ޚަބަރު

”އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފިނަމަ ރާއްޖެ ބަނޑަށްޖެހިދާނެ“

ދިވެހި ރާއްޖޭގައި ޤާއިމްވެގެން ތިބި އިންޑިޔާ ސިފައިންގެ އަދަދު ހާމަކޮށްފިނަމަ، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމަށް ބުރޫއަރާ، ދިވެހި ރާއްޖެއަށް ކާޑުގެ ބާވަތްތައް ލިބުމަށް ދަތިވެދާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ހައި ކޯޓުގައި ބުނެފިއެވެ.

ރާއްޖޭގައިތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފިނަމަ ހަނޑޫ،ހަކުރު، ފުށް ނުލިބި ރާއްޖެ ބަނޑަށްޖެހިދާނެ ފަދަ މޭރުމަކުން އައިކޮމް އިން ހައިކޯޓުގައި ބުނެފައި މިވަނީ މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ބާރުގެ ދަށުން ”ދިޔަރެސް“ ނޫހުގެ ފަރާތުން އެ ނޫހުގެ ކޯ ފައުންޑަރ އަހުމަދު އަޒާން ، ރާއްޖޭގައި ތިބި އިންޑިޔާ ސިފައިންގެ އަދަދު ހޯދުމަށް އެދިފައިވާ މައްސަލައިގެ އަޑުއެހުމުގައެވެ.

އަޒާން ހޯދަން ހުށަހެޅި އިންޑިއާ ސިފައިންގެ މަޢުލޫމާތު ހާމަކޮށްފިނަމަ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެތީ، އެ މަޢުލޫމާތު ހާމަ ނުކުރެވޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެންކަމުން އެ މަޢުލޫމާތު ހާމަ ނުކުރަން އައިކޮމްއިން ނިންމުމުން އެ ނިންމުން އިސްތިއުނާފު ކުރުމަށް އަޒާން ވަނީ ހައި ކޯޓުގައި އެދިފައެވެ. އަދި އެ މައްސަލައަށް ޑިފެންސް މިނިސްޓްރީގެ ފަރާތުން އޭޖީ އޮފީހުން ވަނީ ތަދައްހުލުވެފައެވެ.

އެ މައްސަލައިގެ 13 ޖޫންގައި ބޭއްވި އަޑުއެހުމުގައި އައިކޮމްއިން ބުނީ، ހޯދަން އެދިފައިވާ މަޢުލޫމާތަކީ ކޮންޓްރެކްޓްގެ ތެރޭގައި ހިމެނޭ މަޢުލޫމާތު ކަމަށެވެ. އަދި ސިފައިންގެ ލަފާދޭ މަޖިލީހުގެ ފަރާތުން އެދިފައި ވަނީ އޭގެ ސިއްރު ހިފަހައްޓަން ކަމަށް އައިކޮމްއިން ބުންޏެވެ.

އަޒާން ހުށަހެޅި އިސްތިޢުނާފީ ނުކުތާއެއްގައި ބުނެފައިި ވަނީ، އެ މަޢުލޫމާތު ގައުމީ ސަލާމަތާ ގުޅޭ ގޮތަކާއި އެ މަޢުލޫމާތު ހާމަކޮށްފިނަމަ ޤައުމީ ސަލާމަތަށް ނުރައްކާވާނެ ގޮތެއް އައިކޮމްއަށް ބަޔާންކޮށްދެވިފައި ނުވާކަމަށެވެ. އޭގެ ރައްދުގައި އައިކޮމްއިން ބުނީ، އެ މަޢުލޫމާތު ހާމަކޮށްފިނަމަ ދެ ޤައުމުގެ ދެމެދުގައިވާ އެއްބަސްވުމާއި ޚިލާފަށް ޢަމަލު ކުރުމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތަށް ގެއްލުމެއް ލިބުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ.

މީގެ އިތުރުން ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ޤާނޫނުއަސާސީގައި މާނަކޮށްފައިވާ ދާރިއާގެ ތެރޭގައި ހިމެނޭ މަޢުލޫމާތެއް ދޫކުރުމުން ފޫ ނުބެއްދޭ ފަދަ ގެއްލުމެއް ފޯރުމުގެ ބިރު އޮތްނަމަ އެފަދަ މަޢުލޫމާތެއް ދޫ ނުކުރުމުގެ ބާރު ދަޢުލަތުގެ އިދާރާތަކަށް ލިބިގެންވާކަން މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގައި އޮންނަ ކަމަށް އައިކޮމްއިން ބުންޏެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަވެއްޖެނަމަ ރާއްޖެއަށް ހަނޑޫ، ހަކުރު، ފުށް ލިބުމުގައި ދަތިވާނެ ކަމަށް ދަޢުލަތުން ބުނިބުނުމާއި، އަދި އެ ނޫންވެސް ނުކުތާތަކަށް އިއްޔެގެ އަޑުއެހުމުގައި އަޒާން ވަނީ ރައްދު ދީފައެވެ.

އެގޮތުން އަޒާން ފާހަގަކުރި ކަންކަމުގެ ތެރޭގައި:

އަޒާން ފާހަގަކުރި ކަންކަން:

  • – އިންޑިއާ ސިފައިންގެ އަދަދު ހާމަވެއްޖެނަމަ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެފައިވާއިރު، އެކަން އެހެން ވާނެ ގޮތެއް ބުނެދެވިފައިނުވޭ
  • – އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރަން ނިންމީ އެ މައުލޫމާތު ހާމަކޮށްފިނަމަ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެފަދަ މައުލޫމާތެއްކަން ކޮމިޝަނަރު ”ވިސްނުމުން“ ވެސް އެނގޭކަމަށް ބުނެފައިވާއިރު، މިއީ އެއްވެސް ޤާނޫނީ އަސާސެއް އެކުލެވޭ ވާހަކައެއް ނޫން.
  • – އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފިނަމަ އެ އަދަދަށް އެހެން ޤައުމުތަކުންވެސް ރާއްޖޭގައި ސިފައިން ބައިތިއްބަން ބޭނުންވެދާނެ ކަމަށް ބުނެފައިވާއިރު، އެ އަދަދު އެނގުނަސް އެހެން ޤައުމަކުން ރާއްޖޭގައި ސިފައިން ބައިތިއްބަން ޖެހޭ ސަބަބެއް ނެތް
  • -މިހާރުވެސް ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަން ދުނިޔޭގެ އެހެން ޤައުމުތަކަށް އެނގޭ. އެގޮތަށް އެދެން ބޭނުން ނަމަ މިހާރުވެސް އެދެވިދާނެ.
  • -އިންޑިއާ ސިފައިންގެ މައުލޫމާތު ހާމަކުރުމަކީ ޤައުމީ ސަލާމަތާ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ކަމަށް ބުނެފައިވާއިރު ރާއްޖޭގެ އަމަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވަނީ ދިވެހި ސިފައިންނާ. އެހެން ކަމުން އިންޑިއާ ސިފައިންގެ އަދަދު އެނގުމަކުން ރާއްޖޭގެ ސަލާމަތަކަށް އަސަރެއް ނުކުރާނެކަން ހިމެނެއެވެ.

މީގެ އިތުރުންވެސް މި މައްސަލައިގެ އަޑުއެހުމުގައި އަޒާންވަނީ އިންޑިއާ ސިފައިންނާއި ގުޅޭ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައެވެ. އެގޮތުން ރާއްޖޭގައި ތިބީ އިންޑިއާގެ ހަނގުރާމަވެރި ސިފައިން ނޫންކަމަށާއި އެއީ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ތިބި ބައެއް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވެފައިވާއިރު، އެފަދަ ކަމެއް ކުރަން ތިބި ބައެއްގެ އަދަދު އެނގުން ޤައުމީ ސަލާމަތާއި ގުޅެނީ ކިހިނެއްތޯ އަޒާން ސުވާލު ކުރެއްވިއެވެ.

އެމައްސަލަ ބައްލަވާ ފަނޑިޔާރުން ވަނީ ދެން އަންނަ އަޑުއެހުމެއްގައި ސާފުކުރަން ހުރިކަންކަން ސާފުކުރެއްވުމަށްފަހު ލަސްނުކޮށް މައްސަލައިގެ ގޮތެއް ނިންމާނެކަމަށް ވިދާޅުވެފައެވެ.

މި މައްސަލަ ހައި ކޯޓުގައި ބައްލަވާ ބެންޗުގައި ތިއްބަވަނީ އިސްފަނޑިޔާރު ހުސެއިން ޝަހީދު، ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ހުޒެއިފާ މުހައްމަދެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button