ޚަބަރުސިޔާސީ

މުޒާހަރާގެ ބައިވެރިންނަށް ސަރުކާރުން އަނިޔާވެރިވާތީ އެކަން ކުށްވެރިކޮށްފި

 

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ސަރުކާރުން އަނިޔާވެރި ބާރުގެ ބޭނުން ކުރަމުންދާތީ އެކަން ކުށްވެރިކޮށްފިއެވެ.

ބައިނަލްއަގްވާމީ އިންސާނީ ހައްގުތައް ވަކާލާތު ކުރާ އެމްނެސްޓީ އިންޓަނޭޝަނަލް، ޓްރާންސްޕޭރެންސީ މޯލްޑިވްސް، ހިއުމަން ރައިޓްސް ވޮޗް އަދި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޑިމޮކްރަސީ ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ސަރުކާރުން އަނިޔާވެރި ބާރުގެ ބޭނުން ކުރަމުންދާތީ އެކަން ކުށްވެރިކޮށްފައެވެ.

އެގޮތުން މި ބަޔާނުގައި ބުނެފައިވަނީ ކުރީގެ ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމާއި ގުޅިގެން ކުރިއަށް ގެންދިޔަ ސިލްސިލާ މުޒާހަރާގެ ތެރެއިން ސުލްހަވެރި މުޒާހަރާތަކަށް ހުރަސް އެޅުމާއި، ސުލްހަވެރި މުޒާހަރާގެ ބައިވެރިންނާއި ނޫސްވެރިން ނުހައްގުން ހައްޔަރުކުރުން ހަރުކަށި އިބާާރާތުން ކުށްވެރިކުރާކަމަށެވެ. އަދި ޚިޔާލު ފާޅުކުރުމުގެ ހައްގާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި އެއްވެ އުޅުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ އިންސާނީ ހައްގުތައް ދިފާއުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ހައްގެކެވެ. ބަޔާނުގައިވާގޮތުން ފުލުހުންގެ ޢަމަލުތަކުގެ ސަބަބުން ޤާނޫނުއަސާސީގައި މި ޙައްޤުތައް ޙިމާޔަތްކޮށް، ސީދާ މަދަނީ އަދި ސިޔާސީ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ 27،28، 30 އަދި 32 ވަނަ މާއްދާއަށް ހުރަސްއެޅިގެންދެއެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކަކީ އެ ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާ ހިލާފު ފިޔަވަޅުތަކެއްކަމަށް މި ބަޔާނުގައިވެއެވެ. އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޙައްޤު ބޭނުންކުރުމުގެ ހުއްދަ ހޯދުމުގެ ޝަރުޠު އުވާލުމަށް ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ ޙައްޤުގެ ޤާނޫނަށް ހުށަހެޅުއްވި އިޞްލާޙުތައް، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މާއްދާތަކާއި، ބައިނަލްއަޤްވާމީ މަސްއޫލިއްޔަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ޤާނޫނު ގެނައުމަށް ހުށަހެޅުއްވި އިޞްލާޙުތައް، ބޭރުކޮށްލާފައިވާތީ އެކަން ކުށްވެރިކޮށްފައިވެއެވެ.

ނަސްލާއި ޖިންސާއި ބަހާއި ދީނާއި ސިޔާސީ ނުވަތަ އެހެނިހެން ހިޔާލާއި ގައުމީ ނުވަތަ އިޖުތިމާއީ އަސްލާއި މުދަލާއި އުފަންވުން ނުވަތަ އެހެނިހެން ދަރަޖަ ފަދަ އެއްވެސް ބާވަތެއްގެ ތަފާތު ކުރުމެއް ނެތި ސުލްހަވެރި އެއްވުމެއްގައި ބައިވެރިވުމުގެ ހައްގު ފަހިކޮށްދީ ހިމާޔަތް ކުރުމަށް ދިވެހި ފުލުހުންނަށް މި ބަޔާނުގައި ގޮވާލާފައިވެއެވެ. އަދި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނާ އެއްގޮތަށް ޤާނޫނު ގެނައުމަށްޓަކައި ސަރުކާރުގެ އެގްޒެކެޓިވް އަދި ލެޖިސްލޭޓިވް ގޮފިތައް ގުޅިގެން މަސައްކަތްކުރުމަށާއި އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ މިހާރުގެ ޢަދަދެއްގެ ހައިސިއްޔަތުން ބައިނަލްއަޤްވާމީ މަސްއޫލިއްޔަތުތަކާ ޚިލާފަށް ރާއްޖެއިން ޢަމަލުކުރާ ގޮތް ބަދަލުކުރަންޖެހޭކަމަށާއި، ފުލުހުންގެ އަމަލުތައް ފުރިހަމައަށް ތަހުގީގުކޮށް އެ މުއައްސަސާއާއި އެ މުއައްސަސާގެ މުވައްޒަފުން ޖަވާބުދާރީ ކުރުވުމަށް ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ގޮވާލާފައިވެއެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button