ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުން އިންސާނީ ހައްގުތަށް ހިމާޔަށް ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް އިހްތިރާމް ކުރުމާއި ޖުޑީޝިއަރީ އިސްލާހު ކުރުމުގައި ފެއިލް ވެއްޖެ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ، އެމެރިކާއަށް ނިސްބަތްވާ ޖަމްއިއްޔާއެއް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗްއިން ބުނެފިއެވެ.
ހިއުމަން ރައިޓްސް ވޮޗުން ނެރުނު ރިޕޯޓެއްގައި ބުނީ ރާއްޖޭގެ ޝަރުޢީ ދާއިރާ އިސްލާހުކުރުމަށް މި ސަރުކާރުން ވީ ވައުދު، ސަރުކާރުގެ ދައުރުން ހަތަރު އަހަރު ފާއިތުވާން ކައިރިވެފައިވާއިރު އަދި މިހާތަނަށް ފުއްދާފައިނުވާ ކަމަށެވެ.
މި ރިޕޯޓުގައި ބުނެގައިވާގޮތުން ސަރުކާރުން ހިޔާލު ފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަމަށް ހުރަސްއަޅަނީ ބާރުގަދަ ސިޔާސީ މީހުންނާއި ދީނީ ޖަމާޢަތްތަކުން ކުރިމަތިކުރުވާ ފިއްތުންތަކުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރު ވެރިކަމާއި ހަވާލުވެ އުފެއްދެވި ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނަށް ތިން އަހަރާއި ބައި ވާން ކައިރިވެފައި ވާއިރު އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ނުނެރެވޭކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
2018 ވަނަ އަހަރުގެ ކެމްޕޭނުގައި، އެއްވެއުޅުމަށް ހުރަސްއެޅޭ ގޮތަށް ހުރި ގާނޫނުތައް އުވައިލައްވާނެކަމަށް ރައީސް ސޯލިހު ވައުދުވެވަޑައިގަތް ނަމަވެސް ވެރިކަމުގެ 4 ވަނަ އަހަރު ގުނަމުންދާއިރުވެސް އަދިވެސް އެ ގާނޫނުތައް އުވައިނުލައްވާކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
The Maldives has only recently emerged from decades of authoritarian rule. In order to build a robust and lasting democracy, the Solih administration should focus on urgent justice system reforms.https://t.co/A99ALL8GrE pic.twitter.com/ELscIb7F0E
— Human Rights Watch (@hrw) April 14, 2022
އެއްވެއުޅުމަށް ސަރުކާރުން ހުރަސްއެޅިކަން ފާހަކޮށް އެ ރިޕޯޓުގައި ބުނީ މުޒާހަރާތަކާއި އިހުތިޖާޖަށް ހުރަސްއެޅުމުގެ ސަބަބެއްގެ ގޮތުގައި ކޮވިޑުގެ ބަލިމަޑުކަން ބޭނުންކޮށްފައިވާ ކަމަށާއި، އަދި މުޒާހަރާވެރިންނާ ދެކޮޅަށް މުނާސަބު ނޫން ބާރު ފުލުހުން ބޭނުންކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ފަނޑިޔާރުން މަގާމަށް އައްޔަންކުރާ ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރެއްވުމަށް ރައީސް ސޯލިހު ވައުދުވެވަޑައިގެންނެވި ނަމަވެސް އެ ކޮމިޝަން ސިޔާސީ މީހުންނަށް ޖާގަ އޮންނަ ގޮތަށް އޮތުމުން ޝަރުއީ ދާއިރާގެ މިނިވަންކަން އަދިވެސް އޮތީ ނާޒުކު ހާލަތެއްގައި ކަމަށެވެ.