
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އިން މިއަދު ފާސްކޮށްފިއެވެ.
ކޮމެޓީގެ ބައްދަލުވުމުގައި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ވަނީ އޭސީސީގެ މެންބަރުން މަގާމުން ވަކިކުރަން ފާސްކޮށް، އެ ނިންމުން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ހުށަހަޅުއްވާފައެވެ. އަދި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފަސް މެމްބަރުންގެ ތައީދާ އެކު މި ހުށަހެޅުން ފާސްކުރިއެވެ.
މި ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އޭސީސީގެ މެމްބަރުންނަށް ޖަވާބު ދާރީވުމަށް ދިން ފުރުސަތުގައި އެ މެންބަރުން ހުށަހެޅި ބަޔާންތަކުގައި އާ ވާހަކަތަކެއް ނެތް ކަމުގައެވެ.
އޭސީސީގެ މެމްބަރު އިބްރާހިމް ޝަކީލާއި އަލީ އަޝްރަފް ވަނީ އެ ކޮމިޝަނުން މީގެ ކުރިން އިސްތިއުފާ ދެއްވާފައެވެ. އެ ކޮމިޝަނުގައި މިހާރު ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތުމަތު އަނޫލާގެ އިތުރުން އައިޝަތު އަބްދުﷲ އެވެ.

އޭސީސީގެ މެމްބަރުން މަގާމުން ވަކި ކުރުމުގެ މަސައްކަތް ފެށީ އެ ކޮމިޝަނުގެ ޕާފޯމެންސް އޮޑިޓެއް ހެދުމަށްފަހު، އެ އޮޑިޓުން މެންބަރުންގެ މަސްއޫލިއްޔަތުތައް އަދާ ނުކުރެވޭ ކަމަށް ފާހަގަވެގެންނެވެ.