ޚަބަރުސިޔާސީ

ރައީސް ސޯލިހު ފަޅިން ފައްޔާޒް، ނަޝީދު ފަޅިން އިންތި

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަން ނިންމަވައިފިއެވެ.

މި ދެބޭފުޅުންވެސް ވަނީ އެދެބޭފުޅުން ކުރިމަތިލައްވަން ނިންމާފައިވާކަން އިއުލާނު ކޮށްފައެވެ.

ބެލެވޭގޮތުގައި މި ދެ ބޭފުޅުން މި ނުކުންނެވީ އެމްޑީޕީގެ ތެރޭގެ ހިޔާލުތަފާތުވުންތަކުން އުފެދިފައި އޮތް ދެ ފެކްޝަނުންނެވެ.

މިނިސްޓަރ ފައްޔާޒް އަކީ ރައީސް ސޯލިހު އެންމެ އިތުބާރު ކުރައްވާ އެއް ބޭފުޅަކަށްވުމުން ފައްޔާޒް އަކީ ރައީސް ސޯލިހުގެ ކެނޑިޑޭޓް ކަމަށް ބެލެވެއެވެ. އަދި ހަމަ އެފަދައިން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސަތުތަކަށް ތާއީދު ކުރެއްވުމުގައި ދެމިހުންނެވި މެމްބަރެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ އިންތި އަކީ ނަޝީދުގެ ކެނޑިޑޭޓް ކަމުގައި ބެލެވެއެވެ.

މިނިސްޓަރ ފައްޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމާޒަކީ އެމްޑީޕީ ހަރުދަނާކޮށް، ޕާޓީގެ ހެޔޮވެރިކަން ދެމެހެއްޓުން ކަމަށެވެ. އަދި މި އިންތިހާބުގެ ސަބަބުން ޕާޓީ އިތުރަށް ހަރުދަނާވެގެން ދާނެ ކަމާ މެދު ޝައްކެއް ނެތް ކަމުގައިވެސް ފައްޔާޒް ވިދާޅުވިއެވެ.

އޮންލައިން ނޫހެއް ކަމުގައިވާ “މިހާރު” އަށް ދެއްވި އިންޓަވިއުއެއްގައި އިންތި ވިދާޅުވީ ޕާޓީގައި އޭނާއަށް ކުރެއްވުނު ތަޖުރިބާތަކާ އެކު އިސްމަގާމެއްގައި ހުންނަވައި އެމްޑީޕީގެ ކުރިއެރުމަށް މަސައްކަތް ކޮށްދިނުމަށް މިއީ އެންމެ އެކަށީގެންވާ ވަގުތު ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. އޭނާގެ ވިސްނެވުމަކީ ޕާޓީ މިހާރަށް ވުރެން ވަރުދަކޮށް ހަރުދަނާ ޕާޓީއެއްގެ ގޮތުގައި ކުރިއަށް ގެންދިއުން ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގެ ފަސް އަހަރުގެ ދައުރު އެންމެ ފަހުން ފުރުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. އޭނާގެ ދައުރު ހަމަވީ އިއްޔެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button