ޚަބަރުސިޔާސީ

އެސެޓް ރިކަވަރީ ކޮމިޝަންގެ މުސާރައަށް 9 މިލިއަން ރުފިޔާ ހަރަދުކޮށްފި!

ކޮރަޕްޝަނާއި ހިޔާނާތުން ހޯދާފައިވާ ފައިސާ އާއި ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަން (އެސެޓް ރިކަވަރީ ކޮމިޝަނުން) ގެ މުސާރައާއި އިނާޔަތަށް މިހާތަނަށް 9.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ހާމަވެއްޖެއެވެ.

އަމިއްލަ ފަރާތެއް ކަމަށްވާ އައިމަން ލަތީފް ވަނީ މައުލޫމާތު ހޯދައި ލިބި ގާނޫނުގެ ދަށުން ރިޔާސީ ކޮމިޝަންގެ ހަރަދުތަކުގެ ތަފްސީލު ހޯދަން އެދި ރައީސް އޮފީހަށް ހުށަހަޅާފައެވެ.

އެގޮތުން މި އަހަރުތަކުގެ ތެރޭގައި އެ ކޮމިޝަނުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މުސަރާއާއި އެލަވެންސްއަށެވެ. އެއީ 9،141،877.95 (ނުވަ މިލިއަން އެއްލައްކަ ސާޅީސް އެއްހާސް، އަށްސަތޭކަ ހަތްދިހަ ހަތްހާސް ނުވަދިހަ ފަސް ލާރި) އެވެ. ދެން އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ހަރުމުދާ ހޯދުމަށެވެ. އެއީ 667،503.74 (ހަލައްކަ ފަސްދޮޅަސް ހަތްހާސް، ފަސްސަތޭކަ ތިން ރުފިޔާ ހަތްދިހަ ހަތަރު ލާރި) އެވެ. 2018 އިން 2021ގެ ނޮވެމްބަރުގެ ނިޔަލަށް އެ ކޮމިޝަންގެ ޖުމްލަ ހަރަދަކީ 9،951،748.34 (ނުވަ މިލިޔަން ނުވަ ލައްކަ ފަންސާސް އެއްހާސް ހަތްސަތޭކަ ސާޅީސް އަށް ރުފިޔާ ތިރިސް ހަތަރު ލާރި) އެވެ.

ފާއިތުވި ތިން އަހަރުގެ ތެރެއިން އެ ކޮމިޝަނުން އެންމެ ބޮޑު ހަރަދެއްކުރީ 2019 ވަނަ އަހަރުއެވެ. އެ އަހަރު ޖުމްލަ ހަރަދުގެ ގޮތުގައި 4،007،779.88 (ހަތަރު މިލިއަން ހަތްހާސް ހަތްސަތޭކަ ހަތްދިހަ ނުވަ ރުފިޔާ އަށްޑިހަ އަށް ލާރި) ހޭދަކޮށްފައިވެއެވެ. އެއީ މުސާރައާ އެލަވެންސްއަށް 3.3 މިލިއަން ރުފިޔާ އާއި އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ އަގުގެ ގޮތުގައި 2،548.57 (ދެހާސް ފަސްސަތޭކެ ސާޅީސް އަށްރުފިޔާ ފަންސާސް ހަތްލާރި) ގެ އިތުރުން އޮފީސް ހިންގުމަށް ބޭނުންވާ ހިދުމަތުގެ ހަރަދުގެ އަދަދަށް 61،919.54 (ފަސްދޮޅަސް އެއްހާސް ނުވަސަތޭކަ ނަވާރަ ރުފިޔާ ފަންސާސް ހަތަރު ލާރި) އެވެ. މީގެ އިތުރުން ހަރުމުދާ ހޯދަން 556،777.34 (ފަސްލައްކަ ފަންސާސް ހަ ހާސް ހަތްސަތޭކަ ހަތްދިހަ ހަތް ރުފިޔާ ތިރީސް ހަތަރު ލާރި) އެ ކޮމިޝަނުން ވަނީ ހަރަދުކޮށްފަ އެވެ.

ކޮމިޝަނުގެ މުސާރައިގެ ގޮތުގައި މިހާބޮޑު އަދަދެއް 3 އަހަރު ދުވަހުގެ ތެރޭގައި ހޭދަކުރިއިރު ދައުލަތަށް އެންމެ ރުފިޔާއެއް ވެސް ހޯދިފައެއް ނުވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button