާމަރުކަޒީ ގާނޫނު ތަންފީޒުކުރަން ފެށުމުގެ ކުރިން އެރަށުގެ ކަތީބުކަން ކޮށްފައެވެ. އަދި އޭގެ ފަހުން އެރަށު ކައުންސިލުގެ ޒިންމާދާރުވެރިޔާކަމުގެ މަގާމު އަދާކޮށް، 20 އަހަރު ފީވަކަށް އަގުހުރި ޙިދުމަތްތަކެއް ކޮށްދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button