ޚަބަރު

ދައުރު ނިމުމުގެ ކުރިން ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ލިސްޓު އިއުލާނުކުރާނެ: އަކްރަމް

ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ 2ވަނަ ބުރުގައި ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓް، މި ވެރިކަން ނިމުމުގެ ކުރިން އިއުލާން ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.

2ވަނަ ބުރުގެ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ހުޅުވައިލި މުއްދަތު މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ވަނީ ހަމަވެފައެވެ. އެހާތަނަށް 40،000ށް ވުރެ ގިނަ މީހުން ވަނީ ކުރިމަތިލާފައެވެ. ފްލެޓަށް އެދި 21،247 މީހުން ފޯމު ހުށަހަޅާފައިވާއިރު މާލެ ސަރަހައްދުން ގޯއްޗަށް އެދި 19،347 މީހުން  ފޯމު ހުށަހަޅާފައިވާކަމަށް އެ މިނިސްޓްރީން ވަނީ އަންގަވާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރުގެ ދައުރު އަންނަ މަހުގެ 17ށް ހަމަވާއިރު، ގެދޮރުވެރިޔާ އަދި ބިންވެރިޔާގެ ސްކީމްގެ 2ވަނަ ބުރުގެ ފޯމުތަކަށް ހަދާނެ ގޮތެއް ސަރުކާރުން ކުރިން އަންގާފައެއް ނުވެއެވެ.

ނަމަވެސް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެފައިވާ ގޮތުގައި ފްލެޓާއި ގޯއްޗަށް ކުރިމަތިލި މީހުންގެ ލިސްޓު މި ދައުރު ނިމުމުގެ ކުރިން އިއުލާނު ކުރާނެއެވެ.

ސްކީމްގެ ދަށުން ފުލެޓުގެ ފުރަތަމަ ބުރަށް ޝަރުތު ހަމަވާ މީހުންނަށް ވެސް ލިޔުން ދިނުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މިގޮތުން އަކްރަމް ވިދާޅުވީ ހުޅުމާލެ ފޭސް 2ގައި އިމާރަތްކުރަމުންދާ 4،000 ފްލެޓު ލިބޭ މީހުންނަށް އަންނަ އާދިއްތަ ދުވަހުގެ ކުރިން ލިޔުން ދޭނެ ކަމަށެވެ.

ނޮވެންބަރު މަހުގެ 17ގައި ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މި ސަރުކާރުގެ ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގައި ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި މީހުންގެ ފޯމުތައް ބާތިލު ނުކުރައްވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button