ބޮޑު ތަފާތަކާއެކު ކަވާސާގެ 19 ވަނަ ގިގު މިރޭ ކްލަބްހައުސްގައި!
ބޮޑު ތަފާތަކާއެކު ”ކަވާސާގެ“ 19 ވަނަ ގިގު މިރޭ ކްލަބްހައުސްގައި ބާއްވަން ނިންމައިފިއެވެ.
މާލީގޮތުން ޒުވާން އާޓިސްޓުން ބާރުވެރިކުރުވުމަށް ކްލަބްހައުސްގައި މަސައްކަތް ކުރަމުން އަންނަ ”ކަވާސާ“ގެ މިރޭގެ ޝޯވް ކްލަބްހައުސްގައި ފަށާނީ 22:00 ގައެވެ.
އެގޮތުން މިރޭގެ ޝޯވްގެ ފުރަތަމަ ބައި ފެށިގެންދާނީ ޕްރޮގްރެސިވް ހައުސް ޑީޖޭ އެއް ކަމަށްވާ ޓަފިންގެ ހާއްސަ ޑީޖޭ ސެޝަނަކުންނެވެ. ޓަފިން މިރޭ ކުޅޭ ޑީޖޭގެ ތީމަކީ ”ބޮލީވުޑް އިންސްޕަޔަރޑް ޕްރޮގްރެސިވް ޓްރައިބަލް“ އެވެ. މި ސެޝަން ކުރިޔަށް ދާނީ 22:50 އާ ހަމައަށެވެ.
ޝޯވްގެ ދެވަނަ ބައިގައި ފެނިގެންދާނީ ޒުވާން ގިޓަރިސްޓު އަދި ލަވަކިޔުންތެރިޔާ ރާއިފް މުހައްމަދުގެ އަޑުން ގެނެސްދޭ ހިތްގައިމު ރީތި ލަވަތަކެވެ. މިބައި ކުރިޔަށް ދާނީ 23:00 އިން 00:30 އާ ހަމައަށެވެ.
މިރޭގެ ޝޯވްގެ ފުރަތަމަ ސްޕޮންސަރަކީ ދިވެހި މީރު ރަހަތަކުގެ ތަފާތު ވައްތަރުގެ ހެދިކާ ވިއްކާ ”އާތުސް ފުޑް ޓެންޓް“ ނަމަކަށް ކިޔާ ކެފޭއެކެވެ. މި ކެފޭއިން ކޮފީ، ޖޫގޯ، މިލްކްޝޭކް ފަދަ މީރު ބުއިންތައް ލިބޭއިރު، ޓޭކްއަވޭގެ ހިދުމަތްވެސް ލިބޭނެއެވެ. ޝޯވްގެ ދެވަނަ ސްޕޮންސަރަކީ ”ގޭސްކޯނާ ނެއްލައިދޫ“ ނަމަކަށް ކިޔާ ފިހާރައެކެވެ.
މިއުޒިކީ ފަންނާނުންނަށް އަމާޒުކޮށްގެން ރާއްޖޭގައި މުޅިން އަލަށް ކްލަބްހައުސްގައި ފެށި މި މަސައްކަތުގައި އެންމެ އިސްކޮށް އުޅޭ ކަވާސާގެ ސީއީއޯ މުހައްމަދު މާޖިދު (މެޒޯ މޯޑު) ވިދާޅުވީ މިރޭގެ ޝޯވްއިން ތަފާތު ދެ ގޮތެއްގެ ލައިވް ޕާފޯމެންސެއް އަޑު އަހާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމުގައެވެ.
”ކުރާ ކަމެއް އަބަދު އެއްގޮތަކަށްވެސް ހުންނާކަށް ނުޖެހޭ. އޯޑިއަންސްގަވެސް ތިބޭނެ ތަފާތު ގޮތެއް އަޑުއަހާލަން ބޭނުންވާ މީހުން. ޓަފިން އާއި ރާއިފްގެ ދެ ސެގްމެންޓު އުޑާ ބިމާހާ ތަފާތުވާނެ. މި ޝޯވްއަކީ ހުރިހާ އެންމެންވެސް އަޑު އަހާލަން ތަފާތު ޝޯވްއަކަށް ވެގެން ދާނެ.“ މެޒޯ ވިދާޅުވިއެވެ.
މެޒޯގެ އެންމެ ބޮޑު އެދުމަކީ ކަވާސާއިން މިއުޒިޝަނުންނަށް އާމްދަނީ ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ރާއްޖޭގެ ވިޔަފާރިވެރިންގެ އެއްބާރުލުން ލިބުމެވެ.
”ކަވާސާ“ އިން މިހާތަނަށް 18 ޝޯވް ކްލަބްހައުސްގައި އިންތިޒާމްކޮށްފައިވާއިރު، 30 އަށްވުރެ ގިނަ އާޓިސްޓުން ވަނީ ބައިވެރިވެ އެކަށީގެންވާ އާމަދަނީއެއް ހޯދާފައެވެ.