ޚަބަރުސިޔާސީ

ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ދިފާއީ ހެކި ދޮގު ކުރަން ދައުލަތުން އައު ހެއްކެއް

ވ. އާރަށް މައްސަލަަގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަސް ދޮގުކުރަން ދައުލަތުގެ ފަރާތުން ހުށަހެޅި އާ ހެކިތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމަވައިފިއެވެ.

އާރަށް ކުއްޔަށް ދިން މުއާމަލާތުގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑްރިން މައްސަލައާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ރިޝްވަތު ހިފުމުގެ ދައުވާއެވެ.

މި މައްސަލައާއި ގުޅިގެން ރައީސް ޔާމީންގެ ފަރާތުން އެމަނިކުފާނުގެ ދިފާއުގައި ހެކިބަސް ދިން ދިފާއީ ހެކިން ކޯޓުގައި ދިނީ ދޮގު ހެކިބަހެއް ކަންް ސާބިތުކުރުމަށް ދައުލަތުން އާ ހެކިތައް އޮތީ ހުށަހަޅާއެވެ. އެއީ ޖިނާއީ އިޖްރައާތުގެ 135 ވަނަ މާއްދާގެ ދަށުން ބަލައިގަނެވޭނެ ހެކިތަކެއް ކަމަށް ވުމުން ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި މި މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމުގައެވެ. ޖިނާއީ އިޖްރައާތުގެ 135 ވަނަ މާއްދާގައި ބުނެފައިވަނީ ޝަރީއަތް ކުރިއަށް ދަނިކޮށް އާ ހެކިތަކެއް ލިބިއްޖެނަމަ ކޯޓަށާއި އަނެއް ފަރާތަށް އަންގަވާނެކަމަށެވެ.

މިގޮތަށް އިސް ގާޒީ ނިންމެވުމުން ޔޫސުފް ނައީމްގެ ވަކީލުން އެދިވަޑައިގަތީ އެ ނިންމުން މުރާޖާކުރުމަށެވެ. އަދި އެކަމާމެދު ވާހަކަ ދައްކައި އަލުން ގޮތެއް ނިންމަން ދެ ފަރާތަށް ފުރުސަތު ދެއްވުމަށް ވަކީލުން އެދި ވަޑައިގަތެވެ. ދިފާއީ ގޮތުން ރައީސް ޔަމީންގެ މި މައްސަލައިގައި ކުރިން ހެކިބަސް ދެއްވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާއި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރު އަދި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button