ޚަބަރުސިޔާސީ

ހިޔާ ފްލެޓްތަކުގެ ކުލި ދެއްކުން އަދި 3-4 މަހަށް ފަސްކޮށްދޭން ޖެހޭ: މޭޔަރު

ހިޔާ ފްލެޓްތަކުގެ ކުލި ދެއްކުން އަދި އިތުރު 3 ނުވަތަ 4 މަހަށް ފަސްކޮށްދޭންޖެހޭ ކަމުގައި މާލޭގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މިފަދައިން ވިދާޅުވީ އޮންލައިން ނޫހެއް ކަމަށްވާ ”ވަގުތު“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

މޭޔަރު ވިދާޅުވީ ހިޔާ ފްލެޓުތައް ނުނިންމާ ސަރުކާރުން އެ ފެލްޓުތައް ރައްޔިތުންނާ ހަވާލު ކުރުމުން އެ ތަނަށް ވަންނަން ޖެހިފައި ވަނީ ބޮޑެތި ހަރަދުތަކެއްކޮށްގެން ކަމަށެވެ. ބައެއް މީހުން ފްލެޓު ނިންމަން 100،000ރ. އާއި 400،000ރ. އާ ދެމެދުގެ އަދަދެއް ހަރަދު ކުރި އިރު، އެވްރެޖްކޮށް ފްލެޓު ނިންމަން 200،000ރ. ހަރަދުކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ހިޔާ ފްލެޓުގެ ރައްޔިތުންނަށް އެހާ ދަތިވީމަ، ނުވަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ދިނުމަށް މާލެ ސިޓީ ކައުންސިލުން ސަރުކާރުގައި އެދިފައިވީ ނަމަވެސް އެކަމަށް އިޖާބައެއް ދީފައި ނުވާ ކަމަށެވެ. އަދި ސަރުކާރުން ނިންމި ގޮތަށް އެންމެ ފަހުން ކުލި ނަގަން ނިންމީ ރޯދަ މަހާ ދިމާކޮށް ކަމަށްވާތީ އެއީ ހިޔާ ފްލެޓުގައި ދިރިއުޅޭ ރައްޔިތުން އުފުލަން ޖެހުނު ބުރައެއް ކަން މޭޔަރު ވަނީ ފާހަގަ ކުރައްވާފައެވެ.

މޭޔަރު ވިދާޅުވީ ފްލެޓް ލިބުނު އެތަށް ބަޔަކު ލޯނު ނަގައި ދަރަނިވެރިވެގެން ފްލެޓްތަކުގެ މަސައްކަތް ނިންމަމުންދާ ކަމަށާއި އެކަން އެމީހުން ކުރަނީ އެކަމަށް އެމީހުންގެ މާލީ ހާލަތު ތަން ނުދޭތީ ބޭންކުންނާއި އަމިއްލަ ފަރާތްތަކުންނާއި ވިޔަފާރިވެރިން އަތުން ދަރަންޏަށް ފައިސާ ނަގައިގެންކަމަށެވެ.

ރޯދަ މަހާއި ދިމާކޮށްގެން ކުލި ނުގުމަކީ ބަލައިނުގަނެވޭކަމެއްކަން ފާހަގަ ކުރައްވާ މޭޔަރު ވިދާޅުވީ ރޯދަ މަހަކީ ހުރިހާ ރައްޔިތުންނަށް ހެން ވަރަށް ދަތިވާނެ މަހެއް ކަމަށާއި އަދި އިތުރު ހަރަދުތަކެއް ކުރަން ޖެހި، މިވަރުގެ ބޮޑު ދަރަންޏެއް ބޮލުގައި އޮވެގެން ކުލި ދައްކަން ފެށުމަކީ ވަރަށް ދަތި ކަމަކަށް ވާނެ ކަމަށެވެ.

“ ގިނަ ބަޔަކު ފްލެޓުތަކުގައި ދިރިއުޅެމުންދާ އިރުގައި އެހާ ބޮޑު ދަރަންޏެއް ބޮލުގައި އަޅައިގެން މިތަނަށް ވަދެގެން ދިރިއުޅެން ފަށަން ޖެހިފައިވާ އިރު، އަތުގައި ނެތް އެއްޗެއް މި ޖެހެނީ މަޖުބޫރީ ހާލަތުގައި ކުލީގެ ގޮތުގައި އެހާ ބޮޑު ކުއްޔެއް ދައްކަން. އެއީ މި ދައްކާ ވާހަކައަކީ “ މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވި ގޮތުގައި ކުލި ދެއްކުން ތިނެއް ނޫނީ ހަތަރު މަސް ވަރު ފަސްކޮށްދީފި ނަމަ، އެ ރައްޔިތުންނަށް ލުއިތަކެއް ލިބިގެންދާނެ ކަމަށާއި އޭރުން ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ އާމްދަނީން ކޮންމެވެސް ވަރެއް ސޭވް ކުރެވިދާނެއެވެ.

މޭޔަރު ސަރުކާރުގެ އިގްތިސާދީ ސިޔާސަތަށް ފާޑު ވިދަޅުވަމުން ވިދާޅުވީ ކުލި ކުޑަކޮށްދޭން ސަރުކާރުގައި އެދުމުން ވެސް އެކަން ވެސް ކޮށްދެވެން ނެތް ކަމަށް ސަރުކާރުން ބުނަނީ ސަރުކާރުގެ އިގްތިސާދީ ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށާއި އެއީ އެއްގޮތަކަށް ވެސް ސިޓީ ކައުންސިލަށް ބަލައިގަނެވޭނެ ނިންމުމެއް ނޫން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button