ޚަބަރު

ކަނޑު ވިއްކުމާ ދެކޮޅު ޕެޓިޝަނުގައި 60،000 ވުރެ ގިނަ މީހުން ސޮއިކޮށްފި

ރާއްޖޭގެ ކަނޑުގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުން ބޮޑު ބައެއް ގެއްލުވާލާފައިވާ މައްސަލާގައި އެކުލަވައިލި ކަނޑުވިއްކާލުމާ ދެކޮޅު އިއްތިހާދުން ކުރިއަށް ގެންދާ ޕެޓިޝަނުގައި 60،000 އަށް ވުރެ ގިނަ ފަރާތަކުން ސޮއި ކޮށްފައިވާކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެ އިއްތިހާދުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރާއްޖޭގެ ސަރަޙައްދުން ބައެއް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙުގެ ސިއްރު ސިޓީފުޅަކުން ދިވެހިންނަށް ނޭނގި އެހެން ޤައުމެއްގެ ބަޔަކަށް ވިއްކާލާފައިވާކަމަށާއި، އެކަމާ ރައްޔިތުންގެ ކަންބޮޑުވުން އޮތްކަމަށެވެ. އަދި އެކަމުގެ ސަބަބުން ޤައުމީ މަސައްކަތެއްގެ ގޮތުން ދިވެހިރާއްޖޭގެ ސިޔާސީ ގިނަ ޕާޓީތަކަކާއި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބައެއް ވަރުގަދަ ލީޑަރުންނާއި އާއްމު ދިވެހި ރައްޔިތުންނާ އެކީ އެކަމާ ދެކޮޅަށް މަސައްކަތް ކުރަމުން އަންނަކަމަށް ޝިޔާމް ވިދާޅުވިއެވެ.

މަސްކަނޑު ވިއްކާލުމާއި ދެކޮޅަށް ޕެޓިޝަންގައި ސޮއި ކުރުމުގެ ޙަރަކާތްތައް މުޅި ރާއްޖޭގައި ކުރިއަށް ގެންދާއިރު، މިކަމަށް ދިވެހި ރައްޔިތުންގެ ފަރާތުން ބޮޑު ސަޕޯޓެއް ލިބެމުންދާކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ މިހާތަނަށް މި ޕެޓިޝަންގައި 60،000 އަށްވުރެ ގިނަ މީހުން ސޮއިި ކޮށްފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ މާދަމާރޭ އޮންނަ ޖަލްސާގައި ރައްޔިތުންނާ މުޚާތަބުކޮށް އިއްތިހާދާ އެކީ މަސައްކަތްކުރައްވާ ވަރަށް ގިނަ ފަރާތްތަކެއްގެ ވާހަކަތަކާއި މަސްވެރިންގެ ވާހަކަތައް އަޑުއިވިގެން ދާނެކަމަށެވެ.

ސަރުކާރުން މި އެއްވުމަކީ ބަޣާވާތެއްކަމަށް ބުނެ ދޮގު މަޢުލޫމާތު ފަތުރަމުންދާތީ އިއްތިހާދުން ވަނީ އެ އެއްވުމަކީ ސުލްހަވެރިކަމާ އެކީ ކުރިއަށް ގެންދާނެ އެއްވުމެއްކަމަށް ހާމަކުރައްވާ ޤައުމިއްޔަތަށް ލޯބިކުރާ ހުރިހާ ރައްޔިތުން އެ ޖަލްސާގައި ބައިވެރިވުމަށް ދަޢުވަތު އަރުވާފައެވެ.

”ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލީ ކަނޑު“ގެ ނަުމުގައި ކަނޑު ވިއްކުޟާ ދެކޮޅު އިއްތިހާދުން ބާއްވާ ޖަލްސާ އޮންނާނީ މާދަމާރޭ 8:30 ގައި ކާނިވާ ސަރަހައްދުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button